ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް އޭޑިކޭ ހޮސްޕިޓަލް، އިން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލުތަކެއް ގެންނަން އެ ހޮސްޕިޓަލުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
އެހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަގުތަކަށް ބަދަލު އަންނަނީ، ޑޮކްޓަރަށް ދެއްކުމަށް ހައްދާ އެޕޮއިންޓްމަންޓް ފީ އާއި އެނދުން ނަގާ އަގާއި، އެ ހޮސްޕިޓަލުން ކުރާ އޮޕަރޭޝަންތަކުގެ އަގުތަކަށެވެ. އެހެން ނަމަވެސް، އެ އަގުތައް ބޮޑުވަނީ ކިހާވަރެއް ކަމެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ.
އަގުތައް ބޮޑުކުރަން ޖެހުނީ، ހޮސްޕިޓަލްގައި ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މުވައްޒިފުންނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާ ގުޅިގެން ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން މިވޭތުވެ ދިޔަ ދުވަސްތަކުގައި ހޮސްޕިޓަލުން ދޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒިފުންގެ މުސާރަ އާއި އުޖޫރަ 115 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓްތަށް ހޯދުމަށް ކުރަން ޖެހޭ ހަރަދު 117 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަށް ފޯރުކޮށް ދިނުމުގައި މާލީ ދަތިތަކެއް ދިމާވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފަވެ އެވެ. އަދި މާލީ ދަތިކަމުން އަރައިގަނެވެން ހުރީ ހޮސްޕިޓަލުން ފޯރުކޮށްދޭ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެގޮތުން ޑޮކްޓަރަށް ދެެއްކުމަށް ނަގާނެ ފީތަކަކީ، ސުޕަ ސްޕްޝަލިސްޓުންނަށް ދައްކާނަމަ ނަގާނެ ފީއަކީ 500 ރުފިޔާ އަދި އާއްމު ޑޮކްޓަރަކަށް ދައްކާނަމަ ނަގާނެ އަގަކީ 300 ރުފިޔާ އެވެ. ޑޮކްޓަރަށް ދެއްކުން ފިޔަވާ އެހެން ހިދުމަތްތަކުން
އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ފިޔަވައި، ދެން ހުރި ހިދުމަތްތަކަށް ނަގާ މިންވަރު އިތުރުކުރާނީ 10-15 ޕަސެންޓުގެ މިންވަރު ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އަގުތަކަށް އެންމެ ފަހުން ބަދަލުތަކެއް ގެނެސްފައިވަނީ، 2012 ވަނަ އަހަރު އެވެ. އޭޑީކޭ ހޮސްޕިޓަލްގައި މިހާރުވެސް ދަނީ 15 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، އަށް ސުޕަ ސްޕްޝަލިސްޓް ޑޮކްޓަރުން ހިދުމަތް ދެމުންނެވެ.