ރިޕޯޓް

ކުޑަ އުޖޫރަ ކަނޑައެޅުން: މި ސުވާލުތަކުގެ ޖަވާބު ކޮބާ؟

ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅަން ކުރަމުންދާ މަސައްކަތާއި ބޭރުގައި މިނިމަމް ވޭޖް ދޭ ބައެއް ގައުމުތައް -- އަވަސް އިންފޮގްރެފިކްސް | އަހުމަދު މާނިޝް

އެންމެ ކުޑަ އުޖޫރައެއް ނުވަތަ "މިނިމަމްވޭޖެއް" ކަނޑައެޅުމުގެ ބަހުސް ރާއްޖޭގައި ކުރާތާ ލައްކަ ޒަމާން ވެއްޖެ އެވެ. ހިޔާލު ތަފާތުވުން ތަކެއް ހުރިނަމަވެސް މިކަމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކޭ މީހުން ގިނަ އެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށްޓަކައި މިނިމަމް ވޭޖު ބޯޑެއް ވެސް އުފައްދައިފި އެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ވައުދުނާމާގައި އެކަން ހިމަނައި ކަން ކުރާނެ ގޮތް ލިޔެވެސްފި އެވެ. ނަމަވެސް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ކުރިން ގިނަ ސުވާލުތަކެއްގެ ޖަވާބު ބޭނުންވެ އެވެ.

އެއް ސުވާލަކީ، ރާއްޖެއަށް މިނިމަމް ވޭޖެއް މި ވަގުތަށް މުހިންމު ހެއްޔެވެ؟ މިނިމަމް ވޭޖެއް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މިނިމަމް ވޭޖެއް ގެނެސްގެން ކުރާނީ ކޮން ފައިދާ އެއް ހެއްޔެވެ؟ މި ކަމުން ގެއްލުމެއް ވެދާނެ ހެއްޔެވެ؟ މި ކަމަށް ކިހާ މަސައްކަތެއް ކުރަން ޖެހޭ ހެއްޔެވެ؟

"މިނިމަމް ވޭޖެއް ރާއްޖެއަށް މުހިންމު. އެކަމަކު މިނިމަމް ވޭޖެއް ގެންނަން ވާނީ ވަރަށް ރަނގަޅު ދިރާސާއެއް ކޮށްފައި. އެހެންނޫނީ ގިނަ މައްސަލަ ތަކެއް މުޅި އިގްތިސޯދަށް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ. ވަރަށް ރަނގަޅަށް ދިރާސާކޮށް، ރަނގަޅު ޑޭޓާތަކެއް ހުންނަން ޖެހޭ،" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

"އެންމެ ކުޑަ އުޖޫރަ" ކަނޑައެޅުމުގެ ގޮތުން އެމްޑީޕީ މެނިފެސްޓޯގައި އެކި ދާއިރާތައް ކަނޑައަޅައި ވަނީ ތައްޔާރުވެފަ އެވެ. އެ މެނިފެސްޓޯގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހުށަހަޅާފައިވަނީ ދުވާލަކަށް ދޭ ގޮތަށެވެ. ދުވަހު ރޭޓުންނެވެ. އަދި އެކި ސިނާއަތްތަކަށް ތަފާތުވާނެ ގޮތަކަށެވެ.

ދަތުރުފަތުރުގެ ސިނާއަތަށް ދުވާލެއްގެ މައްޗަށް ކަނޑައަޅާފައިވަނީ 266.27ރ. އެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް 266.67ރ. ކަނޑައަޅަން ހުށަހެޅިއިރު، ކޮންސްޓްރަކްޝަން ސިނާއަތަށް 200.00ރ. އަދި ރިސޯޓު މަސައްކަތްތެރިންނަށް ހުށަހަޅާފައިވަނީ 333.33ރ. އެވެ. އަދި ޓޫރިޒަމްގެ އެހެނިހެން ދާއިރާތަކަށް ހުށަހަޅާފައިވަނީ 200ރ. އެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް 266.67ރ. ދޭން ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް 266.67ރ. އަދި އެހެނިހެން ސިނާއަތް ތަކަށް ދުވާލަކު ޖެހޭ އާމްދަނީގެ ގޮތުގައި ހުށަހަޅާފައިވަނީ 200ރ. އެވެ.

މި އަދަދުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ ލިބޭނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ރިސޯޓު މަސައްކަތްތެރިންނަށެވެ. ރިސޯޓު މަސައްކަތްތެރިންނަށް ދުވާލަކު 333.33ރ. ލިބޭނެ އެވެ. މި އަދަދުން މަހަކު 27 ދުވަހު މަސައްކަތް ކުރާ މީހާއަށް މަހެއްގެ މައްޗަށް އެންމެ ކުޑަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 8،000ރ. ވަރު ލިބޭނެ އެވެ.

އަދި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ހިމަނާފައިވާ ކޮންސްޓްރަކްޝަން ސިނާއަތާއި އެހެނިހެން ސިނާއަތް ތަކަށް ޖަހާފައިވާ 200ރ. އަށް ބަލާއިރު ގާތްގަނޑަކަށް 5400ރ. ވަރު ޖެހޭނެ އެވެ. އެންމެ ކުޑަ އުޖޫރައަކީ ހަމައެކަނި ދިވެހިންނަށް ލިބޭނެ އެއްޗެއް ވެސް ނޫނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ މީހުންނަށް މި އުޖޫރަ ދޭން މަޖުބޫރުވާނެ އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަގުސަދަކީ އާއްމު މީހާގެ ޖީބަށް ގިނަ ފައިސާ އިތުރު ކުރުމެވެ. ކުރުކޮށް ބުނާނަމަ މުސާރަ ބޮޑު ކުރުމެވެ. ހާއްސަކޮށް މިނިމަމް ވޭޖު ފޯކަސް ވެގެން ދަނީ ރާއްޖޭގެ ޓޫރިޒަމް ސިނާތަށޭ ބުނެވިދާނެ އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިން ގެއަށް ގެންދަން ބޮޑު އެއްޗެއް ލިބުނު ނަމަވެސް އެ މީހުންގެ މުސާރައަކީ ކުޑަ އެއްޗެކެވެ. ބައެއް ރިސޯޓުތަކުގައި މަހަކު 3000ރ. އާއި 5000ރ. ދޭ ތަންތަން ވެސް އެބަހުއްޓެވެ. އެ މީހުންގެ އަތްމަތި ތަނަވަސް ވަނީ ސާވިސް ޗާޖާއި ޓިޕްގެ ފައިސާ ހިމަނައިގެނެވެ. މިހާރު މިނިމަވް ވޭޖު ކަނޑައަޅަން ހިމަނާފައިވާ އަދަދުތައް އެގޮތަށް ފާސް ކޮށްފިނަމަ ޓޫރިޒަމް ގިނަ ބައެއްގެ މުސާރަތައް ބޮޑު ވެގެންދާނެ އެވެ. ކުޑަ މުސާރަ ބޮޑު ވާނެ އެވެ. އެހެންވެ، މިކަމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ މާހިރުން ދެކެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް އިންކަމް އިން- އީކްއަލިޓީ ނައްތާލަން މިނިމަމް ވޭޖެއް ރާއްޖެއަށް މުހިންމެވެ.

"ދޭދޭ ފަރުދުންގެ މެދުގައި މިއޮތް އާމްދަނީގެ ފަރަގު ނައްތާލުން މިއީ ކުރަން ޖެހޭކަމެއް. އެހެންވެ، މިނިމަން ވޭޖެއް ބޭނުންވޭ ރާއްޖެއަށް. ރާއްޖޭގައި ކޮސްޓް އޮފް ލިވިން ވަރަށް މަތި. އިކޮނޮމިކަލީ ބަލާއިރު އެންމެ ދަށުން އާމްދަނީ ލިބޭ ފަރާތްތައް މި ތިބެނީ ޑިސް އެޑްވާންޓޭޖުގައި. ސޮސައިޓީ އަށް ހަގީގީ ކުރިއެރުމާއި ނަފާ ލިބުމަށްޓަކައި ވަރަށް މުހިންމު ކަމެއް އެންމެ މަދުން ލިބޭނެ އާމްދަނީއެއް ކަނޑައެޅުމަކީ،" ގަވަރުނަރު ވިދާޅުވި އެވެ.

ފަރުދުންގެ މެދުގައި އޮންނަ އާމްދަނީގެ ފަރަގު ނައްތާލުން މިއީ ކުރަން ޖެހޭ ކަމެއް. އެހެންވެ، މިނިމަން ވޭޖެއް ބޭނުންވޭ. ރާއްޖޭގައި ކޮސްޓް އޮފް ލިވިން ވަރަށް މަތި. އިކޮނޮމިކަލީ ބަލާއިރު އެންމެ ދަށުން އާމްދަނީ ލިބޭ ފަރާތްތައް މި ތިބެނީ ޑިސް އެޑްވާންޓޭޖުގައި،
އަހުމަދު ނަސީރު | އެމްއެެމްއޭގެ ގަވަރުނަރު

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލްކުރާ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން އޭނާ ތާއީދު ކުރައްވަ އެވެ. ނަމަވެސް އެކަން ކުރަން ވާނީ އިންޑަސްޓްރީ ތަކަށް ކެތްކުރެވޭ ވަރަށް ރަނގަޅަށް ދިރާސާކޮށްގެނެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މުސާރަަތައް މިހުރީ އެންމެ އެކަށީގެންވާ ލެވަލްގައި ނޫންކަން މުސާރަތައް. އެހެންވެ މިކަން [މިނިމަމް ވޭޖް] ކަނޑައެޅިދާނެ. އެކަމަކު މިކަމުގައި މުޅި އިކޮނޮމީއަށް އަންނާނެ ބަދަލު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ. އަދި މިނިމަމް ވޭޖު ހަދާފަ ދޫކޮށްލެވިގެން ނުވާނެ. އެކަން ސަސްޓެއިންކޮށް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ވެސް ގެންނަން ޖެހޭ،" ޖަނާ ވިދާޅުވި އެވެ.

އިގްތިސޯދަށް ކުރާނެ އަސަރަށް ވިސްނަންޖެހޭ

ރާއްޖޭގެ އިކޮނޮމީއަށއް ބަލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބޮޑު ދައުރެއް އަދާ ކުރެ އެވެ. އަދި އިގްތިސޯދުގެ ކުރި މަގަކީވެސް އެއީ އެވެ. އެހެންވެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގައި މި ސިނާއަތަށް އަތުވެދާނެ ބުރަ އަކަށް ސަމާލުވާން ޖެހޭނެ ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ސިނާއަތަކީ ހުރިހާ ދާއިރާއެއްގެ އަގުތަކާ ގުޅިފައިވާ އެއް ދާއިރާ އެވެ. މި ސިނާއަތަށް އަންނަ ލޮޅުމަކުން މުޅި އިގްތިސޯދަށް އޭގެ އަސަރު ކުރާނެ އެވެ.

މިނިމަމް ވޭޖު މިހާރު ހުރި އަދަދުތަކުން ބަލާނަމަ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ދުވާލަކު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 200ރ. ލިބޭނެ އެވެ. މިއާއެކު މި ދާއިރާގެ މުސާރަތައް "ޖަންޕް" ޖަހާފައި އަރައިގެން ދާނެ އެވެ.

މި ސިނާއަތަށް ބަލާއިރު މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ބޮޑު ޕަސެންޓަކީ ބިދޭސީންނެވެ. މިހާރު އާއްމު ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތު މީހެއްގެ މުސާރައަކީ މަހަކު ގާތްގަނޑަކަށް 200 ޑޮލަރު (ގާތްގަނޑަކަށް 3،084ރ.) ކަމަށް ބަލަމާ ހިނގާށެވެ. މިނިމަމް ވޭޖު މިހާރު ދޭން ހުށަހަޅާފައިވާ އަދަދުން ބަލާނަމަ މަހަކު 5000ރ. (ގާތްގަނޑަކަށް 300 ޑޮލަރު) އަށް އުފުލިގެންދާނެ އެވެ.

މީގެ މާނައަކީ އިމާރާތް ކުރުމުގެ ދާއިރާގެ ހަރަދުތައް މަތިވުމުގެ ފުރުސަތު އޮތުމެވެ. އިމާރާތް ކުރުމުގެ ހަރަދަށް އަންނަ ކޮންމެ ބަދަލަކީ ބޯހިޔާވަހިކަމުގެ އަގު ތަކަށް އަންނާނެ ބަދަލަކަށް ވެސް ވާނެ އެވެ. ސަބަބަކީ ރާއްޖޭގައި އަގު ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ނެތުމެވެ.

ކޮންސްޓްރަކްޝަން ސިނާއަތުގައި ދުވަސްވީ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މިނިމަމް ވޭޖު ދިނުމުގައި ބައެއް ދާއިރާތަކަށް ސީދާ އަދަދެއް ކަނޑައެޅުމަކީ ގެއްލުންވެދާނެ ކަމެކެވެ.

"އިމާރާތް ކުރުމުގެ ސިނާއަތުގައި ގިނައިން މި ތިބީ ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުން. ބޮޑުކޮށް މިތިބެނީ ހަތަރު ވަރަކަށް ކުންފުނި. ރާއްޖޭގައި އިމާރާތް ކުރުމުގެ ބިޑްތައް މި ކާމިޔާބު ވަނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތްތައް. އެހެންވީމަ ކޮސްޓް ކުޑަކޮށް، ފިއްތައިގެން ބިޑަށް މި ދަނީ. ނަމަވެސް މިނިމަން ވޭޖުގެ ސަބަބުން ލޭބަ ފޯސްގެ މުސާރަތައް 300 ޑޮލަރުން މަތިވެއްޖެނަމަ އެއީ ކޮންސްޓްރަކްޝަން ކޮސްޓަށް އިތުރުވާނެ އަދަދެއް ނޫން ތޯ؟" އޭނާ ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ސިނާއަތުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ޓްރެވަލް އެޖެންސީތަކަކީ ވެސް ގާނޫނީ އަދި ސަރުކާރުގެ އެއް ވެސް އެއްބާރުލުމެއް ނެތި ކުރިއަށް ދާ ދާއިރާ އެކެވެ. މި ދާއިރާއިން ޓެކްސް ނެގުން ނޫން ކަމެއް ސަރުކާރަކުން ނުކުރެއޭ ވެސް ބުނެވިދާނެ އެވެ.

ދުވަސްވީ ޓްރެވަލް ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ރާއްޖެއަށް މިނިމަމް ވޭޖެއް ތައާރަފު ކުރަން އަދި މާ އަވަހެވެ.

"ޓްރެވަލް އެޖެންސީ ދާއިރާއަކީ ހަގީގަތުގައި ސަރުކާރުން އެއްވެސް އެހީއެއް ލިބޭ ދާއިރާއެއް ނޫން. ބޭންކުން ލޯނެއް ލިބެނީއެއް ނޫން. ރަނގަޅު ރޭޓެއް ހޯދަން މަސައްކަތް ކުރާނެ އޮނިގަނޑެއް އޮތީއެއް ނޫން. އަދި ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ. އެހެންވީއިރު، މި ވަގުތު މިނިމަމް ވޭޖެއް ގެނައުން ރަނގަޅެއް ނޫން. އަޅުގަނޑަށް ފެންނަނީ އަދި ފަސް އަހަރުވަރު ފަހުން އެކަން ކުރަން. އޭރުން މި ހުރިހާ ނިޒާމު ތަކެއް ހުންނާނީ ލެވަލްވެފައި،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ވަޒީފާގެ ގާނޫނު އޮތް ގޮތުން، ބޮޑަށް ބުރަވަނީ ވަޒީފާއަށް ވަންނަ މީހާއަށެވެ.

"ވަޒީފާއަށް މުވައްޒަފަކު ނަގާފަ. ޓްރެއިނިން ދީ، ބޮޑު ކުރީމަ އެދަނީ. މިނިމަމް ވޭޖެއް ހަދާނަމަ ވަޒީފާގެ ގާނޫނު ވެސް ރަނގަޅު ގޮތަކަށް އިސްލާހު ވާން ޖެހޭ،" ފިރާގު ވިދާޅުވި އެވެ.

ސެންޗޫރިއަން ކުންފުނީގެ ޗެއާމަން އަހުމަދު މައުމޫން (މާނު) ވިދާޅުވި ގޮތުގައި މިނިމަމް ވޭޖު ހެދުމުގެ ކުރިން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ބޯހިޔާވަހިކަން ދިނުމެވެ.

"މިނިމަމް ވޭޖު ހަދަނީ އަތްމަތި ތަނަވަސް ކުރަން ނޫން ތޯ؟ އެހެންވީއިރު، ފުރަތަމަ ޖެހޭނީ ބޯހިޔާވަހިކަން ފުރިހަމަ ކޮށްދޭން. އެހެންނޫނީ އެކަން ކާމިޔާބެއް ނުވާނެ. މުސާރަތައް ބޮޑު ކުރާއިރަށް މާކެޓު ރޭޓަށް ގެންނަން ގޭގެ ކުލި މަތިކޮށްލާނެ. އެހެންވީމަ ހަމަ ޖެހޭނީ އެއްތަނަކު. އެހެންވީމަ މިނިމަމް ވޭޖަކަށް ވުރެ ކުރިން ބޯހިޔާވަހި ކަމުގެ އަގުތައް ތިރިވާން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މާނު ވިދާޅުވި އެވެ.

ބޭރުގައި މިނިމަމް ވޭޖުގެ ތަޖުރިބާ ފޮނި

މިނިމަމް ވޭޖު ކާމިޔާބުވެފައިވަނީ އިގްތިސާދޯ ގޮތުން ވަރުގަދަ ގައުމުތަކުގަ އެވެ. ދުނިޔޭގެ ފައިނޭންޝަލް ހަބެއްގެ ގޮތުގައި ބެލެވޭ ސިންގަޕޫރުގައި މިނިމަމް ވޭޖެއް ނޯވެ އެވެ. ޔޫރަޕަށް ބަލާއިރު އެންމެ ގިނަ ގައުމުތަކުގައި މިނިމަމް ވޭޖު ދެނީ ގަޑިއަށް ބަލައިގެން "އަވާލީ" ބޭސިސްއެއްގަ އެވެ.

ޔޫރަޕުގައި އެންމެ މަތިން މިނިމަން ވޭޖެއް ދޭ ގައުމަކީ އޮސްޓްރޭލިއާ އެވެ. ގައުމުގައި ގަޑިއަކަށް 9.54 ޑޮލަރު (ގާތްގަނޑަކަށް 147ރ) ދެ އެވެ. ސުވާލަކީ ރާއްޖެއަށް މިނިމަމް ވޭޖެއް ތައާރަފު ކުރާނަމަ ރަނގަޅީ ގަޑިއަށް ބަލައިގެން ދިނުން ހެއްޔެވެ؟ ނޫނީ ދުވާލަކަށް ޖެހޭ ވަރު ދިނުން ހެއްޔެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި ރާއްޖޭގައި އެންމެ ރަނގަޅުވާނީ ދުވާލަކަށް ޖެހޭ ވަރު ދިނުމެވެ. ސަބަބަކީ ރާއްޖޭގައި ގަޑި އަށް ޗާޖުކޮށްގެން މުސާރަ ނުދޭތީ އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިނިމަމް ވޭޖު ދޭން ރަނގަޅުވާނީ ދުވާލަކަށް ޖެހޭވަރަށް ބަލައިގެނެވެ.

މުސާރަތައް މުރާޖައާ ކުރަން ޖެހެ އެވެ. އަދި ރަނގަޅު އާމްދަނީ އެއް ވެސް ލިބެން ޖެހެ އެވެ. އެކަމަށްޓަކައި މިނިމަމް ވޭޖެއް މުހިންމު ވެސް ވެއެވެ. ނަމަވެސް މިކަން ކުރައްވާނީ ރަނގަޅަށް ދިރާސާކޮށްފަ އެވެ. ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންނެވެ. އެހެންނޫނަމަ މީގެން ނުރަނގަޅު އަސަރު މުޅި އިގްތިސޯދަށް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.