ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ޗައިނާއަށް ވަޑައިގަންނަވަނީ އެވެ. މި ދަތުރަށް އޮތް ތާރީހަކީ އޭޕްރީލް 8-9 އެވެ.
ރަޝިއާގެ ނޫސްތައް ބުނާ ގޮތުން ލަވްރޯފްގެ މި ދަތުރަކީ ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީއާ މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.
މަޝްވަރާއަށް ވަކި މައުލޫލެއް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ބައިނަލްއަގްވާމީ މައްސަލަތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ސައްލާކުރައްވާނެ އެވެ.
ރަޝިއާ، ޗައިނާގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރައްވައި ވަޑައިގެން ކުރައްވާ މަޝްވަރާތައް ހުޅަނގަށް އާންމުކޮށް ވެފައި އޮންނަނީ މޭއަންދާ ކަމަކަށެވެ. ދެ ގައުމުގެ ދެމެދުގައި ކޮށްފާނެ މަޝްވަރާއަކާ މެދު ވިސްނައި ހޮޑުލަވާ ވަރު އޮންނަނީ ވެފަ އެވެ.
ސަރުގޭ ލަވްރޯފް ޗައިނާއަށް ވަޑައިގަންނަވާއިރު ޗައިނާއާ އެކު މަޝްވަރާ ކުރެއްވުމަށް އެކަށީގެންވާ މައުލޫތަކެއް އެބަހުއްޓެވެ. މީގެތެރޭގައި ނޭޓޯ ސިފައިން ޔުކްރޭނަށް މަދަދުވެރިވުމާ ބެހޭ ގޮތުން އަދި ޔުކްރޭން ހަނގުރާމަ ސުލްހަވުމާ ދިމާއަށް ގެންދިއުން ވެސް ހިމެނެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ޗައިނާ އިން ވަނީ ޔުކްރޭނަށްވެސް ކަރުދާހެއް ހުށަހަޅާފަ އެވެ. މިއިން އެއްވެސް މަޝްވަރާއެއްގައި ދެމެހެއްޓެެނިވި ސިފަ ނުޖެހިގެން އުޅެނީ ހުޅަނގުން ޔުކްރޭންގެ ބޮލަށް ވާފުރާލެއް ގިނަ ކަމުންނެވެ.
ރަޝިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުގައި ބްރިކްސް ޖަމާއަތާ ބެހޭ ގޮތުންނާއި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ލަނޑުދަނޑިތަކާ ބެހޭ ގޮތުންނާއި އަދި ރަޝިއާގެ އިގުތިސާދު މި އަހަރަށް އަމާޒު ހިފާފައި ހުރި މިސްރާބާއި އިގުތިސާދީ ގޮތުން ރަޝިއާ ހާސިލްކުރަން ގަސްދުކުރާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރައްވާނެ އެވެ.
މީގެއިތުރުން އިޒުރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާއި ސީރިއާގައި ހުންނަ އީރާންގެ އެމްބަސީއަށް އިޒުރޭލުން ދިން ހަމަލާތަކާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.