ދުނިޔެ

ރަޝިއާ ސިފައިން ސްމާޓް ފޯނު ގެންގުޅުން މަނާކޮށްފި

Feb 21, 2019

މޮސްކޯ (ފެބްރުއަރީ 21) - ސޯޝަލް މީޑިއާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ޑިޔުޓީގައި އުޅޭ ވަގުތުތަކުގައި ރަޝިއާ ސިފައިންނަށް ސްމާޓް ފޯނު ބޭނުންނުކުރެވޭ ގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.

ރަޝިއާ ޕާލިމަންޓުގެ ތިރިގޭގައި ހިމެނޭ ޖުމްލަ 450 މެމްބަރުންގެ ތެރެއިން 400 އަށް ވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު ފާސްކުރި ބިލުގައި ބުނެފައިވަނީ، ފޮޓޯއާއި ވީޑިއޯގެ އިތުރުން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭ ފަދަ އެއްވެސް ފޯނެއް ޑިޔުޓީގައި އުޅޭ ވަގުތުގައި ސިފައިންނަށް ބޭނުންނުކުރެވޭނެ ކަމަށެވެ.

އެ ގާނޫނުގެ ދަށުން، ފޯނު ކޯލުތަކުގެ އިތުރުން މެސެޖު ކުރެވޭ އެންމެ އާދައިގެ ފޯނު ބޭނުންކުރުން ހުއްދަކޮށްފައިވާ ވީނަމަވެސް، ލެޕްޓޮޕްް އަދި ޓެބްލެޓް ބޭނުންކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

ރަޝިއާ ސަރުކާރުން ބުނީ، އެ ގާނޫނުގެ ބޭނުމަކީ އަސްކަރީ ސިއްރުތައް ބޭރުވުން ހުއްޓުވުން ކަމަށެވެ. މީގެ ކުރިން، ސީރިއާ އަދި ޔޫކްރެއިން ފަދަ ގައުމުތަކުގައި ރަޝިއާ ސިފައިން ހަރަކާތްތެރިނުވާ ކަމަށް ރަސްމީކޮށް ބުނި ނަމަވެސް، ރަޝިއާ ސިފައިންގެ ސޯޝަލް މީޑިއާގައި ކުރެވޭ ބައެއް ޕޯސްޓުތަކުން އެއީ ހަގީގަތެއް ނޫންކަން ވަނީ ފަޅާއަރައިފަ އެވެ.