ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއާޕޯޓަށް ގިނަ މީހުން ނުދާން އިލްތިމާސްކޮށްފި

Dec 9, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކް ހައި ވަމުންދާތީ، އެއާޕޯޓުގައި މީހުން ގިނަވެ، ބައިބޯ ވެދާނެ ކަމަށް ބަލައި އެއާޕޯޓަށް ގިނަ މީހުން އެއް ފަހަރާ ނުދާން އިލްތިމާސް ކޮށްފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އެއާޕޯޓުގެ ޓްރެފިކް ހައި ވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓަށްދާ މީހުންގެ އަދަދު މަދު ކުރުން މުހިންމު ކަމަށެވެ. ހާއްސަކޮށް ފުރާ މީހުންނާއި އަންނަ މީހުންނަށް މަރުހަބާ ކިޔަން ވީހާ ވެސް ގިނަ މީހުން ނުދާން ކުންފުނިން އެދެ އެވެ. އަދި އެއާޕޯޓަށް ދާއިރު ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސް އަޅަން ވެސް އެ ކުންފުނިން އިލްތިމާސް ކޮށްފައިވެ އެވެ.

ޗައިނާގެ ވުއާން ސިޓީން ކޮވިޑް-19 ގެ ބަލި ފެނުމާއެކު، ރާއްޖެ ލޮންޑައުން ކޮށްފައި ވަނީ މާޗް 15 ގަ އެވެ. އަދި އަލުން ބޯޑަރު ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ. ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވެ، ޓޫރިސްޓު އެރައިވަލްސް ވެސް ވަނީ މަތިވެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، 1،748 ޓެސްޓު ކޮށްގެން، ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 35 މީހުންނެވެ. މިއަދާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،248 އަށް އަރާފަ އެވެ. މި ވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 707 މީހުންނެވެ. އަދި މިހާތަނަށް 12،487 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ. މި ވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 69 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.