ހަބަރު

މާލެ ނަރުދަމާ ނިޒާމު އަަޕްގްރޭޑް ކުރަނީ

މާލޭ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ކުރުމަށް، 24 ގަޑިއިރު ހިދުމަތް ދެވޭނެ ޓީމެއް އެކުލަވާލާ އަޕްގްރޭޑް ކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަަތްތައް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ނަރުދަމާގެ ނިޒާމު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށެވެ. އަދި، ނަރުދަމާގެ ނިޒާމު ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާއިރު މި މައްސަލަ ހައްލު ކުރުމަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ހާއްސަ ޓީމެއް އެކުލަވާލާފައިވާކަމަށް އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަޅުގަނޑުމެންގެ ޓީމުތައް އިތުރަށް އެކުލަވަލެވިގެން ކޮންމެ އަހަރަކު ވެސް ދެފަހަރު މުޅި ނެޓްވޯކު އެއްކޮށް ސާފުކޮށް ނިންމުން،" ސްވަރޭޖުގެ މަސައްކަތްތައް ކުރާ ޓީމުން ކޮންމެ ރެއަކު ނަރުދަމާ ނެޓްވޯކު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި އަހަރަކު އެއް ފަހަރު މި ނެޓްވޯކު އެއްކޮށް ސާފު ކުރާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

މީގެ އިތުރުން، ގޭގޭގެ ފާހަނާ ނިޒާމު ބްލޮކު ވާ މައްސަލަ ހުށަހެޅުމުން އެމްޑަބްލިއުއެސްސީގެ ޓީމުން އެޓެންޑުވެ އެ މައްސަލަވެސް ރަނގަޅު ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ހިދުމަތް ފުޅާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، އެ ކުންފުނީގެ ޑެޕިއުޓީ ބިސްނަސް ޑިވެލޮޕްމަންޓު މެނޭޖަރު، މުހައްމަދު ސަމީރު ވިދާޅުވީ ރާއްޖޭގައި ނަރުދަމާ ނެޓްވޯކު އެންމެ ފުރަތަމަ ޑިޒައިން ކޮށްފައިވަނީ ގާތްގަނޑަކަށް 80،000 މީހުންނަށް ހިދުމަަތް ދިނުމަށް ކަމަށެވެ. ނަމަވެސް، މިހާރު މި އަދަދު ދެ ލައްކަ އަށް އަރާ ކަމަށާއި މި އަދަދު ޑިޒައިން ކެޕޭސިޓީ އަށްވުރެ ބޮޑު ވުމުން ޕްރެޝާ ދިނުމުގައި މައްސަލަ ދިމާވާ ކަމަށެވެ.

އެ ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް އޭރިއާ ގައި އިތުރު ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައިގެން އެހެން ދިމާތަކަށް އެއްވާފެން ބައިޕާސް ވެގެންދާނެ ގޮތަކަށް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި، މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއެކު މަގުމައްޗަށް ނަޖިސް ލީކުވުމުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން މިއަދު ވަނީ އެ 24 ގަޑިއިރު ހިދުމަތްދޭ ކަސްޓަމާކެއާ ހޮޓްލައިން ނަމްބަރު، 105 އިފްތިތާހު ކޮށްފަ އެވެ.