ވިޔަފާރި

އައްޑުއަށް ސްރީލަންކަން ފްލައިޓް އިތުުރު ކުރަނީ

Apr 13, 2022

އައްޑޫ ސިޓީއަށް ޓޫރިސްޓުން އިތުރު ކުރަން ސްރީލަންކަން އެއާލައިންސް އިން ފްލައިޓް އިތުރު ކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އަންނަ މަހުން ފެށިގެން ހަފުތާއަކު ތިން ފްލައިޓް އަޅާނެ ކަމަށެވެ. މީގެ ބޭނުމަކީ އައްޑު / ހުވަދޫ އަށް އަންނަ ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރު ކުރުމެވެ.

"މީހުން އަންނަން ފަސޭހަވާނެ ގޮތެއް މި ހަމަޖައްސައި ދެނީ. މިހާރު ދެ ދުވަހަކަށް އަންނަން ބޭނުންވާ މީހުންނާއި ހަފުތާ އަަކަށް ޗުއްޓީއަށް އަންނަ ބޭނުންވާ މީހުންނަށްވެސް މި ފުރުސަތު އޮންނާނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރު މުއްދަތެއްގައި އައްޑޫގައި ޗުއްޓީ ހޭދަ ކުރަން އަންނަ މީހުންނަށް "ފްލެކްސިބަލް" ކޮށް އާދެވޭނެ ގޮތް ހަމަޖެއްސި އަނެއް ސަބަބަކީ އިންޑިއާ މާކެޓު ފުޅާ ކުރުމެވެ.

"އުންމީދެއްގައި މިކަން މި ކުރަނީ. ޓްރެފިކް މޫވްމެންޓް އިތުރުވާނެ ކަމުގެ،" ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އައްޑޫއަށް ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ކުރާއިރު ހިދުމަތް ދެވޭ ފެންވަރަށް ހުޅުވިފައި އޮތީ ސައުތު ޕާމް ރިސޯޓު އެކަންޏެވެ. އަދި ދެން ހުޅުވާފައިވާ ކެނެރީފް ހުޅުވާފައިވަނީ "ނަމެއްގައި" ކަމަށެވެ.