ރިޕޯޓް

ޕާކިން މައްސަލައިގެ ހައްލު އޮތީ ޕާކްކޮށްފައި!

މާލޭގެ ޕާކިން މައްސަލަ ދައްކުވައިދޭ ވީޑިއޯ ގްރެފިކްސް އެއް: ޕާކިން މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ -- އަވަސް އިންފޮގްރެފިކްސް | އަހުމަދު މާނިޝް

ސްކޫލްތައް ހުޅުވުމުން މަގުތައް ތިއްޖެހި ބެދެ އެވެ. އޮފީސް ތަކަށް މީހުން ދާ ވަގުތު، ހާއްސަކޮށް ވެލާނާގެ ކައިރީގައި ޕާކު ކޮށްލާނެ ޖާގައެއް ނޯވެ އެވެ. މާލެއަށް މީހުން ފައިބާ ވަގުތުތަކުގައި ބަނދަރުމަތިން ދުއްވޭ ވަރެއް ނޫނެވެ. އަމުދުން ޕާކު ކޮށްލާނެ ޖާގައެއް އެއްގޮތަކަށް ވެސް ނުލިބެ އެވެ. ބޭންކުތަކާއި ފެރީ ޓާމިނަލްތައް ކައިރި އޮންނަނީ ބާރުވެފަ އެވެ. މާލެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މިއީ އެވެ. ވެރިރަށް މާލޭގެ އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރު ވެގެން ދިޔައިރު މާލޭގައި ޕާކު ކުރާނެ ޖާގަ ހެދިފައެއް ނެތެވެ. އޭގެ ނަތީޖާއަކީ ޕާކިން ޒޯނުތައް ފުރި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް އެކަން އާއްމު އުނދަގުލަކަށްވުމެވެ. މި މައްސަލައިގެ ހަގީގީ ހައްލަކީ ކޮބައި ހެއްޔެވެ؟ މާލޭގައި ޕާކިން އިމާރާތްތަކެއް އެޅުން ހެއްޔެވެ؟

"މި މައްސަލައިގެ ހަގީގީ ހައްލު ނޭނގެނީ އެއްނޫން. ސަރުކާރުތަކުން މައްސަލަ ހައްލު ކުރަން ނޫޅެނީ. ހަގީގީ މައްސަލަ މި އޮންނަނީ ދުރުގައި ބާއްވާފަ. މި އުޅެނީ މުޅިން އެހެން ކަމެއް ކުރަން،" ޓްރާންސްޕޯޓް އޮތޯރީޓީގެ ކުރީގެ ޗެއާމަން އަބްދު ރަޝީދު ނާފިޒު ވިދާޅުވި އެވެ.

މާލޭގެ ބޮޑު މިނުގައި ގާތްގަނޑަކަށް 5.8 ކިލޯ މީޓަރު ހުރެ އެވެ. މި ރަށް ވެގެން ގޮސްފައި ވަނީ ދުނިޔޭގައި އޮތް އެންމެ ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ދިރިއުޅޭ އެއް ވެރި ރަށަށެވެ. މި ރަށުގައި ދިރިއުޅޭ ސީދާ އާބާދީ އެންމެ ފަހުގެ ބޯހިމެނުމަށް ބަލާއިރު އުޅެނީ 142,909 އަށްވުރެ މަތީގަ އެވެ. އަދި މި މާލޭގައި 99,411 އެއްގަމު އުޅަނދު ދުއްވަ އެވެ. މީގެތެރޭގައި 81,913 އަށްވުރެ ގިނަ ސައިކަލާއި 6,165 ކާރު އަދި އެހެނިހެން އުޅަނދުތައް ވެސް ހިމެނެ އެވެ.

މާލޭގައި މިހާރު ދުއްވަނީ މާލޭގެ ސައިޒާ އެކަށީގެންވާ އަދަދަށް ވެހިކަލް ހެއްޔެވެ؟

ޓްރާސްޕޯޓް މިނިސްޓްރީގެ ކުރީގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި މާލޭގެ ސައިޒަށް ބަލާއިރު އެންމެ އެކަށީގެންވާނީ 18،000 އުޅަނދެވެ. ނަމަވެސް މިހާރު ހަމައެކަނި ސައިކަލްގެ އަދަދު ވެސް އެއްލައްކަ އަރާނެ ކަމަށް ބެލެވެ އެވެ.

"ކޮންމެ މަހަކު މާލެއަށް އެބަގެނޭ ދޭއް ނޫނީ ތިން ކޮންޓެއިނަރުގެ ސައިކަލް. ހަގީގީ މައްސަލައަކީ ކާރު ނޫނީ ހަތަރު ފުރޮޅުލީ އުޅަނދެއް ނޫން. ސައިކަލް ގިނަވުން މައްސަލައަކީ. އިންސްޓޯލްމަންޓް އަގު ހެޔޮ، ޕްލޭން ތަކުން ފަސޭހައިއިން ސައިކަލް ލިބުން. އެހެންވެ މި އިތުރުވެގެން މިދަނީ. ގޭގެ ކުރިމަތީގައި ވެސް މި ޕާކު ކުރަނީ ގިނައިން ސައިކަލް،" އޭނާ ވިދާޅުވި އެވެ.

މާލެ- ހުޅުމާލެ ބްރިޖުން ގުޅައިލުމާއެކު މާލޭގައި ބޭނުންކުރާ ވެހިކަލްގެ އަަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ނަތީޖާއަކަށްވާނީ ޕާކިން މައްސަލަ އިތުރަށް ގޯސްވުމެވެ. ޕާކު ކުރުމުގެ ޑިސިޕްލިން ގެއްލިފައިވާ އިރު އެކަމުގައި ހަމައެއް ލަމައެއް ވެސް ގިނަ މީހުންގެ ކަށީގައި ނެތީ އެވެ. އެހެންވެ ގޭގޭގެ ދޮރުމައްޗާއި ދުއްވާ މީހުނަށް ދަތިވާ ގޮތަށް ވެސް ޕާކު ކުރަނީ އެވެ.

މިކަން ހައްލު ކުރުމަށް ސަރުކާރުން މިހާތަނަށް ހަމައެކަނި އިސްކުރީ އުޅަނދު ފަހަރުގައި އިސްޓިކާ ޖެހުމެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮންނަ އުޅަނދުތަކުގައި ފުލުހުން ލައްވައި ސްޓިކާއެއް ތަތް ކޮށްލުމުން އެ ނިމުނީ އެވެ. އަނެއް ދުވަހު އިސްޓިކާ ފައިސާ ދައްކަން އާއްމު މީހާ މީރާއަށް ދާން ޖެހެ އެވެ. އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ހަގީގަތުގައި އެ އިސްޓިކާ އިން ޓްރެފިކް މައްސަލަ އަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. ހަމައެކަނި ލިބުނު ފައިދާއަކީ ދައުލަތުގެ އާމްދަނީއެއް އިތުރުވުމެވެ. މިދިޔަ އަހަރު ވެހިކަލް ފީ އިން އެކަނި 92 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. އޭގެ ބޮޑު ބައެއް އިސްޓިކާ ފީގެ ޖޫރިމަނާގެ ބައިން ވެސް ވަދެފައިވާނެ އެވެ.

ކާމިޔާބު، ކަރަންޓް ޕާކިން ފެއިލްވުން

ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ ފަސް އަހަރުގެ ސަރުކާރުން ތަފާތު ވިސްނުމެއް ގެންގުޅުނެވެ. އެ ސަރުކާރުގެ ވިސްނުމަކީ ކަރަންޓުން މަސައްކަތް ކުރާ ޒާތުގެ މެކޭނިކަލް ޕާކިން ސިސްޓަމް ތަކެއް ބެހެއްޓުމެވެ. އެހެންވެ، މާލޭގެ ވިއްސަކަށް ސަރަހައްދުގައި ޕާކިން މެޝިންތައް ބަހައްޓަން ބައެއް މެޝިންތައް ގެނެސް އިންސްޓޯލްވެސް ކުރި އެވެ.

ނަމަވެސް މި ޕާކިން ސިސްޓަމްތައް މާލެއާ އެކަށީގެންވާ ނިޒާމަކަށް ނުވި އެވެ. ހާއްސަކޮށް މި ސިސްޓަމްތައް ހަރުކުރި ގޮތަށް ވިސްނާލުމުން އޭގެ ނަތީޖާއަކީ އެ ނިޒާމު ފެއިލްވެ، އެތައް މިލިއަން ރުފިޔާއެއްގެ ބާދަގަނޑަށްވެފައި އޮތުމެވެ.

ބައެއް ސިސްޓަމްތައް ހަރުކޮށްފައި ހުރީ އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފޭ ތަންތަނަކު ވެސް ނޫނެވެ. ވެލާނާގެ އޮފީސް ބިލްޑިންގް ހުރި ސަރައްދަކީ މާލޭގައި ޓްރެފިކް އެންމެ ބާރުވާ އެއް ސަރަހައްދެވެ. މި ސަރަހައްދުގެ އޮފީސް ތަކަށް އަންނަ މީހުންގެ ބޮޑު ޕަސެންޓެއް ދުއްވަނީ ސައިކަލެވެ. އެކަމަކު އެތަނުގައި ބެހެއްޓީ ކާރު ޕާކު ކުރެވޭނެ ނިޒާމެކެވެ. ނަތީޖާއަކަށްވީ އެ ސަރަހައްދުގައި އޮތް ހަމައެކަނި ސައިކަލް ޕާކިން ޒޯނު ވެސް ގެއްލުމެވެ. މަގުތައް އިތުރަށް ފުރި އޮތް ޖެހިގެން ދިއުމެވެ. މަގުގެ ދެ ފަރާތުގައި ޕާކު ކުރަން ޖެހުމުގެ ނަތީޖާއަކީ ޓްރެފިކަށް ބާރު ބޮޑުވުމެވެ.

ދުނިޔޭގައި ކާމިޔާބު އިލެކްޓޯނިކް ޕާކިން މާލޭގައި ފެއިލްވެ ބާދަގަނޑަށްވީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޔާމީން ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ނާފިޒު ވިދާޅުވީ "އިލެކްޓްރޯނިކް ޕާކިން" ސިސްޓަމް ފެއިލްވީ ރަނގަޅު ނޫން އެއްޗެއް ރާއްޖެއަށް އަރުވައިގެނެވެ.

"ހުރިހާ އިލެކްޓްރޯނިކް ޕާކިން ސިސްޓަމް ތަކަކީ ވެސް މެނުއަލީ މަސައްކަތް ކުރާ އެއްޗެއް. އެ އޮޕަރޭޓް ކުރަންޖެހޭ މީހަކު ހުންނަން، މިއީ މައްސަލައެއް. އަނެއްކާ އެހާ ފެންވަރު ދަށް އެއްޗިހި ގެނައީ މެއިންޓަނަންސް އެހާމަތިވާނެ. އެކަން އެނގިލައްވާނެ މިހާރު ހަރުކޮށްފައި ހުރި ގިނަ އެއްޗެހީގައި އެހުރީ ދަބަރު ޖަހާފަ. ސިސްޓަމްތައް މެނުއަލީ ވޯކް ކުރާ ގޮތަށް ހުރީމަ ވާގޮތަކީ މީގެ ކޮންމެ މެޝިނެއްގެ ކައިރީ އެބަޖެހޭ މީހަކު ހުންނަން. އަނެއްކާ މި ހަރުކޮށްފައި ވަނީ ވެސް ރަނގަޅު ތަންތަނަކު ނޫން،" ނާފިޒު ވިދާޅުވި އެވެ.

މިހާރުގެ ވާހަކައަކީ ޕާކިން އިމާރާތް

މި ސަރުކާރުގެ ވިސްނުމަކީ މާލޭގައި ޕާކިން ބިލްޑިންގް ތަކެއް ނުވަތަ އިމާރާތް ތަކެއް ހެދުމެވެ. ރައީސް އިބްރާހިމް
މުހައްމަދު ސޯލިހުގެ ވައުދު ފޮތުގައި މިކަން ވަނީ ލިޔެފަ އެވެ.

ދުނިޔޭގައި ޕާކިން ބިލްޑިން އަޅައިދޭ ކުންފުނިތައް ހަރަކާތްތެރިވެ އެވެ. ޕާކިން އިމާރާތްތައް މާލޭގައި އަޅާނީ ކޮން ތަންތަނެއްގައި ހެއްޔެވެ؟ މި ފަދަ އިމާރާތްތެއް ހުންނަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ އަދި މި ފަދަ އިމާރާތް ތަކުން ލިބެން ހުންނަނީ ކޮން ހިދުމަތް ތަކެއް ހެއްޔެވެ؟ ޕާކިން ބިލްޑިންއަކީ މި މައްސަލައިގެ ހައްލު ހެއްޔެވެ؟

އެމެރިކާގައި ހަދާފައިވާ ޕާކިން ބިލްޑިންގްއެއް

ބޭރުގައި މިފަދަ އިމާރާތްތައް ހުންނަ ގޮތަށް ބަލާއިރު ބައެއް ބިލްޑިންގްތައް ހުންނަނީ ހަމައެކަނި ޕާކްކުރާ އިމާރާތްތަކެއްގެ ގޮތުގައި އެކަންޏެއްވެސް ނޫނެވެ. ބައެއް ތަންތަން ބޭނުން ކުރަނީ ވިޔަފާރީގެ ގޮތުގައި ފައިދާ ވެސް ލިބޭ ގޮތަށެވެ. ބައެއް ގައުމުތަކުގައި ޕާކު ކުރަން ކުޑަ ރަމްޒީފީ އެއް ވެސް ދައްކައިގެންނެވެ. އަދި މިތަންތަން ހުންނަނީ ސަލާމަތީ ގޮތުން ވެސް ފިޔަވަޅު އަޅާފަ އެވެ.

ޕާކިން އިމާރާތް އެޅިދާނެ އެކަމަކު ކޮންތާކު؟

ޕާކު ކުރެވޭނެ ވަސީލަތް ނުވަތަ ޕާކް ކުރާނެ ތަން ހަދާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ ފަސޭހަ އެންމެ އަވަހަށް ލިބޭނެ ގޮތަކަށެވެ. މިފަދަ ތަންތަން ހުންނަން ޖެހޭނީ އެއް ވަގުތެއްގައި ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދުތަކާ ވީހާވެސް ކައިރީގަ އެވެ. މާލެއަކީ ކުޑަ ތަނެކެވެ. އެހެންވެ ޕާކު ކޮށް ހިނގާލާފައި ދާން އާދަ ކުރުމަކީ އަށަގަންނުވަން ޖެހޭ އާދައެއް ހެދިދާނެ އެވެ.

މިފަދަ ތަންތަން ހަދާއިރު، އޮފީސްތަކާއި ސްކޫލްތައް އަދި ބޭންކްތަކާއި މި ނޫން ވެސް އާއްމުކޮށް މީހުން ގޮސްއުޅޭ ތަންތަނަށް އިސްކަން ދޭން ޖެހެ އެވެ.

ޕާކިން އިމާރާތްތައް މާލޭގައި ހެދިދާނެ ހަތް ތަނެއް ފާހަގަ ކޮށްދޭނަމެވެ. މި ނޫން ތަނުގައި ވެސް ރަނގަޅު ދިރާސާ ތަކެއް ކުރުމަށްފަހު އިމާރާތް ތަކެއް ހެދިދާނެ އެވެ.

މަސްވެރިންގެ ޕާކު ސަރަހައްދަކީ މިހާރު މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. ސަބަބަކީ މެރިން ޑްރައިވްގައި ގިނަ އޮފީސްތަކެއް ހުރުމެވެ. އެސްޓީއޯ އައިފާން ބިލްޑިން އާއި އެމްޓީސީ ޓަވަރު އަދި ބޭންކްތައް ވެސް ހުރީ މި ސަރަހައްދާ ކައިރީގަ އެވެ. މަސްވެރިންގެ ޕާކު ސަރަހައްދަކީ ޒަމާނުއްސުރެން ހުސްކޮށް އޮންނަ ބިމެކެވެ. އެހެންވެ، މި ސަރަހައްދުގެ ރީތިކަން ނުގެއްލޭ ގޮތަށް ވިޔަފާރި ފައިދާއާއެކު މި ތަނުގައި ޕާކިން އިމާރާތެއް އެޅިދާނެ އެވެ.

އޮފީސްތައް ހުޅުވާފައި އޮންނަ ދުވަސްތަކުގައި މި ސަރަހައްދަކީ އެންމެ ބިޒީ ސަރަހައްދެވެ. މި ސަރަހައްދުގައި ޕާކިން އިމާރާތެއް އަޅާނަމަ އެންމެ ރަނގަޅު އެއް ތަނެއް ކަމަށް ފެންނަނީ ބާވެ ވެއްޓެން ކައިރިވެފައިވާ ގާޒީ ބިލްޑިން ހުރި ތަނެވެ. ނުވަތަ ރައީސް އޮފީސް ކައިރީ ބޭރު މަގުގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގްއާ އިންވެގެން އޮންނަ ހުސް ބިމެވެ. މި ތަނަކީ ވެސް ރަނގަޅު އަދި ރީތި ޕާކިން އިމާރާތެއް ހެދިދާނެ ތަނެވެ.

ބޮޑު ހުސް ބިމެއް އޮތް މާލެ އިންޑަސްޓްރިއަލް ޒޯންއަކީ ޕާކިންއަށް ބޮޑު އިމާރާތެއް އެޅިދާނެ ތަނެކެވެ. ނަމަވެސް މި ސަރަހައްދުގައި ހަދަން ވާނީ ހެވީ ވެހިކަލް އާއި ބޮޑެތި ލޮރީ ފަދަ އުޅަނދު ތަކަށް ހާއްސަ ޕާކިން ބިލްޑިންގް އެކެވެ.

ދިރާގު މައި އޮފީސް ކުރިން ހުރި ތަނަކީ ސްކޫލް ހުޅުވާ ގަޑިތަކުގައި ބިޒީ އެއް މަގެކެވެ. މި މަގުގައި އަމީނީއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހުރުމުން މި ތަނަކީ ވެސް ޕާކިން ބިލްޑިންގް އެއް ހަދަން މުހިންމު ތަނެއްގެ ގޮތުގައި ފެނެ އެވެ. ކަޅުވަކަރު މިސްކިތަށް އެހެން ޖާގައެއް ދޭނީ އެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުރި ބިމަކީ މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަން އެވެ. ސަބަބަކީ މި ސަރަހައްދުގައި ބޭންކްއެއް ހުރުމުގެ އިތުރުން މި ސަރަހައްދުގައި ސްކޫލްތައް ހުރުމާއި އޮފީސްތައް ވެސް ގިނަވުމެވެ. އެހެންވެ އެ ތަނަކީ ވެސް ޕާކިން އިމާރާތެއް އަޅާނަމަ ހަމަ އެންމެ ރަނގަޅު އެއް ތަނެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސް ބިމަކީ ކުރިން އެމްޓީީސީސީ ޓަވަރު ހުރި ތަނެވެ. މާލެ ބަނދަރު މައްޗާއި ޖުމްހޫރީ މައިދާން ކައިރިވުމުން މި ސަރަހައްދަކީ ވެސް ޕްރައިމް އެއް ލޮކޯޝަން އެވެ.

މަޖީދީ މަގު ހީނާމާގޭ ޕާކިން އަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މަޖީދީ މަގު ބްރާންޗުގެ ކައިރި އެވެ. މިތަނަކީ ވެސް އެންމެ ބިޒީ އަދި ބާރު ބޮޑު އެއް ތަނެވެ. އެހެންވެ މި ސަރަހައްދަކީ ވެސް ޕާކިން އިމާރާތެއް އެޅިދާނެ ތަނެކޭ ބުނެވިދާނެ އެވެ.

ހަގީގީ ހައްލަށް ގިނަ މަސައްކަތް ތަކެއް!

ދެން އޮތް ސުވާލަކީ ޕާކިން އިމާރާތްތަކަކީ ޕާކިން މައްސަލައިގެ "ޓޯޓަލް ސޮލިއުޝަން" ހެއްޔެވެ؟ މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރާއިރު ކުރަންޖެހޭ އެހެން މުހިންމު ކަމެއް ވެސް އެބައޮތެވެ. އެއް ކަމަކީ މާލެ އަށް ޖަމާވެފައި ހުރި އުޅަނދުތައް މަދު ކުރުމެވެ. އެކަން ކުރެވޭނީ ވެހިކަލް މަދުކުރަން ވެހިކަލް ނުއްތާލެވޭނެ އުމުރެއް ކަނޑައަޅައި ވެހިކަލް މަދުކުރެވިގެނެވެ.

ގިނަ މާހިރުންގެ ނަޒަރުގައި ވެސް ކުރަން ޖެހޭނެ ކަމަކީ މި އެވެ. މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

މި ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި ގޮތުގައި މަސައްކަތް ކުރަނީ މާލޭގެ ޓްރެފިކް މައްސަލައަށް ފުރިހަމަ ހައްލެއް ގެންނާށެވެ. އެއީ އެހެން ސަރުކާރުތަކުން ވެސް ބުނާ ޓިޕިކަލް ވާހަކަ އެވެ.

"ފުރިހަމަ ހައްލެއް ގެންނަންނަމަ އެބަޖެހޭ ވެހިކަލް މަދު ކުރަން. އެކަން ކުރާނަމަ ރަނގަޅު ޓްރާންސްޕޯޓް ވިއުގައެއް ބޭނުންވޭ. އެކަން ކުރުމަށް ސަރުކާރުން މިހާރު ވާނީ އެމްޓީސީސީ އަށް ބަހުގެ ހިދުމަތް ފަށަން ހަވާލުކޮށްފަ. މި
ހުރިހާ ކަމެއް ނިމުމުން ހަގީގީ ހައްލު ފެންނަން ފަށާނީ،" އާދިލް ވިދާޅުވި އެވެ.

ފުރިހަމަ ހައްލެއް ގެންނަންނަމަ އެބަޖެހޭ ވެހިކަލް މަދު ކުރަން. އެކަން ކުރާނަމަ ރަނގަޅު ޓްރާންސްޕޯޓް ވިއުގައެއް ބޭނުންވޭ. ސަރުކާރުން މިހާރު ވާނީ އެމްޓީސީސީއަށް ބަހުގެ ހިދުމަތް ފަށަން ހަވާލުކޮށްފައި. މި ހުރިހާ ކަމެއް ނިމުމުން ހަގީގީ ހައްލު ފެންނާނީ،
އަހުމަދު އާދިލް | ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު

އޭނާ ވިދާޅުވި ގޮތުގައި ވެހިކަލް މަދު ކުރުމަކީ ސަރުކާރުގެ ވިސްނުމެކެވެ. އަދި އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުން އެބަދެ އެވެ.

ނާފިޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި މާލޭގެ ޓްރެފިކް މައްސަލައިގެ ހަގީގީ "ފަރުވާއަކީ" ވެހިކަލް މަދުކޮށް ކޯޓާއެއްގެ ދަށުން ކޮންމެ އަހަރަކު ވެސް ވަކި އަދަދެއް ނެރުމެވެ. ނަމަވެސް އެ މަސައްކަތް ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

"ޕަބްލިކް ޓްރާންސްޕޯޓް ފަށަން ކިތަންމެ ހަނި ބަހެއް ގެނަޔަސް މި ދުއްވަން ޖެހޭނީ މަގުމަތީގަ. އެހެން ނޫންތޯ؟ ކިހިނެއް ތޯ އެ ދުއްވާނީ؟ ވަރަށް ބޮޑު ޗެލެންޖެއް މިއީ. ޕަބްލިކް ޓްރާންސްޕޯޓުގައި ދުއްވާނެ ބަސް ބަރާބަރު ގަޑިއަށް އަންނާނެ ކަމުގެ ޔަގީންކަން ލިބުނީމަ މީހުން އެއިން ދަތުރު ކުރަން ފަށާނީ. މިހާރު ވެހިކަލް ހުރި ވަރުން ފުރަތަމަ ޖެހޭނީ އުޅަނދުތައް މަދު ކުރުން. އެކަން މިހާރުން މިހާރަށް އެބަޖެހޭ ކުރަން،" ނާފިޒު ވިދާޅުވި އެވެ.

ޕާކިން ބިލްޑިންގްތަކެއް ވެސް އެޅިދާނެ އެވެ. އަދި ވެހިކަލްވެސް މަދު ކުރެވިދާނެ އެވެ. ސުވާލަކީ މިކަން ކުރަން މިހާ މުއްދަތެއް ނަގާނެބާ އެވެ؟ އެއްގަމު އުޅަނދު އެތެރެކުރާ އަދަދު މައިތިރި ނުކޮށް މިކަން ވާނެ ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ސުވާލެވެ.