ރިޕޯޓް

ޅަފަތުގެ ހިއްސާގެ ބާޒާރު އާޒަމާނަކަށް!

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކާއި ހިއްސާގެ ބާޒާރު- އަވަސް: އިންފޮގްރެފިކްސް ވިޑިއޯ| އަހުމަދު މާނިޝް

ރާއްޖޭގައި ހިއްސާ ވިއްކުމުގެ ދިގު ތާރީހެއް އެބައޮތެވެ. އެ ތާރީހުން އެނގޭ ގޮތުގައި 60 އަހަރު ކުރިން ވެސް ރާއްޖޭގައި ހިއްސާ ވިއްކި އެވެ. ސީއެމްޑީއޭގެ "ކެޕިޓަލް މާކެޓު ރިވިއު" ގައި ތާރީހީ ލިޔުންތެރިޔާ އަހުމަދު ޝަފީގުގެ ލިއުމަކާ ހަވާލާދީ ލިޔެފައިވާ ގޮތުން، ފުރަތަަމަ ހިއްސާ ވިއްކި އެއް ކުންފުންޏަކީ މެއި 1، 1984 ވަނަ އަހަރު ގައުމީ ކުންފުންޏެވެ. އެ ކުންފުނިން ހިއްސާ ވިއްކީ އޭރު ރާއްޖޭގެ އިގްތިސޯދުގައި ވަކި ހިއްޕާލައިގެން ތިބި ވޯރާއިންގެ ވަކިތަކުން އިގްތިސޯދު މިނިވަން ކުރުމަށެވެ. އެ މަގުސަދުގައި ކޮންމެ ދިވެއްސަކަށް ހިއްސާއެއް ވިއްކީ 10ރ. އަށެވެ. ދެން ހިއްސާ ވިއްކި އަނެއް ކުންފުންޏަކީ ޖޫން 13، 1947 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ޓްރޭޑިން އެވެ. އަދި އިބްރާހިމް ފާމުދޭރި ކިލެގެފާނުގެ ބޮޑު ވަޒީރުކަމުގައި އުފެއްދި އެމްއެންޑީސީ އާއި އޯކިޑް ކުންފުންޏެވެ.

ނަމަވެސް ރާއްޖޭގައި ރަސްމީކޮށް ހިއްސާގެ ބާޒާރެއް ރަޖިސްޓްރީ ކުރީ 2008 ވަނަ އަހަރު އެވެ. އޭރުގެ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އަގަކީ 2.9 ބިލިއަން ރުފިޔާ އެވެ. އޭރު، ލިސްޓު ކޮށްގެން ތިބީ ހުސް ސަރުކާރު ކުންފުނި ތަކެވެ. ނަމަވެސް 11 އަހަރު ފަހުން ބައިލާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ނުވަ ކުންފުންޏެއް ލިސްޓުކޮށްފި އެވެ. މިހާރު ބާޒާރުގެ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 16 ބިލިއަން ރުފިޔާގަ އެވެ. މިއާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރު މިއޮތީ ތަރައްގީވެ ބޮޑު ފުރޮޅުމަކަށް ގޮސްފަ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރު ނުވަ ކުންފުންޏެއް ލިސްޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުގެ ހަތަރު ކުންފުންޏަކާއި ސަރުކާރު ހިއްސާވާ އެޗްޑީއެފްސީގެ އިތުރުން އަމާނާ ތަކާފުލް އާއި ސެންޗޫރިއަން އަދި އުރީދޫ އެވެ. މި ކުންފުނިތަކުގެ ތެރެއިން އެސްޓީއޯގެ ފަންޑުކޮށްފައިވާ އަދަދު އުޅެނީ 483 މިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ 35 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ސްޓޮކް މާކެޓުގައި ލިސްޓުކޮށްފަ އެވެ.

ސްޓޮކް މާކެޓުގައި އެމްޓީސީސީގެ މާކެޓް ކެޕްގެ އަގަކީ 442 މިލިއަން ރުފިޔާ އެވެ. ބީއެމްއެލް ގެ އަގު 1.2 ބިލިއަން ރުފިޔާގައި ހުރިއިރު، ދިރާގުގެ މާކެޓް ކެޕްއަކީ 6.1 ބިލިއަން ރުފިޔާ އެވެ. އަމާނާ ތަކަފުލްގެ 101 މިލިއަން ރުފިޔާ އާއި ސެކްޗޫރިއަންގެ 178 މިލިއަން ރުފިޔާ އަދި އުރީދޫ މޯލްޑިވްސް 4.7 ބިލިއަން ރުފިޔާ އެވެ.

އެޗްޑީއެފްސީ އިން ވަނީ ދެ ފަހަރެއްގެ މަތިން ހަތަރު ފައިނޭންޝަލް އިންސްޓްރޫމަންޓް ލިސްޓުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ 35 މިލިއަން ރުފިޔާ އަދި 83 މިލިއަން ރުފިޔާގެ ބޮންޑެއްގެ އިތުރުން 23 މިލިއަން ރުފިޔާ އާއި 82 މިލިއަން ރުފިޔާގެ ދެ ސްކޫކެވެ.

ހިއްސާގެ ބާޒާރުގައި ނުވަ ކުންފުނި ހަރަކާތްތެރިވި ނަމަވެސް މި އަދަދު ވެގެންދަނީ ހިއްސާގެ ބާޒާރެއް ކުރިއެރުވުމުގައި މަދު އަދަދެއްގެ ގޮތުގަ އެވެ. މީގެ އިތުރުންވެސް ހިއްސާގެ ބާޒާރު ކުރިއަރުވަން ރާއްޖޭގައި ގިނަ ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ.

މޯލްޑިސް ސްޓޮކް އެކްސްޗޭޖު ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އައުސަން ލަތީފު ވިދާޅުވި ގޮތުގައި ހިއްސާ ގަނެވިއްކަން ކަނޑައެޅިފައިވާ އުސޫލުތައް ބޭނުން ކުރުމުގައި މީހުންނަށް ދަތިތަކެއް ހުރުމާއި ބްރޯކަރެއްގެ ހިދުމަތް ހޯދުމަށް މާލެ އަށް ބްރޯކަރުގެ އޮފީހަށް އަންނަން ޖެހުމަކީ ސްޓޮކް އެކްސްޗޭންޖު ކުރިއެރުވުމުގައި އޮތް ބައެއް ގޮންޖެހުމެކެވެ.

"ލިސްޓު ކޮށްފައިވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ހިއްސާ ސެކަންޑްރީ މާކެޓުގައި ގަނެ ވިއްކުމަށް ބާރު އެޅުމަށް މަސައްކަތް ތަކެއް ކުރެވެމުން ނުދާކަން ވެސް ފާހަގަކުރެވޭ. ސެކަންޑްރީ މާކެޓުގައި ކުންފުނިތަކުގެ ހިއްސާ ގަނެ ވިއްކުމުން ކުންފުންޏަށް ލިބޭނެ ފައިދާތަކާމެދު ކުންފުނިތައް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ވެސް ފާހަގަ ކުރެވޭ،" އައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށް ހިއްސާ ވިއްކައިގެން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ މާކެޓުން ފައިސާ ހޯދުމުގައި ވެސް ދަތިތަކެއް ހުރެ އެވެ. ލިކުއިޑިޓީއަކީ ކަންބޮޑުވާ މައްސަލައެކެވެ. އަދި ކުންފުނިތަކުން ބޭނުންވާ މިންވަރަށް ފައިސާ، މާކެޓު މެދުވެރިކޮށް ހޯދުމުގައި ދަތިތަކެއް ހުރުމަކީ ވެސް ކުންފުނިތައް މާކެޓަށް އައުމަށް ފަސްޖެހޭ އެއް ސަބަބެވެ.

"އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ ފަރާތްތަކަށް ފަސޭހަކަމާއެކު ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރެވޭނެ ނިޒާމެއް ނެތް. އަދި ބޭރު ފަރާތްތައް ރާއްޖޭގެ ހިއްސާގެ ބާޒާރަށް އިންވެސްޓްކުރުމަށްފަހު ލިބޭ ފައިދާ އަނބުރާ ގެންދެވޭނެ ފަސޭހަ ނިޒާމެއް ވެސް ނެތް. ޑޮލަރު ހޯދުމުގެ ދަތިތައް ހުރުމުން، މާކެޓުން ލިބޭ ފައިދާ ބޭރު އިންވެސްޓަރުން އަނބުރާ ގެންދާނެ ގޮތެއް ނުވަތަ ރިޕެޓްރިއޭޝަންގެ ގޮންޖެހުންތައް އެބަހުރި،" އައުޝަން ވިދާޅުވި އެވެ.

އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ ފަރާތްތަކަށް ފަސޭހަކަމާއެކު ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރެވޭނެ ނިޒާމެއް ނެތް. އަދި ބޭރު ފަރާތްތައް ރާއްޖޭގެ ހިއްސާގެ ބާޒާރަށް އިންވެސްޓްކުރުމަށްފަހު ލިބޭ ފައިދާ އަނބުރާ ގެންދެވޭނެ ފަސޭހަ ނިޒާމެއް ވެސް ނެތް.
އައުޝަން ލަތީފް| ސްޓޮކް އެކްޗޭންޖުގެ ސީއީއޯ

"މިކަމަށް ހައްލެ ހޯދުމަށް ރާއްޖެއާއި ކައިރި ބައެއް ގައުމުތައް، މިސާލަކަށް ސްރީލަންކާގައި ގާއިމްކޮށްފައިވާ ފަދަ ސެކިއުރިޓީޒްގެ ބާޒާރުގައި ފޮރިން އިންވެސްޓަރުން އިންވެސްޓުކުރުމަށް އިންވާޑް އިންވެސްޓްމަންޓް އެކައުންޓްތަކެއް ހުޅުވުމަށް ބެންކްތަކަށް ފުރުސަތު ހުޅުވައި ދިނުމަކީ ޕޮލިސީގެ ތެރެއިން ސަރުކާރަށް ކުރެވިދާނެ ކަމެއްކަން ފާހަގަ ކުރެވޭ،"

ހަމައެކަނި ބަލަނީ ހިއްސާ ބަހާ ދުވަހަށް!

ހިއްސާގެ ބާޒާރުގައި ތިބި ކުންފުނިތަކާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އެކައުންޓް ހޯލްޑާސްގެ އަދަދު 31,872 އަށް އަރަ އެވެ. ނަމަވެސް މި މީހުން ފެންނަނީ ވަރަށް ބުރަހެލިކޮށެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ހިއްސާގެ ބާޒާރު ރަނގަޅަށް ނޭނގުމެވެ. އަދި މެދުފަންތީގެ އާމްދަނީ ލިބޭ މީހުން ވެސް ހިއްސާ ގަނެ ވިއްކަން ޝައުގުވެރިކަން މަދުވުމެވެ. އެހެންވެ، ރާއްޖޭގައި ހިއްސާ ގަންނަ ގިނަ މީހުންގެ ހަމައެކަނި ބަލާ ދުވަހަކީ ކުންފުނިތަކުގެ "އަހަރީ އާއްމު ޖަލްސާ" އަށެވެ. އަހަރީ އާއްމު ޖަލްސާގައި އެ މީހަކު ގަތް ހިއްސާއަށް ލިބެނީ ކިހާވަރެއްތޯ ބެލުން ނޫން އެހެންކަމެއް ރާއްޖެއަކު ނޯވެ އެވެ.

ހިއްސާގެ ބާޒާރަށް އާ ހިތްވަރެއް!

ފަހަކަށް އައިސް ރާއްޖޭގެ ހިއްސާގެ ބާޒާރަށް އެންމެ ބޮޑު ދިރުމެއް ލިބިގެން ދިޔައީ ރާއްޖޭގެ މުއާސަލާތީ ދާއިރާގައި އިންވެސްޓްކޮށްފައިވާ ގަތަރުގެ އުރީދޫން ރާއްޖޭގައި ކުރިއަށް ގެންދިޔައި ކާމިޔާބު އައިޕީއޯ އެވެ. އުރީދޫ މޯލްޑިވްސްގެ 14 މިލިއަން ހިއްސާ ވިއްކި އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވިކުނެވެ. ވިއްކީ 30ރ. ގެ މަގުންނެވެ. އެ އައިޕީއޯ ވެގެންދަނީ ހިއްސާގެ ބާޒާރުގެ ރެކޯޑަކަށެވެ. ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި މުޅިން އަލަށް 6،000 ހިއްސާދާރުން ރާއްޖޭގެ ހިއްސާގެ ބާޒާރާ ގުޅުނެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ ވިދާޅުވި ގޮތުގައި އުރީދޫން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުމަކީ އާއްމުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

"އުރީދޫ މޯލްޑިވްސް އައިޕީއޯއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ކުންފުނީގެ ކާމިޔާބީގައި ހިއްސާވެ، ކުރިމަގުގައި ވިޔަފާރީގައި ލިބޭ ކާމިޔާބީގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް،" އަބްދުﷲ ބިން މުހައްމަދު ވިދާޅުވި އެވެ.

އުރީދޫން އިންވެސްޓް ކުރުން ވެގެން ދިޔައީ ހިއްސާގެ ބާޒާރުގެ މޫނުމަތި ވެސް ބަދަލުވެގެން ދިޔަ ކަމަކަށެވެ. އެކަން ދާއިރާގެ ތަޖުރިބާކާރުން ވެސް ގަބޫލު ކުރައްވަ އެވެ.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވި ގޮތުގައި އުރީދޫ ފަދަ ކުންފުންޏަކުން ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަދެ، ރާއްޖޭގައި ހިއްސާ ވިއްކަން ފެށުމަކީ މުހިންމު ނިންމުމެކެވެ. އަދި މި ބަދަލުގެ ސަބަބުން ހިއްސާގެ ބާޒާރަށް އޮތް އިތުބާރު ބޮޑު ވެގެންދާނެ އެވެ.

"އުންމީދު ކުރަނީ ރާއްޖޭގެ ހިއްސާގެ ބާޒާރަކީ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ އެޑްވާންސް ތަނަކަށް ވުން. ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުން،" އަޒީމާ ވިދާޅުވި އެވެ.

ސީއެމްޑީއޭގެ ކުރީގެ ޗެއާމަން އަދި މިހާރު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި އުރީދޫއަކީ މަލްޓިނޭޝަނަލް ކުންފުންޏަކަށްވެފައި، ބޮޑު ކުންފުންޏަކަށްވުމަކީ އާއްމުންގެ އުންމީދު އިތުރު ވާނެ ސަބަބެކެވެ.

"ބޮންޑެއް ނޫނީ ސުކޫކެއް ވެސް އާއްމުން މި ގަންނަނީ އޭގެން ފައިދާ ހޯދަން ރާއްޖޭގައި އެހާ ހަރަކާތްތެރި ސްޓޮކް އެކްސްޗޭންޖެއް ނޫން އޮތީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިނގާ. ނަމަވެސް ރާއްޖޭގައި ހިއްސާ ގަނެފައި ބާއްވަނީ،" ނަސީރު ވިދާޅުވި އެވެ.

އައުސަމް ވިދާޅުވި ގޮތުގައި ގިނަ ކުންފުނިތައް ލިސްޓް ކުރުމުން އިންވެސްޓަރުންނަށް އިންވެސްޓު ކުރެވޭނެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

"އުރީދޫ ފަދަ ރަނގަޅު ކުންފުނިތައް ލިސްޓްކުރުމުން މާކެޓް ކޮންފިޑެންސް އިތުރުވުމަށް ފުރުސަތު ލިބިގެން ދާނެ،" އޭނ ވިދާޅުވި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ކުރިމަގު ދައްކުވައިދިން އަނެއް ކަމަކީ، ދިވެހިންގެ 100 ޕަސެންޓް ހިއްސާވާ އަމިއްލަ ކުންފުންޏެއް އާއްމު ރައްޔިތުންގެ ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރުމަށް ފަހު ހިއްސާ ވިއްކަން ފެށުމެވެ. މި ދިގު ފިޔަވަޅު ނެގީ މުދާ އުފުލުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ސެންޗޫރިއަން އެވެ. ސެންޗޫރިއަން ހިއްސާ ވިއްކަން ފެށުން ވެގެން ދިޔައީ ބާޒާރަށް ލިބުނު އާ ހިތް ވަރަކަށެވެ. މިފަދަ އަމިއްލަ އެހެން ކުންފުނިތައް ލިސްޓު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

އައުޝަން ވިދާޅުވި ގޮތުގައި ޕަބްލިކް ކުންފުނިތަކުގައި އެންމެ މަދުވެގެން 10 ހިއްސާދާރުން ތިބުމަށް މިހާރު ގާނޫނު ލާޒިމްކުރެ އެވެ. ރާއްޖޭގައި އޮޕްރޭޓް ކުރާ ގިނަ ކުންފުނިތަކުން ކުންފުނީގެ ކޮންޓްރޯލް ނުވަތަ މިލްކުވެރިކަން ނުވަތަ ހިންގުމުގެ ބާރު އާއްމުކޮށް ދޫކޮށްލާން ޖެހިލުންވެ އެވެ.

"ލިސްޓްކުރުމަކީ އެކަމަށް ބޮޑެތި ތައްޔާރު ތަކެއް ވެގެން ކުރެވޭ ކަމެއް. ލިސްޓުކޮށްފައިވާ ކުންފުނިތަކުން ކުންފުނީގެ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ގާނޫނާއި ގަވާއިދާއި އެއްގޮތަށް އާއްމުކުރަން ޖެހޭ. އަދި ހިއްސާދާރުންނަށް އަހަރީ އާއްމު ޖަލްސާތައް ބާއްވަން ޖެހޭ،" އައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިއްސާ ވިއްކަން ލިސްޓު ކުރުމަށްފަހު ގަވާއިދުތަކާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތަށް އަމަލު ކުރަންޖެހެ އެވެ. އެ ހުރިހާ ކަންކަން ފުރިހަމަ ކުރުމަކީ ވެސް ގިނަ ކުންފުނިތަކަށް އުންދަގޫ ކަމެކެވެ.

"ސްޓޮކް އެކްސްޗޭންޖުގައި ކުންފުނި ލިސްޓު ކުރުމަކީ އޭގެ ފައިދާ ކުންފުނިތަކަށް ލިބޭނެ ކަމެއް. އާއްމުންގެ އިތުބާރު ކުންފުންޏާއި މެދު އިތުރުވެގެން ދާނެ. ކުންފުނީގެ އިމޭޖް ރަނގަޅުވުން. މީޑިޔާގެ އެކްސްޕޯޝާ ވެސް ލިބޭ. ބޭރު ގައުމުތަކުން ކުންފުންޏާއި ދޭތެރޭ ދެކޭގޮތް ރަނގަޅުވެ އިންވެސްޓަރުން ހޯދާ ވިޔަފާރި ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެން ދާނެ ކަމެއް،" އައުޝަން ވިދާޅުވި އެވެ.

ޓޫރިޒަމާއި ބާޒާރު ގުޅުވައިލެވިދާނެ ގޮތެއް!

މި ދާއިރާ ފުޅާ ކުރުމަށް ވިސްނާއިރު، ގިނަ ތަޖުރިބާކާރުންގެ ނަޒަރު ގޮސް ހުއްޓެނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކަށެވެ. ސުވާލަކީ މި ސިނާއަތުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓް ނުކުރެވޭނެ ހެއްޔެވެ؟

ޓޫރިޒަމް ސިނާއަތާއި ހިއްސާގެ ބާޒާރު ގުޅުވުމަށް މީގެ ކުރިން މަސައްކަތް ތަކެއް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ ހިއްސާގެ ބާޒާރުގައި އިންވެސްޓް ކުރި ޓޫރިޒަމާ ގުޅުންހުރި ކުންފުންޏަކީ އެމްޓީޑީސީ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެކަންވީ ބާޒާރަށް ކުރިމަތިވި ބަދު ނަސީބަކަށެވެ.

ނަމަވެސް މިހާރުވެސް އެމްޓީޑީސީ ރަނގަޅުކޮށް ހިއްސާގެ ބާޒާރުގެ އިތުބާރު ހޯދިދާނެ ކަމަށް ސީއީއޯ އައުޝަން ދެކިވަޑައި ގަންނަވަ އެވެ.


"ސަރުކާރަކީ ކުންފުނީގެ ބޮޑު އެއް ހިއްސާދާރު. މި ކުންފުނި ރަނގަޅު ކުރުމުން ސެކިއުރިޓީޒްގެ ބާޒާރާމެދު ދިވެހިން ދެކޭ ގޮތަށް އެކަށީގެންވާ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ،" އައުޝަން ވިދާޅުވީ އެވެ.

އެއީ ރައްޔިތުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ސަރުކާރުގެ ޕޮލިސީތަކުގެ ތެރެއިން، ރާއްޖޭގައި ޓުއަރިޒަމް ދާއިރާއަށް ކުރާ ފޮރިން އިންވެސްޓަމްންޓް އެއްބަސްވުން ތަކަށް ދުރު ރާސްތާގައި އެ ފަދަ ވިޔަފާރިތަކުން ޕަބްލިކަށް ހިއްސާ ވިއްކުމަށް ޝަރުތު ތަކެއް އެކުލަވާލައި، އެއްބަސްވުން ގާއިމްކުރުމަކީ އިތުރަށް ހިއްސާގެ ބާޒާރު ފުޅާކުރުމަށް ސަރުކާރުގެ ޕޮލިސީތަކުގެ ތެރެއިން ކުރެވިދާނެ އެވެ.

ހިއްސާގެ ބާޒާރު ރަނގަޅުކޮށް ކުރިއަރުވާނަމަ މި ހުރިހާ ހައްތަހާވެސް ކުރަން ޖެހޭ މަސައްކަތް ތަކެވެ. ހިއްސާގެ ބާޒާރަށް މިހާރު 11 އަހަރު ވެގެންދާއިރު، ބާޒާރު އާ ޒަމާނަކަށް މިވަނީ އަލިވިލިފަ އެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއެރުންތައް ބާޒާރަށް އައުންވެސް މުހިންމެވެ.