ދުނިޔެ

ޗައިނާއިން ހުޅަނގަށް: ރަޝިއާ އޮންނާނީ އަހަރެމެންނާ އެކު

ޗައިނާއާ މެދު ހުޅަނގުން ކިތަންމެ ކަސިޔާރު ވިސްނުމަކުން ވިސްނި ނަމަވެސް -- ރަޝިއާ އަކީ ޗައިނާއަށް އޮތް ގަދަފަދަ އަދި ދެމެހެއްޓެނިވި ބާރެއް ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފްއާ އެކު އޮތް މަޝްވަރާ ބައްދަލުވުމަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ރަޝިއާ އާއެކު ގުޅުން ހަރުދަނާ ކުރުމުގައި ޗައިނާ ދެމިއޮންނާނެ ކަމަށެވެ.

ޝީ ޖިންޕިން މިހެން ވިދާޅުވިއިރު -- މީގެ ދެތިން ދުވަސް ކުރިން އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލަން ޗައިނާއަށް ވަޑައިގެން -- ރަޝިއާ އާއެކު ގުޅުން ބަދަހިނުކުރުމަށް ވަނީ ގޮވާލާއްވާފަ އެވެ.

އެމެރިކާގެ ވިސްނުން ވަކި ގޮތެއްގައި އޮއްވައި ރަޝިއާ އާއެކު ގުޅުން ދަމަހައްޓަވާނެ ކަމަށް ޝީ ޖިންޕިން ވިދާޅުވުމަކީ ހުޅަނގަށް ދިން ވަރުގަދަ މެސެޖެއް އަދި އިންޒާރެއް ކަމަށްވެސް ބެލެވެ އެވެ.

ޗައިނާ ބުނާ ގޮތުން އެ ގައުމަށް މަންފާކުރާ ގޮތުގައި ގުޅުން ބަދަހިކުރާނެ ގައުމުތަކާއި ހަދާނެ އެއްބަސްވުންތައް އެނގޭނީ އެމެރިކާއަކަށް ނޫނެވެ. ޗައިނާ އަކީ އަމިއްލަ އިހްތިޔާރީ ބާރެއްގެ މައްޗަށް ބިނާވެފައި އޮތް ދައުލަތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގެ ވާހަކަތައް ހުރި ގޮތުން ރަޝިއާ ޝާމިލުވާ ކަމެއްގައި، މިސާލަކަށް ޔުކްރޭން ހަނގުރާމާގައިގެ ތެރެއަށް ހުޅަނގުން ވަަދެއްޖެނަމަ ރަޝިއާ ކޮޅަށް ޗައިނާ ބުރަވާނެ އެވެ. އަދި މަދަދުވެރިއެއް ގޮތުގައި ދެމިއޮންނާނެ އެވެ. މިއީ އެއްގޮތަކަށް ވެސް ހުޅަނގަށް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.

ޔުކްރޭން ހަނގުރާމައިގައި ރަޝިއާ ބަލިކުރުމަށްޓަކައި ފަރަންސޭސިވިލާތުން ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ބުނެ ދޭ އިންޒާރަކީ ރަޝިއާ ލައްވައި ގޯހެއް ހެދުމަށް ދޭ އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ރަޝިއާއަށް މިފަދަ ގޯހެއް ހެދުނު ނަމަވެސް ނުވަތަ ނޭޓޯ ސިފައިން ޔުކްރޭނަށް އެއްބާލުން ދިން ނަމަވެސް ޗައިނާ އަކީ ރަޝިއާއަށް ހިމާޔަތަކަށް ވާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ދެކެ އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު ބައިވަމުންދާ ގޮތުން އެމެރިކާއާއި ޗައިނާ ދެ ފަޅީގައި އޮވެފައި، މި ދެ ފަޅިއަށް އަރާނެ ގައުމުތައް މިހާރު އަންނަނީ ތިލަވަމުންނެވެ.

އެމެރިކާ ކޮޅުގައި މުޅި ޔޫރަޕް އޮތްއިރު ޗައިނާ ކޮޅުގައި ރަޝިއާ، އީރާން، އުތުރު ކޮރެއާ އަދި ވަކިކޮޅަކަށް ޖެހެން ބޭނުން ނުވާ ކިތަންމެ ގައުމެއްވެސް ޗައިނާ ކޮޅަށް ލެނބޭނެ ކަމަށް ބެލެވެ އެވެ.