ވިޔަފާރި

މާތަލަ އެއާޕޯޓަށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކެއް

Dec 23, 2020
1

ސްރީކަންކާގެ މާތަލަ ރާޖަޕަކްސް އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަން އިން ޗާޓަރު ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވި ގޮތުގައި މާތަލަ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ކުންފުނިން އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ. މީގެ ފުރަތަމަ ފްލައިޓް މިރޭ ރާއްޖޭން ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދަތުރުތަކުގައި އޮންނާނީ ހަފުތާއަކު ދެ ފްލައިޓް. އަދި މަސް ދުވަހަށް ދެމިގެން ދާނެ،" ވަސީމް ވިދާޅުވި އެވެ.

މި ދަތުރުތައް ފަށާ ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ. ނަމަވެސް، އަވަސް އަށް އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އިން މާތަލަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރަނީ ސްރީލަންކާގެ ސީމަނުން ތަކެއް އެ ގައުމަށް ގެންގޮސް ދިނުމަށެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވުމުން ހުޅުވާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތީ ބައެއް ޓްރާންސިޓް ފްލައިޓްތައް ދަނީ އަންނަމުންނެވެ. އެގޮތުން ޔޫކޭ އާއި ޔޫއޭއީ ފަދަ ގައުމުތަކުގައި މަޑު ކުރުމަށްފަހު އަންނަ ސީމަނުން އުފުލަން އެއް މަސް ދުވަހަށް މި ފްލައިޓް އަޅަން ނިންމީ އެހެންވެ އެވެ.

އެނގިފައިވާ ގޮތުގައި ސްރީލަންކާގެ ގޯލް ހިސާބުގައި ދިރިއުޅޭ ސީމަނުން ގެންދަން މޯލްޑިވިއަންއާ ހަވާލު ކުރީ އެހެން ބައެއް އެއާލައިންތައް ވެސް ހުއްޓައި ގައުމީ އެއާލައިންއަށް ދީފައިވަނީ އެ ކުންފުނިން ކޮވިޑް-19 ގެ ހާލަތުގައި ބައެއް ގައުމު ތަކަށް ދަތުރުތައް ކޮށްފައިވުމާއި އަގަށްވެސް ބެލުމަށްފަހު އެވެ.

މޯލްޑިވިއަން އިން ކުރިން ވެސް މާތަލަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ތަކެއް ފަށަން މަސައްކަތް ކުރި އެވެ. ނަމަވެސް މިހާތަނަށް ޝެޑިއުލްކޮށް ފްލައިޓް ތަކެއް ފެށިފައެއް ނުވެ އެވެ.

ކޮވިޑް-19 ގެ ބަލީގެ ސަބަބުން ސްރީ ލަންކާގެ ބޯޑަރު މިވަގުތު އޮތީ ބަންދުކޮށްފަ އެވެ. އަދި ބޯޑަރު އަލުން ހުޅުވަން ވިސްނުމުން ދަނީ އަންނަ މަހު އެވެ. ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) ގެ ޗެއާމަން، ކިރްމަލީ ފެނާންޑޯ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 މާހައުލެއްގައި، ޓޫރިސްޓުންނާ މެދު އަމަލުކުރެވެން ހުރި ގޮތްތަކެއްގެ މައްޗަށް ގަވާއިދުތަކެއް ހަދަމުންދާ ކަމަށެވެ.