މީހުން

އިންކޮމްޕްލީޓް އެކަމަކު ޕާފެކްޓް!

ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ފަންނާނުންގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް އަބަދުވެސް އެނބުރޭނެ އެވެ. ކުރެހުންތެރިޔާ އަހްމަދު ބަދީއުގެ އެފަދަ ބައެއް ފަރާތްތަކުގެ ފޮޓޯ ކުރަހާލައި އަނބުރައިލީ މުޅިން ތަފާތު ދިމާއަކަށެވެ. ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނުން، ކަޅާއި ހުދުގެ ފަންސުރު ދެލީގެ ކުރެހުމަކުން ޑިސްޕްލޭއަކަށް ގެނައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ފާޑެއްގެ ކާޓޫނެއްގެ ތެރެއަށް ޝަހުސިއްޔަތު ގެންގޮސް ލައިދިނީ އެވެ. ނަމަވެސް، ބަދީއު ބުނާ ގޮތުގައި މިއީ ކާޓޫނެއް ނޫނެވެ. މިއީ ކެރިކަޗުރިސްޓޭ ކިޔާ ކުރެހުމުގެ ވައްތަރެކެވެ. މި ކަހަލަ ކުރެހުންތަކުން ކުރެހުމުގެ މަންޒަރު މުޅިން ބަދަލު ކޮށްލަ އެވެ. ބަދީއު ވިދާޅުވެ އެވެ:

"މި ބޭފުޅުންނަނީ ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އެކި ދާއިރާތަކުން ރާއްޖެއަށް ކުރި އެރުން ގެނެސްދިން މީހުން، އަޅުގަނޑު ބޭނުންވީ ތަފާތު ގޮތަކަށް ކުރަހައިގެން ވިޔަސް އެކަން ބުނެދޭން"

ބަދީއުގެ މި ތަފާތު ކުރެހުންތައް ރާއްޖޭގެ އެންމެ މަގުބޫލު މީހުން ކާޓޫނު ސްޓައިލަށް ކުރަހައި އެހެން ސިފައެއްގައި ދައްކުވައިދިނީ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކޮށް ތަޖުރިބާއާއެކު އެވެ. ބަދީއުގެ އުމުރުން 50 ހަމަވާންދާއިރު އުމުރުގެ ބޮޑު ބައެއް އޭނާ ހޭދަ ކުރީ ވެސް އޭނާގެ ހުނަރު ބޭނުން ކޮށްގެން ތަފާތެއް ދެއްކޭތޯ އެވެ. އެ ތަފާތު ދައްކައިފި އެވެ. މިއީ ކުރެހުމުގެ ވައްތަރުތަކުގެ މައި ބަދައިގެ މުޅިން އެހެން ބަދަ އެވެ.

ބަދީއުގެ މި ކުރެހުންތައް އާއްމުންނަށް ދައްކާލީ ހުޅުމާލޭގައި ބޭއްވި އެގްޒިބިޝަނަކުންނެވެ. ކުރެހުންތައް ޑިސްޕްލޭ ކޮށްފައިވާއިރު މިއީ ރާއްޖޭގައި އާއްމުކޮށް ފެންނަ ކަނޑާއި މޫދާއި ރާއްޖޭގެ ރީތި މަންޒަރުތައް މުޅިން އެހެން ދިމާއަކަށް "އޮޔާ ބައްސާލާފައިވާ" ކުރެހުންތަކެކެވެ. -- މިއަކީ މަންޒަރާއި ހިޔާލީ ކުރެހުމުގެ ދުނިޔެއަށް ވަދެ ހުސްވެފައިތިބި ކުރެހުންތެރިންގެ ކުރެންތަކަށް އޮތް ދެރަބަހެއް ނޫނެވެ.

"ވީވާލް" އެގްޒިބިޝަން ހުޅުމާލެއަށް އެރީ މި މަހު ކުރީ ކޮޅު އެވެ. ވީވާލްގައި 74 ކުރެހުމެއް ޑިސްޕްލޭ ކުރި އެވެ. އެ 74 އަށް ވެސް މީހުން ކަޅި ޖަހައި ނުލައި ބެލި އެވެ. ކުރެހުންތައް ތަފާތީ އެވެ. އެ އެގްޒިބިޝަނަށް ދީފައިވާ ނަން ވެސް ތަފާތީ އެވެ. ނަން ތަފާތުވީ ކުރެހުންތައް ތަފާތު ވެގެނެވެ. ބަދީއު އަދި މާ ތަފާތުވެގެނެވެ.

ބަދީއުއަކީ ފުވައްމުލަކު މީހެކެވެ. "ވީވާލް" އަކީ ފުވައްމުލަކު ބަހެކެވެ. ވީވާލްގެ މާނަ ބުނެދެނީ މިހެނެވެ: "ބަޔަކު މީހުން ގޮވާލި މީހުންގެ ތެރެއިން އެންމެ ކުރީގައި ހުންނަ މީހާ" އެވެ. މިއީ އެންމެ ރަނގަޅު މާނަ ނޫން ކަމަށް ވަންޏާ އެއް ފަހަށް އޮތް އަތޮޅުގެ ރައްޔިތުންގެ ކިބައިން މާފަށް އެދެމެވެ.

އެއް ފާޑަކަށް ހުރި މި ފޮޓޯ ލޯގަނޑުތަކުގެ ދިމާ މެދުން ފެނުނު ބޭފުޅާ އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހަމައެކަނި ފާރުގެ މެދުގައި ހުރެގެނެއް ނޫނެވެ. އެއީ މިހާރު ވެސް "ޕޮޕްއަޕް" އަލްހާން ފަހުމީއަށް ވެގެނެވެ. ސިޔާސީ ދާއިރާގައި މެދުނުކެނޑި މަސައްކަތް ކުރައްވާ އަލްހާން ފަހުމީ ފެނުނީ ހަމަ ސީދާ އަލްހާންގެ ގޮތުގަ އެވެ.

ކާޓޫނު ވައްތަރަކަށް ފެނުނު ކަމުގައި ވިޔަސް "އެއީ ހަމަ މިއުޅޭ" އަލްހާނެވެ. ދެބުމަ ހިއްލާލައި ނިއްކުރިއަށް ރޫ ޖައްސާލައިފާވާ ގޮތުން ސިފަވީ ޖަލާލުއްދީނަށް ކާފަ ވިދާޅުވާ އަލްހާން ސިޔާސީ ޕޯޑިއަމްއެއްގައި ހުންނަވައި ލައިވްކޮށް ހޫނު ބަހުސެއް ކުރައްވަމުން ގެންދަވާހެނެވެ. ކަރުގެ ނާރުތައް ފުއްޕުވާފައި އަލްހާން ފަސޭހަ ކަމާއެކު ބާރަށް ވާހާކަފުޅު ދެއްކެވުމުގެ އަސްލާ ވަރަށް ކައިރިއަށް ގެންދާތީ އާއި ކުރަހާފައިވާ ގޮތުގައި ތަފާތެއް ވެސް ހުންނަނީ އެވެ. ބަލަވާރަކަށް އެބަ ތަފާތުވެ އެވެ.

އަސްލު ސިފަ ގެނެސް ދީފައިވުމުގެ އިތުރުން މި ކުރެހުންތަކުން ފެންނަނީ އެ ޝަހުސިއްޔަތެއްގެ މޫނުމަތީން އެންމެ ފާހަގަވާ އެކްސްޕްރެޝަނެވެ. ބައެއް ބޭފުޅުންގެ ޝަހުސިއްޔަތުގެ "ދަގަނޑު" ކަން ވަރުގަދައަށް "ވީވާލް" ދައްކުވައިދެ އެވެ. އެކަމަކު އެ ވަރުގަދަކަން އެހާ މަޖާ ވެސް ގޮތަކަށެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އެހެރަ ދައްކާލީ އެކަމަނާއަށް މީހުން ކިޔައި އުޅޭ އެކި އެކި ފާޑުގެ ހާއްސަ ޝަހުސިއްޔަތެއްގެ ގޮތުގައި ސީދާ ހަރު ކުލައިގަ އެވެ. ހަމަ ހީވަނީ ދެންމެ ދެންމެ "އެއީ ވޮއިޑް އޮފް އިނީޝިއޯ" އޭ ވިދާޅުވާހެނެވެ.

ލ. ފޮނަދޫގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ އެކަމަކު ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވައި އެކި ހާދިސާތަކާއި ނަން ނަމުގެ ތެރެއިން ލައިގެން ގޮސް ސިޔާސީ ދާއިރާގައި ވޭތުވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އާދަޔާހިލާފު ބޮޑު މަޝްހޫރު ކަމަކާއި ކުރިއެރުން ހޯއްދަވާފައިވާ އަބަދުވެސް ޓްރެންޑިން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފެނުނީ ވެސް ކާޓޫނެއް އެކަމަކު ސީދާ އަދުރޭގެ ގޮތުގަ އެވެ. ހަމަ އެއްމެ ކައްޓެއް ވެސް ނެތް ދުލެކެވެ. ބަލައިބަލާށެވެ. މި ހަމަ އެންމެ ވެސް މިކިޔާ އަދުރޭ އެވެ.

މާލޭގެ ގަލޮޅު އުތުރު އެކަށް ހިފައި ފަތަހަކޮށްގެން އުޅުއްވާ އީވާ އަބްދުﷲ އަށް ބަލައިލުމުން ހީވަނީ ފާރު ފަޅާފައި ނުކުންނަވައި އެކަމަނާގެ ސާފު ބަސްތައް ތަޅުމަކަށް އުއްކަވައި އޮއްސައި ފަތުރައިލައްވާން އުޅުއްވާހެނެވެ. އެކަމަނާގެ ވަރުގަދަ އަޑުފުޅާއި މަންމާފުޅުގެ ޒުހައިރާގެ ރީތި އަޑު އެކުވެ ކަންފަތު ހިނދުރީގެ ތެރެއަށް "އެމްޑީޕީ" އެ ނަން ހިނދޭހެން ގައިމަށް ވަރަށް ހީވެއެވެ.

ގާނޫނީ ވަކީލު ކަމާއި އިސް ގާޒީކަމާއި މިނިސްޓަރުކަން ކުރެއްވި ވަރުގަދަ އިލްމީ ޝަހުސިއްޔަތު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެންމެ ފާހަގަ ކުރެއްވެނީ އޭނާގެ ބަރު އަޑުފުޅުން ކުރައްވާ ވަރުގަދަ ފޮނި ޗެލެންޖްތަކުން ދޯ އެވެ. ފުވައްމުލަކު ނަންވީ "ވީވާލް" ގައި ފުވައްމުލަކު އީސްޓްލައިޓް، ޑރ. ޖަމީލް މި ހުންނަވަނީ ކާޓޫނެއްގެ ގޮތުގަ އެވެ. އެކަމަކު ކުރެހުމުން ތަފާތު ރޮނގެއްގަ މަތީގަ އެވެ. ގޮއްމުށްކަވައިފައި މިތާނގައި ވެސް "އިންތިހާބު ވިޔަސް ހަވާލެއް ނުކުރާނަމޭ" ވިދާޅުވާން އުޅުއްވާ ކަހަލަ އެވެ. -- ލޮލް

މިއިން ކާޓޫނަކަށް ބަލައިލުމާއެކު އެއީ ކާކުކަން، އެހެންނާ ކޮން ބޭފުޅެއްކަން ފުރަތަމަ ނަޒަރުން އެނގޭ ވަރަށް ބަދީއު ވަނީ ޝަހުސިއްޔަތު ދަމައިގެންފަ އެވެ. ތަފާތުކޮށްލާފައި ވަނީ އޭނާ ހުށަހަޅައިދޭން ބޭނުންވި ގޮތެވެ.

އެއްފަހަރު ނިތްކުރި މަތީން ފުޅާ ކޮށްލައިފާނެ އެވެ. އެހެންނާ އެހެން ދިމާއަކުން ދެން ފެންނާނީ ދަތްދޮޅިއަށް ދަމާ ބޮޑު ކޮށްލާފައި ހުއްޓަ އެވެ. ބަދީއުގެ ކުޅަދާނަ ކަމުން ހަށިގަނޑުގެ މުހިންމު ކޮންމެ ވަންޏަކަށް ވައްތަރެއް ޖައްސުވާފައި ހުރުމުން ނުބައި ފާޑަކަށް ހީނލެވެ އެވެ. އަދި އާންމުން އެބޭފުޅުންނާއި އެ ފަންނާނުން މިހާތަނަށް ސިފަ ކޮށްފައިވާ އަދި މިހާރުވެސް ސިފަ ކުރާ ގޮތާއި ނިސްބަތް ކުރާ ނަންނަމުން މަޖަލަށްވުރެ ބޮޑަށް އެއީ އަސްލޭ ހީވެ އެވެ.

ޖުމްލަ ވާހަކައަކީ "ވީވާލް" ގައި ބަދީއު މިވަނީ އޭނާއަށް ވާވަރުން، ވީވަރެއް އަރުވާލާފަ އެވެ. އެހެނެއް ކަމަކު އަސްލު ސިފަ ނުގެއްލޭ ވަރަށެވެ.

ސިޔާސީ ބޭފުޅުން ކުރެހި އިރު "މިފަދަ ކާޓޫނު ސޫރައެއް ދޭން ކެރުނީ ކިހިނެއް ހެއްޔޭ؟" މިއީ އެންމެ ފުރަތަމަވެސް ހިތަށް އައި އަދި ކުރެވުނު ވެސް ސުވާލެވެ.

ބަދީއު ބުނާ ގޮތް ތެދެވެ؛ ރާއްޖޭގައި މިއީ އާ ކަމަކަށް ވިޔަސް އެހެން ގައުމުތަކުގައި މިއަކީ ކޮށް ކޮށް ބާވެފައިވާ ކަމެކެވެ. މަޝްހޫރު މީހުންގެ ކެރިކަޗުރިސްޓް، އާޓް ފޯމްތައް އޭރަކާ ގުޅޭނެހެން އެކި ގޮތްގޮތަށް ކުލަ އާއި ފަންސޫރު ކުރެހުމުން ދައްކާފައި ހުރެ އެވެ.

ރާއްޖޭގައި ކެރިކަޗުރިސްޓް އާޓެއް ދައްކަން ބަދީއުއަށް ބޭނުންވީ ކުރެހުމުން އޭނާ ދެއްކި ބޭފުޅުންނަކީ ރާއްޖެ މި އޮތް ހިސާބަށް ގެނެސް ކުރިއެރުވުމުގައި އެކި ގޮތްގޮތުން ބައިވެރިވެ ވަޑައިގަންނެވި ހާއްސަ ބޭފުޅުންކަން އަންގައިދީ އެއީ ދިވެހިންގެ ލީޑަރުންކަން ވެސް ބުނެ ދޭށެވެ. ހަމައެކަނި އެ ކާޓޫނު ފޮޓޯތައް ބަލާފައި ބަނޑުގައި ގޮށްލާވަރަށް އަދި ބޮނބިފަޅީގައި މަސްގުޅަކާ ވަރަށް ހޭކަށް ނޫނެވެ.

"މިއީ އެކި ގޮތްގޮތުން ބެލި ކަމުގައި ވިޔަސް ރާއްޖެއަށް ބަދަލު ގެނައުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅުން، ލީޑަރުން. ދިވެހިރާއްޖޭގެ ތިބި ގަދަ މީހުން! ރާއްޖެ ހިންގުމުގައި އެކި އެކި ރޯލްތައް އަދާ ކޮށްފައިވާތީ އެ ބޭފުޅުންނަކީ މިއީ ކަން ބުނެދޭން އަޅުގަނޑު ބޭނުންވީ. ކުރެހުންތަކުން ފެންނާނީ ހަމަ އެކަނި ސިޔާސީ ބޭފުޅުންނެއް ވެސް ނޫން. މިއުޒިކީ ދާއިރާގެ ފަންނާނުންނާއި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ މީހުން ވެސް ހިމެނޭނެ. މިކަހަލަ ގޮތަކަށް ގެނެސްގެން ވިޔަސް އަޅުގަނޑު ބޭނުންވީ މި ބޭފުޅުންނަކީ ކިހާވަރެއްގެ ބައެއްކަން ދެންތިި ދިވެހިންނަށް ބުނެދޭން،" ބަދީއު ބުންޏެވެ.

މިއީ ދިވެހިންނަށް މުޅިން އާ ބާވަތެއްގެ ކުރެހުންތަކެކެވެ. އަދި މިއީ އާ އިހުސާސްތަކެއް ކުރުވި ކުރެހުންތަކެއް ވެސް މެއެވެ. މި ފޮޓޯތައް އަތުރައިލުމުން ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ ބޭފުޅުންނާއި އެކި ދައިރާތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނުން އެއްތަނަކަށް ބޮނޑިވެ، ދިމާވެ ހޫނު ބަހުސަކަށް ނުގޮސް އެކަކު އަނެކަކަށް ބަލާލައި ހިނލައި ހިނިތުންވެލި އެވެ. އެކެއްގެ ޖުމްލައިން އަނެކަކު ހެއްވާލި އަޑު އިވުނެވެ. އެއީ ކުރެހުންތަކުން ބަދީއު ހާސިލް ކުރަން ބޭނުންވި މަގުސަދެވެ. އެކަން ހަމަ މުޅީން ހާސިލްވި އެވެ. -- އޭގައި ބުނަނީ އަހަރެމެން އެންމެން މީއީ އެއް ބައެކެވެ. ދުވަހަކުވެސް ވަކިވުމެއް ނެތެވެ --

ބަދީއުގެ ކުރެހުންތަައް ބެލި ކޮންމެ މީހަކު އެނބުރި ދިޔައީ ހިނި އައިސް ހުރެ އެވެ. ރާއްޖޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ، އަޑުވެސް ގަދަ ބޭފުޅުންނާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައި ތިއްބެވި ބައެއް ބޭފުޅުން ވެސް "ވީވާލް" ބައްލަވާފައި ނުކުންނެވީ ބަދީއުގެ ހުނަރުގައި ރަނގަޅަށް ޖެހި، މިތުރުން ފަދައިން ހަތުރުނާ ސަލާން ކޮށްލާފަ އެވެ. އަދި ހިނިފުޅުވަޑުވަމުން ވަޑައިގަންނަވަނީ "މި ބަދީއުމެން ކުރާ ކަންތަކޭ" ވިދާޅުވަމުންނެވެ.

ބަދީއު އެކަންޏެއް ނޫނެވެ. 74 ފަންނާނުންގެ ކުރެހުން އެއްކޮށް ފާރެއްގައި ތިއްބައިގެން އާއްމުންނަށް ދައްކާލި އެވެ. މިއީ ތިން އަހަރު ދުވަހުގެ ބުރަ މަސައްކަތެކެވެ. ކުރެހުމެއް ބަޔަކަށް ދައްކާ ފާޑު ކިޔުން ބަންޑުން ވުމުގެ ކުރިން އެ ކުރެހުމަކީ އެންމެ ރަނގަޅަށް ކުރެވުނު މަސައްކަތްތޯ ބަލާނެ އެވެ. އެއީ ކުރެހުންތެރިންގެ އުސޫލު ގަވާއިދެކެވެ. އަދި ބައެއް ކުރެހުންތަކަކީ އެއްކޮށް ނުނިމުނަސް އޭގެ ފުރިހަަމަކަން ގެނެސްދޭ އެއްޗިއްސެވެ. އެއީ "އިންކޮމްޕްލީޓް" އެކަމަކު "ޕާފެކްޓެ" ވެ.

ބަދީއުގެ "ވީވާލް" އެގްޒިބިޝަންގައި ހަރުކޮށްފައިހުރި 74 ކުރެހުންތަކުގެ މެދުގައި ހުސް ކުރެހުމެއް ވެސް ހުއްޓެވެ. ފަންސޫރު ދެލީގެ ތިއްކެއް ނުކުތާއެއް ވެސް ނެތް ހުދު ސާފު ގަނޑެއް ޑިސްޕްލޭ ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއީ 75 ހަމަ ކުރުމުގެ ނިޔަތުގައި ބާވައެވެ؟

މި ހުސް ކުރެހުމުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ސުވާލުތައް ކުރަމުން ދިޔަ އެވެ. އޭގެ ޖަވާބު އޮތީ ބަދީއުގެ ހިތުގަ އެވެ. އޭނާ ބުނި ގޮތުގައި އެއީ ވެސް ސިޔާސީ ބޭފުޅެއްގެ ފުރޭމެކެވެ. އެއް އިރެއްގައި ސިޔާސީ ދާއިރާގައި ވަރަށް ވަރުގަދަ ކޮށްލާފައި އުޅުއްވި ބޭފުޅެކެވެ. ދެހާސް އަށެއްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްފަހު ނާކާމިޔާބުވުމުން، ކުއްލިއަކަށް ސިޔާސީ ދާއިރާ އިން ގެއްލުނު އެ ފަރާތް ބަދީއުގެ ކުރެހުމުން ވެސް ގެއްލުވާލީ އެވެ.

ހުސް ކުރެހުމުގައި ވަނީ ކާކުތޯ ހޯދަން މީހަކު ކޮށްފައިވާ ޓްވީޓެއް

އެ ހުސް ފޮޓޯ އާއި ޖެހިގެން ދެ ފަރާތަށް އަތުރާފައި އެކި ބޭފުޅުންގެ ފޮޓޯތަކަށް ބެލުމުން ކުއްލިއަކަށް "ގެއްލުނު" ފަރާތަކީ ކޮން ބޭފުޅެއްކަން އެނގޭނެ ކަމަށް ބަދީއު ބުނެ އެވެ. މި ފޮޓޯ އަށް ބަލާފައި އަމިއްލައަށް ޕަޒްލް ނުވަތަ . ބުރަފަތި ފޮޮޓޯ ފުރިހަމަ ކޮށްލާށެވެ.

ބަދީއު ބުނި ގޮތުގައި މި ކުރެހުންތައް ގެނެސްފައި ވަނީ ބަލައި ސްޓަޑީ ކުރުމަށްފަހު އެވެ. އެކި ބޭފުޅުންގެ ފޮޓޯތައް ހޯދައި ވަކި ވަކީން ފައިލް ހެދުމަށްފަހު ބާލީސް ދަށުގައި ބާއްވައިގެން އެ ބޭފުޅުންގެ ސިފަ ހިތަށް ވަންދަން އެތައް ގަޑިއިރު ހޭދަ ކުރި އިރު ތަކުރާރުކޮށް އެތައް ފަހަރަކު އެއް ފޮޓޯއެއް ބަލާފައި ވެއެވެ. ފަންސޫރު ހިފައިގެން ނުކުމެ ކަރުދާހަށް ތިރިކުރި އުނދަގޫ އުފުލީ ކޮންމެ ފޮޓޯގަނޑަކަށް ބަލައި ބަލައި ދަސްކޮށްގެނެވެ.

"އެގޮތަށް ބަލައި އެންމެ ގިނަ ވަގުތު ހޭދަ ކޮށްފައިވާނީ މިއުޒީޝަން، އައްމަޑޭގެ ކުރަހަން ހަނދާންވާ ގޮތުން އައްމަޑޭގެ 64 ފޮޓޯ ނަގައިގެން ވަކި ވަކީން ބެލިން. އެންމެ ގިނައިން ސްކެޗް ކޮށްފައިވެސް ހުންނާނީ ވެސް އައްމަޑޭ. އެއީ އެންމެ ފުރިހަމައަށް ގެނެވޭތޯ،" ބަދީއު ބުންޏެވެ.

ބަދީއުގެ ކުރެހުންތަކުން މުޅިން އެހެން ތަސައްވުރެއް ގެނެސްދީފި އެވެ. އަދި މާ ތަފާތު ވާހަކައެއް ބުނެދީފި އެވެ. ހިޔާލު ތަފާތުވުންތަކާއެކު ވެސް އަހަރެމެނަކީ އެކަކު އަނެކަކާ ވަކި ނުވެވޭރަށް ގުޅި ލާމެހިފައިވާ އެއްބައެއް ކަމެވެ. ގޮވާލީމާ އެންމެ ކުރީގައި ތިބޭ ވީވާލް އަކީ ދިވެހިން ކަމެވެ. މި މަސައްކަތުން ބަދީއުއަށް ހައްގުވާ ތައުރީފު އޭނާއަށް ދޭށެވެ. -- ވަރަށް ބޮޑަށް ޝުކުރިއްޔާ ބަދީއު!