މާޒިޔާ

ޑިފެންޑަރު ސާމިރު މާޒިޔާއަށް ސޮއި ކޮށްފި

ޓސީގެ ޑިފެންޑަރު މުހައްމަދު ސާމިރު މާޒިޔާއަށް ސޮއި ކޮށްފި އެވެ. ސާމިރުގެ ސޮއި ކުރިކަން މާޒިޔާއިން އިއުލާން ކުރީ، ޓީސީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ގައުމީ ޓީމުގެ މިޑްފީލްޑާ އިބްރާހިމް އައިސަމް (ޓޯނީ) މާޒިޔާ އަށް ސޮއި ކުރިތާ 24 ގަޑިއރުވެސް ނުވަނީހެވެ.

ސާމިރު އާއި ޓޯނީގެ ސޮޔާ އެކު ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި މާޒިޔާއިން ވަނީ ތިން ކުޅުންތެރިން ސޮއި ކުރުވާފަ އެވެ. މާޒިޔާއިން ކުރިން ވަނީ އަފްގާނިސްތާންގެ ޑިފެންޑަރު ޝަރީފް މުހައްމަދު ސޮއި ކުރުވާފަ އެވެ.

ސާމިރު މާޒިޔާ އަށް ބަދަލުވީ ޓީސީއަށް ތިން އަހަރު ކުޅުމަށް ފަހު އެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ނިއު ރޭޑިއަންޓަށެވެ. ނިއުގައި 2016 ވަނަ އަހަރު ސާމިރު ކުޅެފައި ވަނީ ފޯވަޑަކަށެވެ. އޭނާ ފޯވަޑަކަށް ކުޅުވީ ނިއުގެ ލެޖެންޑަރީ ކޯޗް ޔުރޮދާން ސްޓައިކޯވް އެވެ. ސާމިރުގެ ރަސްމީ ޕޮޒިޝަން އަކީ ލެފްޓް ނުވަތަ ރައިޓް ޑިފެންސެވެ. ޓީސީގެ ކުރީގެ ކޯޗް މުހައްމަދު އާތިފް (އާތީ) ވަނީ އޭނާ ޓީސީގައި މަސައްކަތް ކުރިއިރު ޓީމަށް ސާމިރުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، ކުޅުންތެރިން ހޯދަމުން ދަނީ އިތުރަށް ރަނގަޅު ކުރަން ޖެހޭ ޑިޕާޓްމެންޓްތަކަށެވެ. އެއީ އެކިއުރޭޓް ޓީމެއް އެކުލަވާލުމަށް ކަމަށް ވެސް މެސަޑޯނިއާގެ ކޯޗް ބުންޏެވެ.

މާޒިޔާއިން ޓީމު ވަރުގަދަ ކުރަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށެވެ. އޭއެފްސީ ކަޕްގެ ދަތުރު މާޒިޔާ ފަށަން ޖެހޭނީ ޕްރިލިމިނަރީގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި މާޒިޔާއިން ނުކުންނާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. މާޒިޔާއިން ވަނީ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި ޑާކާ އަބާހަނީ ބަލި ކޮށްފަ އެވެ.

އަބާހަނީ އާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ ޑާކާގަ އެވެ. އެ މެޗު ކުޅޭނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް މެޗު މާލޭގައި އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުން މޮޅުވާ ޓީމެއް ވާދަ ކުރަނީ ޕްލޭ އޮފް ބުރުގަ އެވެ.