ހަބަރު

ސްރީލަންކަންގެ ޔޫރަޕް ދަތުރުތައް އިތުރުކޮށްފި

Jul 26, 2020

ރާއްޖެ އިން ޔޫރަޕަށް ކުރާ ދަތުރުތައް އިތުރު ކޮށްފި ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފި އެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ އަރިސް ކުރަމުން ސްރީލަންކަން އެއާލައިންސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފުތާއަކު ހަތް ފްލައިޓު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ފްލައިޓުތައް އިތުރު ކުރުމާއެކު ޔޫރަޕްގެ ބައެއް ބޮޑެތި ސިޓީތައް ކަމުގައިވާ ލަންޑަނާއި ޕެރިސް އާއި މިލާން އަދި ފްރެންކްފާޓްއާ ރާއްޖޭގެ ދަތުރުތައް ގުޅާލާނެ ކަމަށެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލުމުން ސްރީލަންކަން އިން އައީ ހަފުތާއަކު ތިން ދަތުރު ކުރަމުންނެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ މި މަހު 15 ވަނަ ދުވަހު އެވެ. މިހާރު ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފަ އެވެ.