ހަބަރު

ހުޅުމާލޭގައި 20،000 ޓަނުގެ ފެން ރައްކާ ކުރާ ނިޒާމެއް

ހުޅުމާލޭގައި އެެސްޓީއޯ ޕްރީމެކްސް ސިމެންތި ހަދާ ބިމުގައި، 20 ހާސް ޓަނުގެ ފެން ރައްކާ ކުރެވޭ ގޮތަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފެނުގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ހުޅުމާލޭ ބިމުގައި ގާއިމް ކުރާ ދެ ތާންގީގެ ސަބަބުން ހުޅުމާލެއަށް ފެން ފޯރު ކޮށްދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވޯޓާ ސްވަރޭޖް އިތުރު ކުރުމަށްޓަކައި މިހާރު މިވަނީ އެސްޓީއޯގެ ޕްރިމެކްސް ސިމެންތި ހަދާ ބިމުގައި 20،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ގޮތަށް ދެ ތާނގި ބަހައްޓާނެ. އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ގިނައިން ފެން ރައްކާ ކުރެވޭނެ ގޮތަށް ޑިޒައިން ކޮށްގެން ބޭނުން ކުރެވޭތޯ" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ގާއިމް ކުރާ ދެ ތާނގި އަކީ 24 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަހުގައި ބިން ހަވާލު ކުރުމުން މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ފެށޭނެ ކަމަށެވެ. އަދި، ހުޅުމާލެ ފޭސް ވަން ގައި 3،000 ޓަނުގެ އާރޯ ޕްލާންޓް އެއް ގާއިމް ކޮށް އެތަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވެމުން ދާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ސްވަރޭޖްގެ ހިދުމަތް ބޮޑު ކުރުމަށްޓަކައި އިތުރު ބިންތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.