ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 ފެތުރޭތީ އޭސް އޭވިއޭޝަން ޓިކެޓިން އޮފީސް ބަންދުކޮށްފި

Aug 3, 2020

ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އޭސް އޭވިއޭޝަންގެ ޓިކެޓިން އޮފީސް ވަގުތީ ގޮތުން ބަންދުކޮށް، އޮންލައިންކޮށް ހިދުމަތް ފަށައިފި އެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ޓިކެޓިން އޮފީސް ބަންދުކުރީ ކޮވިޑް-19 ހަލުވިކާއެކު ފެތުރެމުން ދިއުމާއެކު މުވައްޒަފުންނާއި ކަސްޓަމަރުން ރައްކާތެރިކޮށް ސަރުކާރުން މި ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތް ތަކަކީ އޮންލައިންކޮށް ވެސް ކޮށްލެވޭ މަސައްކަތްތައް. އެހެންވެ، ޓްރަޔަލްއެއް މިއީ މިކަން މިގޮތަށް ކިހާ ފުރިހަމަކޮށް ކޮށްލެވޭނެ ތޯ ބެލުން. އެހެންވެ ބަންދު ކުރީ،" ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓުކަން ކުރާ ކުންފުނީގެ އެމްޑީ، ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓިކެޓިން އޮފީސް ބަންދު ކުރިނަމަވެސް އެ ކުންފުނީން ދޭ ޓިކެޓު ވިއްކުމުގެ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

"އޮންލައިންކޮށް ޓިކެޓު ބުކްކޮށް ގަނެވޭނެ. ފައިސާ ދެއްކުން ވެސް އިންޓަނެޓް ބޭންކިން އާއި އޭޓީއެމް އަށް ގޮސް ފައިސާ ޖަމާކޮށްގެން ވެސް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާނެ،" ފިރާގު ވިދާޅުވި އެވެ.

ލޮކްޑައުންް އަށް ދިން ލުއިތަކާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 215 މީހުން ވަނީ ޕޮޒިޓިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި ބަންގަލާދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހުނާއި އަވަށްޓެރި ސްރީ ލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑޮނޭޝިއާގެ ރައްޔިތެކެވެ. މިއަދު މިހާ ގިނަ އަދަދަށް މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވެސް 156 މީހަކަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4164 އަށް އަރާފަ އެވެ.