ފޮރިން މިނިސްޓްރީ

ހަމަލާތައް ހުއްޓާލަން އިންޑިއާ، ޕާކިސްތާނަށް ރާއްޖެއިން ގޮވާލައިފި

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަމަލާތައް ހުއްޓާލައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށްފަ އެވެ.

މިހާދިސާގައި އިންޑިއާ ސިފައިންގެ 42 މީހަކު މަރުވި އެވެ. ހަމަލާ ދީފައިވަނީ ޕާކިސްތަނުގައި ގާއިމްވެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖައިޝޭ މުހައްމަދު ޖަމާއަތުންނެވެ. ނަމަވެސް އިންޑިއާއިން ވަނީ އެހަމަލާއަކީ ޕާކިސްތާނުގެ ސަރުކާރުގެ އެހީއާއެކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ކަޝްމީރުގައި ޓެރަރިސްޓް އޯގަނިޒޭޝަންއަކުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ބޯޑަރު ހުރަސްކޮށް ވަދެ ވައިގެ ހަމަލާތަކެއް ދީފަ އެވެ. މިހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މިއަދު ޕާކިސްތާނުން ވަނީ އެގައުމުގެ ބޯޑަރު އެތެރެއަށް ވަން އިންޑިއާގެ ވައިގެ ސިފައިންގެ ދެ ހެލިކެޕްޓަރު ވައްޓާ އެއް ޕައިލެޓަކު ހައްޔަރުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެއް ގައުމުން އަނެއް ގައުމުގެ ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތަށް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ދެމުންދާ ހަމަލާ ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ. އަދި ދެ ގައުމުގައިވެސް ސުލްހަ ގާއިމްކުރުމަށް ގޮވާލާފަ އެވެ.

ރާއްޖެއަކީ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރާ ގައުމެއް ކަމަށާއި ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން، ހާއްސަކޮށް ސައުތު އޭޝިއާގެ ގައުމުތަކަށް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ގައުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.