ސްރީލަންކަން އެއާލައިންސް

ސްރީލަންކަންއިން "ނެއިބާ ފްރީ ސީޓް" ދެނީ

ސްރީލަންކަން އެއާލައިންސް އިން ދަތުރު ކުރާ މީހުނަށް ޕަރައިވަސީ ޖާގައެއް ދިނުމުގެ ގޮތުން އިތުރު ސީޓެއް ބުކް ކުރުމުގެ ފުރުސަތު ލިބޭ އޮފާއެއް ފަށައިފި އެވެ.

"ނެއިބާ ފްރީ ސީޓް" ގެ ނަމުގައި އެ އެއާލައިނުން ދޭ އޮފާއަކީ ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުންނަށް ރައްކާތެރި ދަތުރަކަށް މަގުފަހި ކޮށްދޭން އިކޮނޮމީ ފަސިންޖަރުންނަށް ހާއްސަކޮށް ފެށި އޮފާ އެކެވެ.

ސްރީލަންކަން އެއާލައިންސް އިން ބުނީ ދަތުރު ކުރާކަން ޔަގީންވާ ފަސިންޖަރުންނަށް ހެޔޮ އަގެއްގައި ޖެހިގެން އިތުރު ސީޓެއް ނުވަތަ ބުކް ކުރާ ސީޓާ ޖެހިގެން މުޅި ސަފު ވެސް ބުކް ކޮށްލެވޭނެ ކަމަށެވެ. އެކަމަކު މި ސީޓްތަކުގެ ޕްރީ-ބުކިން ހެއްދޭނީ ސީޓު ލިބެން ހުރި މިންވަރަކުން ކަމަށެވެ.

އަދި ދަތުރުކުރާ ފަސިންޖަރުންނަށް މި އޮފާގެ ސަބަބުން އެހެން މީހުނާ ގައިދުރުކޮށް ޕްރައިވެސީއާއެކު ދަތުރު ކޮށްލެވޭނެ އެވެ.

އެ އެއާލައިންގެ ސީއީއޯ ވިޕުލަ ގެނަތިލެކާ ވިދާޅުވީ އާންމުކޮށް ދަތުރުކުރާ ފަސިންޖަރުން އެކަކު އަނެކަކާ ޖެހިގެން ތިބޭ ނަމަވެސް މި ފުރުސަތުގެ ސަބަބުން ފަސިންޖަރުންނަށް ދަތުރުކުރާއިރު ޕްރައިވަސީ ޖާގައެއް ލިބިގެން ދާނެ ކަމަށެވެ. މި ޖާގަ ދާއިމީ ކުރަން ވިސްނުން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.