އިގްތިސޯދީ ހަމަހަމަކަމެއް ނެތް: އެ ނެތީކީއްވެ؟

ރާއްޖޭގައި އިގްތިސޯދީ ހަމަހަމަކަން ނެތް ސަބަބުތައް ދައްކުވައިދިނުމަށް އަވަސް އިން ތައްޔާރުކޮށްފައިބާ ވީޑިއޯ ގްރެފިކްސް އެއް -- އަހުމަދު މާނިޝް | އަވަސް

ދުނިޔޭގެ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖެއަކީ އެންމެ މުއްސަނދި އެއް ގައުމެވެ. ސަބަބަކީ ދުނިޔެއަށް ރާއްޖެ މަޝްހޫރު ވެފައިވާ ގޮތެވެ. ރާއްޖޭގެ ޓޫރިޒަމްގެ ލަގްޒަރީ ޓޫރިޒަމް ބްރޭންޑެވެ. އެހެންވެ، ގިނަ ބަޔަކު ގަބޫލު ކުރަނީ ދިވެހިން ތިބެނީ އިގްތިސޯދީ ގޮތުން ވަރަށް ފުދިގެންނެވެ. އިގްތިސޯދީ ގޮތުން ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ހަމަހަމަ ކޮށެވެ.

މި ވިސްނުން މިއީ ސަަރައްދީ ފެންވަރުގައި އަޅާ ކިޔާނަމަ ރަނގަޅު ވިސްނުމަކަށް ވެދާނެ އެވެ. އެކަމަކު އާބާދީ އާއި އިގްތިސޯދީ ގޮތުން ރާއްޖެއަށް ވަންނަ ފައިސާއަށް ބަލާއިރު ދިވެހިންގެ މެދުގައި އޮތް ވަރަށް "އިންއީކްއަލިޓީ" ބޮޑު ގައުމުތައް މަދުވާނެ އެވެ. ދިވެހިންގެ މެދުގައި އިގްތިސޯދީ ހަމަހަމަކަން މިހާ ބޮޑީ ކީއްވެގެން ބާއެވެ؟

"ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސޯދީގެ ހަމަހަމަކަމާއި އާމްދަނީގެ ހަމަހަމަކަމާއި މުއްސަނދިކަމުގެ ހަމަހަމަކަން، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވުން. މިއީ ރާއްޖޭގައި ބޮޑު މައްސަލައެއް،" މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި އެވެ

ގަވަނަރުގެ އެ ވިދާޅުވަނީ ތެދު ފުޅެކެވެ؛ އިގްތިސޯދީ މި މައްސަލަ ހައްލު ކުރަން ބަލާއިރު ގައުމަށް ލިބޭ އާމްދަނީ ހަމަހަމަ އަށް ބެހިގެން ދިއުން މުހިންމު ރޯލެއް އަދާކުރެ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އަދި ރަނާއި ޖަވާހިރު ނަގާ ގައުމުތަކުގެ ތެރޭގައި އެފްރިކަން ރިޕަބްލިކް ނުވަތަ އެފްރިކާގެ ގައުމުތައް ހިމެނޭނެ އެވެ. ނަމަވެސް ދުނިޔޭގައި އެންމެ ފަގީރުން ގިނަ ގައުމުތައް ގިނައީ އެ ސަރަހައްދުގަ އެވެ. އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

އެއް ސަބަބަކީ ގައުމަށް ލިބޭ އާމްދަނީ ރައްޔިތުންގެ މެދުގައި ހަމަހަމައަށް ބެހިގެން ނުދިއުމެވެ. ދުނިޔޭގެ ގައުމުތަކުގައި އިގްތިސޯދީ ހަމަހަމަކަން ގާއިމް ވުމުގެ މައިގަނޑު އެއް ސަބަބަކީ މި އެވެ. ރާއްޖޭގެ ހާލަތު ވެސް އެފްރިކާ ގައުމުތަކާ އަޅާބަލާއިރު ވަކިން ރަނގަޅު ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ރާއްޖޭގެ ތަފާތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ފަރުދީ ފެންވަރުގައި ބޭނުން ކުރާ ގިނަ ހިދުމަތްކެއް ހިލޭ ލިބެން ހުރުމެވެ.

ހާއްސަކޮށް އުމްރާނީ ވަސީލަތްތަކާއި ތައުލީމް އަދި ބޭސް ފަރުވާގެ ހިދުމަތް ހިމެނެ އެވެ. ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ވަރުގަދަ "ސަބްސިޑީ" ނެޓެއްގެ ތެރެއަށް ރައްޔިތުން މި ތިބީ ފައްތާފަ އެވެ. ރާއްޖެއަށް 2010 ވަނަ އަހަރު ތައާރަފުކުރި ޓެކުސްގެ ނިޒާމާއެކު ދޭން ފެށި ގިނަ ސަބްސިޑީތަކުގެ ލިސްޓު ވަރަށް ދިގެވެ. ރާއްޖޭގައި އާއްމުކޮށް ކާން ބޭނުންކުރާ ކާޑުން ސިބްސިޑީ ދެ އެވެ. ކަރަންޓުން ސަބްސިޑީ ދެ އެވެ. ސިއްހީ ހިދުމަތުން ސަބްސިޑީދެ އެވެ. ތެލުން ސަބްސިޑީ ދެ އެވެ. މި ހުރިހާ އިނާޔަތެއް ދިން ނަމަވެސް ރާއްޖޭގައި މުއްސަނދިންނާއި މެދުފަންތީގެ އާމްދަނީގެ ރައްޔިތުންގެ ފަރަގު ވަރަށް ބޮޑެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

މާހިރުންގެ ނަޒަރުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މީގެ ތެރެއިން އެއް ކަމަކީ ބޯހިޔާވަހި ކަމެވެ.

ތޮއްޖެއްސި އާބާދީގައި ބޯހިޔާކަން ނެތުން!

ދިވެހިންގެ މެދުގައި އިގްތިސޯދީ ހަމަހަމަކަން ގެންނަނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ އާބާދީ އެއް ތަނަކަށް ޖަމާ ކުރުން ހުއްޓުވުމެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ހެދި ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގައި 437،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. މީގެ ތެރޭގައި ހިމެނޭ ދިވެހިންގެ އަދަދަކީ 339،000 އެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 153،904 އެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 129،381 އެވެ. މީގެ މާނައަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އެއް ތަނަކަށް އާބާދީ އެއްފަސް ކުރާނަމަ އަދި އެއް ތަނަކުން އެ އާބާދީއަށް އެކަށޭނަ ހިދުމަތް ނުލިބޭނަމަ އިގްތިސޯދީ ހަމަހަމަކަން ގާއިމް ވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ދިވެހިންނަށް ކުރިމަތިވެފައި މިވަނީ މިގޮތެވެ.

މާލެ ސަރަހައްދުގެ އާބާދީ 153،904 އަށް ވުރެ މަތިވެގެން ދިޔައިރު ބޯހިޔާވަކިކަން ހޯދައި ދެވިފައެއް ނުވެ އެވެ. މިހެންވުމުގެ ނަތީޖާއަށްވީ މަދު އެއްޗެއް ހޯދަން ގިނަ ބަޔަކު ދާން ޖެހުމެވެ. މާލެ އާއި ހުޅުމާލެ މިވަގުތު ބްރިޖުން އެއްކޮށްލެވިފައި އޮތް ނަމަވެސް މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު މިކަން އޮތީ އެގޮތަކަށް ނޫނެވެ. އެހެންވުމުން ހުޅުމާލޭގެ ބޯހިޔާވަހި ކަމުގެ ޑިމާންޑް އޭރު އިގްތިސޯދުގައި ނެެތެވެ. ނަތީޖާއަކީ މާލޭގައި ކުއްޔަށް ލިބެން ހުރި މަދު ކޮޓަރިތައް ހިފަން ގިނަ ބަޔަކު ދާން ޖެހުމެވެ. އެހެންވުމުން އަގުތައް އިންތިހާއަށް އުފުލި ކޮންމެ މަހަކު ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދު ހަމައެކަނި ގޭގެ ކުއްޔަށް ކުރަން ޖެހެ އެވެ.

ރާއްޖޭގެ މަސައްކަތް ތެެރިންގެ އާބާދީއަކީ 205،570 އެވެ. މީގެތެރޭގައި ހިމެނެނީ 145757 ދިވެހިންނާއި 59،813 ބިދޭސީން އެވެ. އަދި ދިވެހިންގެ އާއްމު މީހާގެ މުސާރައަކީ 7،000ރ. އާއި 10،000ރ. އާ ދެމެދެ އެވެ. މި ވަރުގެ އާމްދަނީއެއް ލިބޭއިރު ގޭގެ ކުލި ދައްކާފައި މަސް ނިމޭއިރު އޮންނަނީ އަތްމަތި ހުލިވެފަ އެވެ.

ރާއްޖޭގައި މި ހަމަކަން ގާއިމް ކުރަން މިހާރު އޮތް އެންމެ ބޮޑު އެއް ސަބަބަކީ ބޯހިޔާވަކި ކަމުގެ މައްސަލަ އެެވެ. ރާއްޖެއަށް އިގްތިސޯދީ ހަމަހަކަން ގެންނަ ނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަގު ހެޔޮ ބޯހިޔާވަހިކަން ފަސޭހައިން އިންސާފުވެރި ކަމާއެކު ލިބޭނެ ގޮތެއް ހެދުމެވެ.

ގަވަރުނަރު ނަސީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ނެތުމެވެ

"މޮރިޝަސް ފަދަ ގައުމުތަކަށް ބަލާއިރު އެ ގައުމަކީ ވެސް މާގިނަ ގުދުރަތީ ރައުސްމާލުތަކެއް ހުރި ތަނެއް ނޫން. ނަމަވެސް، މޮރިޝަސްގެ 1.2 މިލިއަން އާބާދީގެ 87 ޕަސެންޓަކީ ބޯހިޔާވަހިކަން ލިބިފައި ތިބި މީހުން. އެ ގައުމަކީ އަޅުގަނޑުމެންނަށް ވުރެ ތިން އަހަރު ފަހުން މިނިވަންކަން ލިބުނު ގައުމެއް. ނަމަވެސް އެ ގައުމުގެ ޖީޑީޕީ ޕާކެޕިޓާ [ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް] އުޅެނީ ރާއްޖެއާ ގާތްގަނޑަކަށް އެއްވަރަށް،" ނަސީރު ވިދާޅުވެފައިވެ އެވެ.

"މޮރިޝަސްގެ ހުރިހާ ރައްޔިތުންނަށް ހިލޭ ތައުލީމާއި ސިއްހީ ހިދުމަތާއި ހިލޭ ޓްރާންސްޕޯޓް ލިބޭ. އަޅުގަނޑުމެންގެ އާބާދީ އަދި ފަސް ލައްކަ ހަމަނުވޭ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު ހިލޭ ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ. މިހާރު އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ،"

ޓޫރިޒަމްގެ މަންފާ ބެހިގެން ނުދިއުން!

ރާއްޖޭގެ އިގްތިސޯދުގައި ޓޫރިޒަމްގެ ދައުރު ވަރަށް ފުޅަލެވެ. ކުރިން މަސްވެރި ކަމަކީ ދިވެހިންގެ ލޭނާރުގެ ގޮތުގައި އޮތް ނަމަވެސް މިހާރު ޓޫރިޒަމްވަނީ އެ މަގާމު އަތުލާފަ އެވެ. މިހާރު ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކީ ޓޫރިޒަމް ސިނާއަތެވެ. ރާއްޖޭގައި 140 ރިސޯޓު އެބަ އޮތެވެ. ރާއްޖޭގެ ޓޫރިޒަމުން ދައުލަތުގެ ބަޖެޓަށް 2017 ވަނަ އަހަރު އެކަނި ވެސް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

އެހެންވެ މި ސިނާއަތު ވެފައިވަނީ މުޅި އިގްތިސާދުގެ 80 ޕަސެންޓަށް ވުރެ ބޮޑުބައި ކޮންޓްރޯލް ކުރާ އެއް ދާއިރާ އަށެވެ. ނަމަވެސް މި ސިނާއަތުގައި ވެސް ހަގީގީ ހަމަހަކަމެއް ނެތެވެ. ރިސޯޓުތައް ތަރައްގީ ކުރުމުގައި ވެސް މުޅި ރާއްޖެއަށް ޓޫރިޒަމް ފެތުރުމުގެ ބަދަލުގައި އެނދުތައް ތޮއްޖައްސާފައި ވަނީ މާލެ އަތޮޅަށެވެ. ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ބައިލައްކައާ ކައިކުރި ނަމަވެސް ސަރުކާރު ތަކުން ޓޫރިޒަމް ތަރައްގީ ކުރުމުގައި ގެންގުޅުނު ވިސްނުމުގެ ނަތީޖާއަކީ ޓޫރިޒަމް ފެތުރުމުގައި ހަމަހަމަކަން ގެއްލިގެން ދިއުމެވެ.

ނޭޝަނަލް ސްޓެޑިސްޓިކް ބިއުރޯ އިން ނެރެފައިވާ 2017 ވަނަ އަހަރުގެ ރިސޯޓު އެނދުތައް އަތޮޅުތަކަށް ބެހިގެން ގޮސްފައިވާ ގޮތުގެ ހިސާބުތަކަށް ބަލާއިރު، މާލެ އަތޮޅުގައި 45 ރިސޯޓު ހިންގަ އެވެ. އަދި މި އަތޮޅުގައި އެކަނި 10,094 އެނދު އެބަހުއްޓެވެ. ދެން އެންމެ ކައިރިކޮށް ވެސް އުޅެނީ ހދ. އަތޮޅުގަ އެވެ. އެއީ އެންމެ 17 ރިސޯޓެވެ. އަދި ބައެއް އަތޮޅުތައި އެއް ރިސޯޓު ވެސް އެބަ އޮތެވެ. މިހެންވުމުން އިގްތިސޯދީ ގޮތުން ޓޫރިޒަމުން ލިބެން ޖެހޭ އެންމެ ރަނގަޅު މަންފާ ލިބެމުން ދިއުމަށް އޮތީ ހުރަސް އެޅިފަ އެވެ.

އަނެއް ސަބަބަކީ ޓޫރިޒަމް ނޫން އެހެން ސިނާއަތްތައް އުފެއްދިފައި ނެތުމެވެ. ކުދި ރަށްރަށުގައި އުފައްދާ ބާވަތްތައް ރަނގަޅު އަގު ލިބިގެން ދާނެ މަގެއް ހަމަޖެހިފައި ނެތުމަކީ މި ހަމަހަމަކަން ބެހިގެން ނުދިއުމުގެ ސަބަބެކެވެ. މިކިޔާ، އެސްއެމްއީ ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ނުކުންނަ މީހުންނަށް އޮތް މަގުގެ ތާށި ކަމެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް މީހަކު ނުކުންނަނަމަ އެ މީހަކު ހަނާވެގެން ނޫން ގޮތަކަށް އެކަމެއް ނުކުރެވެ އެވެ. މިފަދަ ވިޔަފާރިތަކަށް ފައިނޭންސް ނުވަތަ ފަށަން ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ އެހީ ލިބޭނެ ގޮތެއް ނެތެވެ.

ކޮންމެ ސަރުކާރެއް އައިސް ދައްކާ ފޮނި ވާހަކަތަކުގައި "އެސްއެމްއީ" މި ލަފުޒު އޮވެ އެވެ. ކުރިން މި ވިޔަފާރިއަށް ދޫކުރީ ލޯނުތަކުން ވީކަމެއް ނެތެވެ. އަދި ނިމިދިޔަ ސަރުކާރުން ދޫކުރި "ގެޓްސެޓް ލޯނު" ބެހިގެން ދިޔަ ގޮތުގެ ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ. ބައި އެޅިގެން ގޮސްފައިވަނީ އެންމެ ބޭނުންވާ މީހުންނަށްވުރެ ބޮޑަށް ޕާޓީއަށް އެންމެ ވަފާތެރި މީހުންނަށެވެ.

ދެން އޮތީ މި ސަރުކާރެވެ. މި ސަރުކާރުން ކިޔަނީ އެސްއެމްއީ ބޭންކެއްގެ ވާހަކަ އެވެ. ހަމަކުރަން އުޅެނީ އެއް ކަމެކެވެ. ޕްރޮޕޯސަލްއެއް ލުމުން ފައިސާ ދޫކުރާ އުސޫލެވެ. މި ފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ބަހާލާނީ ޕާޓީލައިނުން ގާތް މީހުންނަށް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލިބޭނީ އަދި ފަހުންނެވެ.

އިސްރާފާއި ކޮރަޕްޝަން ވަރަށް ބޮޑު

މި ހިނގާ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑުމިން 30.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ބަޖެޓުގެ ދަރަނި މިހާރު އަންދާޒާ ކޮށްފައިވާ ގޮތުގައި ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ. ދިވެހި ސަރުކާރުތަކަށް އޮތް އެންމެ ބޮޑު އެއް މައްސައަކީ އަބަދު ވެސް އިސްރާފު ބޮޑުވުމެވެ. މީގެ ސަބަބުން ބަޖެޓަށް ކަނޑައަޅާ ފައިސާގެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް ގެއްލިގެން ދެ އެވެ. މި ސަރުކާރުން މިހާރު ފަށަން ނިންމާފައިވާ ބައެއް ޕްރޮގްރާމްތަކާއެކު ބަޖެޓުގެ ހޭދަ ބޮޑުވުން ގާތްގަނޑަކަށް މާހިރުން ގަބޫލު ކުރައްވަ އެވެ. ހާއްސަކޮށް ސަބްސިޑައިޒްކޮށްގެން ބައެއް ގިނަ ކަންކަން ކޮށްދޭން ފެށުމާއެކު އިތުރު ހަރަދުތަކެއް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ސަރުކާރުން ފަށާފައިވާ ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމް އާއި އާސަންދަ ފުޅާ ކުރުން އަދި ހިލޭ ތައުލީމް ޕްރޮގްރާމުގެ ސަބަބުން ބަޖެޓުގެ ހޭދަ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ދެން އޮތީ ކޮރަޕްޝަންގެ ވާހަކަ އެވެ. މިހާރު މި ދައްކަނީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ ވާހަކަ އެވެ. ނަމަވެސް މީގެ ކުރިންވެސް މިވަރުގެ ބޮޑެތި ވައްކަން ކޮށްފައި އެބަހުއްޓެވެ.

މި ހިސާބުން ސުވާލެކެވެ. އެމްއެމްޕީއާރްސީގެ ރަށްތައް ބެހިއިރު އަދި ގެއްލުނު ފައިސާގެ ވާހަކަ ދައްކާއިރު، އެ ރަށްރަށް ދޭއިރު މަޝްރޫއާއެކު ދޭން ޖެހޭ ސީއެސްއާރު ފައިސާ ވީ ތަނެއް ވަނީ ކޮން ތަނަކަށް ހެއްޔެވެ؟ މި ފައިސާއަކީ ރިސޯޓް ހިފާ މަހުޖަނު މީހާ ރައްޔިތުންނަށް ހޭދަ ކުރަން ސަރުކާރަށް ހަވާލު ކުރާ އެއްޗެކެވެ. އެ މީހާ އެ ފައިސާ ސަރުކާރާ ހަވާލުކުރަނީ ރައްޔިތުންނަށް ހޭދަ ކުރާށެވެ. ސީއެސްއާރު ކޮންޕޯނެޓުގެ ގޮތުގައި ޕްރޮޕޯސަލްގައި އޮންނަ މި ފައިސާ ރިސޯޓު ނަގާ އަތޮޅުތަކަށް ހޭދަކުރާނަމަ ސަރުކާރު ބަޖެޓުން އެއްވެސް ކަމެއް ނުކޮށް ވެސް އުމްރާނީ ތަރައްގީގެ ހުރިހާ ކަމެއް ހިންގޭނެކަން ޔަގީނެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި މައްސަލައަކީ ރާއްޖޭގައި އިސްރާފާއި ކޮރަޕްޝަން މަތިވުމެވެ.

"އަޅުގަނޑުމެން ކޮންމެ ރިސޯޓަކާއެކު އެބަދެން ފަސްލައްކަ ނޫނީ މިލިއަނެއްހާ ޑޮލަރު ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި. މި ފައިސާ ދެއްކީމަ ނޫނީ ރިސޯޓެއް ނުލިބޭނެ. ސުވާލަކީ މި ފައިސާއިން ކުރަނީ ކީއްހޭ؟ މި ފައިސާ އަޅުގަނޑުމެން އަމިއްލައަށް ރިސޯޓު ހަދާ އަތޮޅުތަކުގައި މަޝްރޫއު ހިންގަން ދޭނަމަ ވެސް މީގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް ލިބޭނެކަން ޔަގީން. މިހާރު އެ ފައިސާއަށް ވާގޮތެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ސަބަބުން ފައިސާ ގެއްލިގެން ގޮސްފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީއިން އެކަންޏެއް ވެސް ނޫނެވެ. އެޕްޕީއައިޑީގެ ކޮރަޕްޝަން ހިނގި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އޮތީ މިހާރުގެ ޓޫރިޒަމް ސްޓޭންޑަޑްގަ އެވެ. އޭރު މަސްވެރި ކަމަކީ ރާއްޖޭގެ އިގްތިސޯދު މައި ތަނބެވެ. އެހެންވުމުން އެފަހަރު ގެއްލިގެން ދިޔަ ފައިސާގެ މިންވަރަށް ބަލާއިރު އެމްއެމްޕީއާރްސީގެ ފައިސާގެ އަދަދާއި ގާތްގަނޑަކަށް އެއް ހަމަވާނެ އެވެ.

ފަހުން ގައުމީ އެއާލައިން އެއާމޯލްޑިވްސް ބަނގުރޫޓު ވެގެން ދިޔަ ގޮތްވެސް މިއީ ބޮޑެތި ހިޔާނާތްތަކުގެ މިސާލުތަކެވެ. މީގެ އިތުރުން ވެސް މަޝްރޫއުތައް ދިނުމުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވަނީ ފެންވަތިވެފަ އެވެ. މިހުރިހާ ކަމަކީ ދިވެހިން 21 ވަނަ ގަރުނާ ހަމައަށް އައިރު އިގްތިސޯދީ ހަމަހަމަކަން ނެތުމުގެ ސަބަބުތަކެވެ.

އިގްތިސާދީ ހަމަހަމަ ކަމުގެ ވާހަކަ ދައްކާއިރު، މިހަމަކަން ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެންނެވެ. އިސްރާފު ކުޑަކޮށް، އެ
ފައިސާ ރައްޔިތުންނާ ހަމައަށް ގެނެސްދެވިގެންނެވެ. ބޯހިޔާވަހިކަން ދީގެންނެވެ. އެހެންނޫން ގޮތަކަށް މި ހަމަހަމަކަން ގެނެވޭނެ ގޮތެއް ނުފެނެ އެވެ.