މާޒިޔާ

ގިނަ ކުލަބުތަކުން ބޭނުންވި ހަމްޕްގެ ސޮއި މާޒިޔާއިން ހޯދައިފި

ނިއު ރޭޑިއަންޓާއެކު ހަމްޒާ މުހައްމަދު 'ހަމްޕު' ވެފައިވާ އެއްބަސްވުން، އެފްއޭއެމުން އުވާލުމުން، އޭނާ ހޯދަން ގިނަ ކުލަބުތަކުން ކިޔު ހަދާލާފައި ވަނިކޮށް، މާޒިޔާއިން ހަމްޕުގެ ސޮއި ހޯދައިފި އެވެ.

ހަމްޕް ވަނީ ކުރިއަށް އޮތް ތިން އަހަރަށް މާޒިޔާއަށް ސޮއި ކޮށްފަ އެވެ. ޖޫންގައި ފަށާނެ ކަމަށް، އެފްއޭއެމުން ބައެއް މީޑިއާތަކުގައި ބުނެފައިވާ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ސޮއި ކުރުމުގެ މަސައްކަތް މާޒިޔާއިން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މާޒިޔާއަށް އެންމެ ފުރަތަމަ ސޮއި ކުރުވި ކުޅުންތެރިޔަކީ، މިދިޔަ ތިން އަހަރު ޓީސީއަށް ކުޅުނު އިތުބާރު އެޓޭކިން މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އެވެ. މިއަދު ހަމްޕް މާޒިޔާއަށް ސޮއި ކުރުވުމުން ގައުމީ ޓީމުގައި އޮތް އެޓޭކުގެ ބޮޑު އިންސައްތައް މިހާރު އޮތީ މާޒިޔާގަ އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިންގެ ތެރޭގައި ހަމްޒާ އާއި އިއްބެ ހިމެނެ އެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް ރާއްޖެއިން ދެ ވަނަ ލަނޑު ޖެހި އަލީ ފާސިރު 'ސެންޓޭ' އަށް ހަމްޕް ތަނަވަސް ކޮށްދިން ހިތްގައިމު ޕާހުންނެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހަމްޕު އެންމެ ފުރަތަމަ ފާހަގަވީ، މާލޭގައި ބާއްވާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި، ބ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުންނެވެ. އެއަށްފަހު އޭނާގެ ސޮއި ނިއު ރޭޑިއަންޓުން ހޯދި އެވެ. ފަހުން އެހެން ކުލަބުތަކުން ހުށަހެޅުން ލިބުމުން އޭނާ ޓީމުގައި ބަހައްޓަން ނިއު ރޭޑިއަންޓުން އޭނާއަށް ބޮޑު މުސާރައެއް ދީ ޓީމުގައި މަޑު ކުރުވި އެވެ.

އެފްއޭއެމްގެ ޕްލެއާ ސްޓެޓަސް ކޮމިޓީން، ނިއު އާއެކު ހަމްޒާ ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރީ، އޭނާ އަށް ނިއު އިން މުސާރަ ނުދޭ މައްސަލަ ބަލައި ދިނުމަށް އެދި އެފްއޭއެމްއަށް ހުށަހެޅުމުންނެވެ. ނިއުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކޮށްފަ އެވެ. އެހެންނަމަވެސް އެ ކުލަބު ސަސްޕެންޑް ކުރީ އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލީޑް ކުރަމުން ދިއުމުންނެވެ.

މާޒިޔާއަށް ހަމްޒާ ސޮއި ކުރުމުގެ ކުރިން ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ކުލަބުތަކުންވެސް ވަނީ އޭނާ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ގްރީން ސްޓްރީޓުން އޭނާ ގެންދިއުމަށް މަސައްކަތް ކުރި ކަމަށް އެ ކުލަބުން ބުނެ އެވެ. އޭނާ އާ ބައްދަލު ކުރަން ގޮސް ގްރީންގެ އޮފިޝަލުން އޭނާ ދިރިއުޅޭ ގެ ކައިރީ އެތައް އިރެއް ވަންދެންވެސް މަޑުކޮށްގެން ތިބެ އެވެ.

ރާއްޖޭގެ ކުޅުންތެރިން އުފައްދާ ފެކްޓްރީގެ ގޮތުގައި މަޝްހޫރު ވެފައިވާ، ބ. އޭދަފުއްޓަން އުފަން ހަމްޒާއަށް، އިންޑިއާގެ ބައެއް ކުލަބުތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް ރަސްމީ ހުށަހެޅުމެއް އައި ކަމެއް އެނގޭކަށް ނެތެވެ.

މިއަދު މާޒިޔާއަށް ސޮއި ކުރުވި، ހަމްޒާއަށް މާޒިޔާގެ ޖޯޒީ ހަވާލު ކޮށްދެއްވީ މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދެވެ.

މިދިޔަ ތިން އަހަރު މާޒިޔާއަށް ކުޅުނު ހަތަރު ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ ކުޅުންތެރިން ވަނީ ކުލަބު ދޫކޮށްލާފަ އެވެ. އެއީ، އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ 'މެސީ' އާއި ވިންގާ އަހްމަދު އިމާޒު 'އާއްކޮ' މިޑްފީލްޑަރު ޔަޝްފާދު ހަބީބު 'މުލަކޭ' ގެ އިތުރުން ޑިފެންޑަރު ގާސިމް ޝަމާމް 'ޝަންމޭ' އެވެ.

އެހެންނަމަވެސް، މާޒިޔާއިން ވަނީ އެ ޓީމުގެ ކީ ކުޅުންތެރިން ޓީމުގައި މަޑު ކުރުވާފަ އެވެ. އާ ސީޒަނަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވި ނަމަވެސް، އަދި އެ ޓީމަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮޅު އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވަނީ ކުރިއަށް ސީޒަަންގައި ގްރޭންޑް އަމީގޯސްއަށް އިރުޝާދު ދޭން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.