ހަބަރު

ޝަކީބު ޑީޕީއީއިން ވަކިކޮށްފި

Feb 24, 2019
3

މުވައްޒަފުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައި ވަނިކޮށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބު، އެ މަގާމުން ވަކިކޮށްފި އެވެ.

ޝަކީބުގެ އިތުރުން ޑީޕީއީގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން ވެސް ވަނީ އެ ޑިޕާޓްމެންޓުން ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނެސްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.

އެހެން ނަމަވެސް އެއީ ވަކި ބޭފުޅަކާ ދޭތެރޭ އެޅި ފިޔަވަޅެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އާ ސަރުކާރު އައުމަށްފަހު މިނިސްޓްރީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކި ޑިޕާޓްމެންޓްތަކަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައު ޑީޕީއީ ވެސް ހިމެނޭ ކަމަށެވެ.

ޝަކީބު، މަގާމުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފާ ކަމަށް ބުނެ ޑީޕީއީގެ މުވައްޒަފުން ވަނީ އޭސީސީ އާއި އެޑިއުކޭޝަން މިނިސްޓަރަށް ސިޓީއެއް ފޮނުވާފަ އެވެ.

އެގޮތުން މުވައްޒަފުންގެ "ބްލެކް ލިސްޓް" އެއް އޮންނަ ކަމަށާއި އެ ލިސްޓްގައި ހިމެނޭ މުވައްޒަފުންނަށް ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ނަފްސާނީ ގޮތުން ގިނަ ގެއްލުން ލިބެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މުވައްޒަފުންނާމެދު އެންމެ ބޮޑު ތަފާތުކުރުމެއް ޝަކީބު ގެންގުޅުއްވަނީ އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާއާ ގުޅޭ ގޮތުން ކަމަށް މުވައްޒަފުން ތުހުމަތު ކުރެ އެވެ. އެހެން މުވައްޒަފަކަށް ކުޑަވެސް އޮޅުމެއް ނޫނީ ކުށެއް ކުރެވޭއިރަށް އެކަން ސީރިއަސްކޮށް ބަލައި ބަޔާން ނަގައި ހަދާ ކަމަށާއި ނަމަވެސް އުމްނިޔާ މުސްތަފާގެ އިހުމާލުން ކަމެއް ވިޔަސް އެ މައްސަލައެއް ނުބަލާ ޝަކީބު ހުއްޓުވާ ކަމަށް ސިޓީގައިވެ އެވެ.

އެ ކަންބޮޑުވުންތައް ޑީޕީއީގެ ގިނަ މުވައްޒަފުންގެ އެބަހުރި ކަމަށާއި ކުރީ ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް ސިޓީގައި ބުނެފައިވެ އެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުންޏެވެ. އެހެންވެ، އެ މުވައްޒަފުން އެދިފައިވަނީ ޝަކީބު އެ މަގާމުން ވަކިކޮށް ޒިންމާދާރު ވެރިއެއް އެތަނަށް އައްޔަން ކުރުމެވެ.

ޑީޕީއީއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމެންޓެއް ކަމަށްވީ ނަމަވެސް އެއީ ވަކި މުއައްސަސާއެކެވެ. އިމްތިހާނުތަކުގެ ކަންކަމާ ހަވާލުވެ އޮންނަ ޑީޕީއީގައި ގާތްގަނޑަކަށް 40 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ޝަކީބު އެ އިދާރާގައި މަސައްކަތް ކުރައްވާތާ 11 އަހަރު ވެއްޖެ އެވެ. އުމްނިޔާ މުސްތަފާ ވެސް އިދާރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެ އެވެ.