ރައްޔިތުން ކުރިން ބޭނުން ވަނީ ބަނދަރު ހަދާށެވެ. ތޮށި ލާށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ވިސްނުމަށް އައި ބަދަލާއެކު ރައްޔިތުންގެ އެދުން ވެސް ބަދަލު ވެއްޖެ އެވެ. މިހާރު ކޮންމެ ރައްޔިތަކު ވެސް ބޭނުންވަނީ ތިމާގެ ރަށް "ސިންގަޕޫރަ" ށް ހަދާށެވެ. ނަތީޖާއަކީ ބޭނުންތައް ތަފާތުވުމެވެ. މިހާރު ރައްޔިތު މީހާ ބޭނުން ވަނީ މަގުތަކުގައި ތާރު އަޅާށެވެ. ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅާށެވެ. ނަތީޖާއަކީ ސަރުކާރުން ކުރަންޖެހޭ ހޭދަ ބޮޑު ވެގެން ދިއުމެވެ. ދެން އޮތީ ސަރުކާރު ހިންގުމުގެ ވާހަކަ އެވެ.
ދިވެހި ދައުލަތުގެ ހިންގުމުގެ އޮނިގަނޑު އޮތީ ވަރަށް އިޝްރާފު ބޮޑު ގޮތަކަށެވެ. މިކަން އިތުރަށް ގޯސްވެގެން ދަނީ ބޭކާރު އަލަށް ހަވާލުވާ ސަރުކާރުތަކުން އިތުރު ކުރާ ބޭކާރު މަގާމުތަކާއި ކުރާ އިޝްރާފުންނެވެ. ނަތީޖާއަކީ އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓު ޖުމްލަ އަދަދު މަތިވަމުން ދިއުމެވެ.
އެކަމަކު ބަޖެޓު މަތިވުން މިއީ މައްސަލައެއް ހެއްޔެވެ؟ ބަޖެޓު ބޮޑުވާތީ ކޮންބޮޑުވުމެއްވޭ ހޭއްޔެވެ؟
ބަޖެޓު ބޮޑުވުން އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ހަރަދުތައް ފޫނުބެއްދުމެވެ. ބަޖެޓަށް ކަނޑައަޅާ ފައިސާ އެންމެ ހެޔޮ ގޮތުގައި ރައްޔިތުންނާ ހަމަ އަށް ގެނެސް ނުދެވުމެވެ. އެހެން ވަންޏާ އެއީ މައްސަލައެކެވެ.
ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ދައުލަތުގެ ބަޖެޓު ވަނީ އަހަރުން އަހަރަށް މަތިވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރަށް ފާސްކޮށްގައިވަނީ 27.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 2017 ވަނަ އަހަރު ބަޖެޓު 26 ބިލިއަން ރުފިޔާ އަށް ކުޑަވިތަން ފެނުނެވެ. ނަމަވެސް 2018 ވަނަ އަހަރު އަނެއްކާ ވެސް 27 ބިލިއަން ރުފިޔާ އަށް ބަޖެޓު އިތުރުވެ، މި ހިނގާ 2019 ވަނަ އަހަރު މި އަދަދު 29.6 ބިލިއަން ރުފިޔާ އަށް ބޮޑު ވެގެން ދިޔަ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ފާސްކޮ ށްފައި ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އެއީ 37.5 ބިލިއަން ރުފިޔާ އެވެ.
ފަސް އަހަރުގެ ބަޖެޓް
- 2016 ވަނަ އަހަރު 27.4 ބިލިއަން ރުފިޔާ
- 2017 ވަނަ އަހަރު 26 ބިލިއަން ރުފިޔާ
- 2018 ވަނަ އަހަރު 27 ބިލިއަން ރުފިޔާ
- 2019 ވަނަ އަހަރު 29 ބިލިއަން ރުފިޔާ
- 2020 ވަނަ އަހަރު 37 ބިލިއަން ރުފިޔާ
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ބަޖެޓު ޑެފިސިޓްގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ޖުމްލަ ހަރަދަކީ 35.6 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީގެ 48 ޕަސެންޓް ޓެކުހުގެ ގޮތުގައި ލިބޭނެ އަންދާޒާ ކޮށްފައިވާއިރު، ޓެކުހުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ވެސް 59 ޕަސެންޓްއަކީ ރިކަރަންޓު ހަރަދެވެ. އަދި ރިކަރަންޓުގެ ހަރަދަށް އަންނަ އަހަރު 22.2 ބިލިއަން ރުފިޔާ ހޭދަ ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އާމްދަނީ އިތުރު ކުރުން ޓެކްސް ނިޒާމަށް!
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވެސް އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ބޮޑު ބަޔަކީ ޓެކްސް ނިޒާމު "ފެލައިގެން" އެއިން ދިޔަ ނެރުމެވެ. އަލަށް ތައާރަފު ކުރާ އިންކަމް ޓެކުހާއި އެއާ ގުޅޭ އެހެން ޓެކްސް ތަކުން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އަންނަ އަހަރު ބިދޭސީން ކޯޓާ ފީ ތައާރަފުކޮށް، ވޯކް ޕާމިޓް ފީ މަތިކޮށްގެން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ކަސްޓަމްސް ފީ އާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެނެސްގެން 558 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވްލޮޕްމަންޓް ފީ އަށް ބަދަލު ގެނެސްގެން 319 މިލިއަން ރުފިޔާ ލިބޭނެއިރު އަލަށް މާކެޓަށް ނެރޭ ރިސޯޓުތައް ހުޅުވައިގެން 290 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
ހަމައެކަނި ޓެކުހަށް ބަރޯސާވުމަކީ މައްސަލައެއްތަ؟
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އަލަށް ތައާރަފު ކުރާ ޓެކުހަކަށް ބަރޯސާވުމަކީ އާމްދަނީ އިތުރު ކުރުމުގެ "ހަމައެކަނި އޮޕްޝަން" ގެ ގޮތުގައި ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ މި ޓެކްސް ވެސް ވަށާ ޖެހޭއިރު ގޮސް ޖެހެނީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ޓޫރިޒަމް ސިނާއަތުގައި ކަމަށް ވާތީ އެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި އާމްދަނީ އިތުރު ކުރަން ކުރެވޭނެ އާ ކަންކަން ހުއްޓައި އެކަން ނުކޮށް ހަމައެކަނި ޓެކުހަށް ބަރޯސާވުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
"މިއީ ތާއަބަރު ދައްކާ ވާހަކަ އެއް. ރާއްޖެ މި އޮތް ސަރަހައްދުގެ ފައިދާ ނެގެން އެބަ ޖެހެއޭ. ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ހިދުމަތް ދީގެން ބޮޑު ފައިދާއެއް ހޯދޭން އެބައޮތޭ. މިފަދަ ބޮޑެތި ކަންކަން ކުރަން ސަރުކާރުން ނޫޅޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ،" ނަން ނުޖެހުމަށް އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.
ދަރަންޏާއި ބޭކާރު ހަރަދު މަތިވަނީ
ބަޖެޓު މަތިވުން އާއްމުންގެ ވިސްނުމުން ކަންބޮޑުވުމަކަށް ވެދާނެ އެވެ. އެކަމަކު އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި އިގްތިސޯދު ކުރިއަރާ ވަރަކަށް ބަޖެޓު ބޮޑުވުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލަ ނުކުނަން ހިސާބަކީ ދަރަނި މަތިވެ، ހަރަދު ކޮންޓްރޯލް ނުވުމެވެ. ހިންގުމުގެ ހަރަދު މަތިވަމުން ދިއުމެވެ. ހާއްސަކޮށް ސަރުކާރު ހިންގުމަށް ކުރާ ހަރަދު މަތިވަމުން މިއީ ކަންބޮޑުވުމެވެ. ބޭކާރު މަގާމުތައް އިތުރުވަމުން ދިއުން ވެސް މިއީ މައްސަލަ އެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމަކަށް 331 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ހިމަނާފައިވެ އެވެ.
ކުރިން ފިނޭންސް މިނިސްޓްރީގެ ޕޮލިސީ ލެވަލްގައި އުޅުއްވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ބަޖެޓު އަދަދު މަތިވުމަށްވުރެ މައްސަލައަކީ ސަރުކާރުގެ ހިންގުމުގެ ހޭދަ ބޮޑުތަކުން މަތިވަމުން ދިއުމެވެ.
"ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ސިވިލް ސާވެންޓުން ވެސް ގިނަ ގައުމެއް. އޭޑީބީ ލަފާދޭ ސަރުކާރުގެ ހިންގުމުގެ ހޭދަ ކުޑަ ކުރަން. ކުރިން ސަރުކާރުން [ރައީސް ނަޝީދު] ވެރިކަމުގައި ސިވިލް ސާވެންޓުން މަދުކުރަން ވެސް އުޅުނު. އެ ފަހަރު ވެސް މަދުކުރި ސިވިލް މީހުންގެ ބަދަލަށް އިތުރުވީ ސިޔާސީ މަގާމުތަކެއް. މިއީ މައްސަލައަކީ މީގައި ބޭނުންވަނީ އިހުލާސްތެރިކަން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ބަޖެޓާއެކު ދަރަނި މަތިވަމުން ދިއުމަކީ ވެސް ބޮޑު ކަންބޮޑުވުމެކެވެ. އާ ބަޖެޓާއެކު މިއަހަރުގެ ނިޔަލަށް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި 75 ޕަސަންޓަށް ވުރެ މަތިވެގެން ދާނެ އެވެ. މިކަން ބޮޑުވުން އެމްއެމްއޭއިން ވެސް ފާޅު ކުރެ އެވެ.
ބަޖެޓް ކޮމެޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ގޮތުގައި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަރުކާރުން ގެރެންޓީދީފައިވާ ދަރަނި ނުހިމަނައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 58.4 ޕަސަންޓެވެ. ނަމަވެސް، ސަރުކާރުން ގެރެންޓީދީފައިވާ ލޯނުތަކުގެ ތަފްސީލް ބަޖެޓުން ސާފު ނުވާތީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނީ ހުންނާނެ އަދަދެއް ސީދާ ނޭނގެ އެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ލޯނާއި ބޮންޑު އަދި ސުކޫކުގެ އަސަރު އިގުތިސޯދަށް ކުރާނީ ދުރު ރާސްތާގަ އެވެ. ބަޖެޓަށް ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރޭގައި ލޯނާއި ބޮންޑު ހިމެނޭއިރު އޭގެ އަސަރު އިގްތިސޯދަށް ކުރާނެ އެވެ.
ކޮންމެ ގޮތެއް ވިއަސް އަހަރުން އަހަރަށް ބަޖެޓު މި ދަނީ މަތިވަމުންނެވެ. މިހާރު މަތިވަމުންދާ ގޮތުންނަމަ 2021 ވަނަ އަހަރު ދައުލަތުގެ ބަޖެޓު 40 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.