ހަބަރު

ކަޝްމީރުގެ ފަހުގެ މައުލުމާތު ދިވެހި ސަރުކާރަށް ދީފި

ޖައްމޫ ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާއި، އިންޑިއާއިން އެ ގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާމެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ޕާކިސްތާނުން އަރުވައިފި އެވެ.

އެ މައުލުމާތުތައް ފޮރިން މިނިސްޓަރަށް އަރުވާފައިވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހުމޫދު ގުރޭޝީ ފޯނުން ގުޅުއްވަ އެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ގުރޭޝީ ވަނީ ޖައްމު އެންޑް ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާއި އިންޑިއާއިން އެ ގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާއި މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު އަރުވާފައެވެ.

ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވަނީ މިނިސްޓަރު ޤުރޭޝީއަށް ޝުކުރު ދަންނަވާ، ޕާކިސްތާނާއި އިންޑިއާއަކީ ރާއްޖެއާއި ވަރަށް ރަހުމަތްތެރި ދެ ގައުމުކަމަށާއި، އެ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށް ރާއްޖެއިން ދެކޭކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.