މާޒިޔާގެ ފޯވަޑް، ނާއިޒް ހަސަން (ދާދު) ކުރިއަށް އޮތް ސީޒަންގައި ވެސް މާޒިޔާއަށް ކުޅެން އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ދާދު މާޒިޔާގެ ކޮންޓްރެކްޓް އާ ކުރީ، ކުރިއަށް އޮތް ތިން އަހަރަށެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާއަށް ސޮއި ކުރީ މިދިޔަ އަހަރު އެވެ. މާޒިޔާއިން އޭނާގެ ސޮއި ހޯދީ އޭނާ ގެންދިއުމަށް ނިއު ރޭޑިއަންޓުން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ.
އޭރު ދާދު، ނިއު ރޭޑިއަންޓަށް ސޮޮއި ކުރަން އުޅޭ ކަމުގެ އަޑުތައްވެސް ފެތުރިގެން ދިޔަ އެވެ. ނިއު ރޭޑިއަންޓްގެ ބައެއް އޮފިޝަލުން ޕަބްލިކުގައިވެސް އެ ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް ދާދުގެ ސޮއި ހޯދީ މާޒިޔާއިންނެވެ.
ޖޫން ގައި ފަށާނެ ކަމަށް އެފްއޭއެމުން ބައެއް މީޑިއާތަކުގައި ބުނެފައިވާ، އާ ސީޒަނަށް ތައްޔާރުވުމަށް، ޓްރާންސްފާ މާކެޓްގައި މިވަގުތު އެންމެ ހަރަކާތްތެރި ކުލަބަކީ މާޒިޔާ އެވެ. އެ ކުލަބުން ވަނީ، އިތުރު ހަ ކުޅުންތެރިޔަކު ލައްވައި އެ ޓީމަށް ސޮއި ކުރުވާފަ އެވެ.
މާޒިޔާއަށް ސޮއި ކުރުވި ކުޅުންތެރިންނަކީ، މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު، ހަމްޒާ މުހައްމަދު ހަމްޕް، ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އާއި އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އެވެ. ވިކްޓަރީއަށް ކުޅުނު، ހުސައިން ނިހާން 'ނިހާޓް' ޓީސީއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް 'ބެންޖޯ' އެވެ.
ކޮންޓްރެކްޓް ހަމަވުމުން މާޒިޔާ ދޫކޮށްދިޔައީ ހަތަރު ކުޅުންތެރިންނެވެ. އެއީ ޓީސީއަށް ބަދަލުވި އިސްމާއީލް އީސާ 'މެސީ' އާއި ގްރީން ސްޓްރީޓަށް ބަދަލުވި، ގާސިމް ޝަމްމާމް، ޝަންމޭ ދަ ގްރޭންޑޭއަށް ބަދަލުވި، އަހްމަދު އިމާޒު، އާއްކޮ އަދި ޔަޝްފާދު ހަބީބު، މުލަކޭ އެވެ.
އާ ކުޅުންތެރިން ލައްވައި ސޮއިކޮށް، އަދި ޓީމުގެ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް އާ ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް މާޒިޔާއަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮލޫ އަހަރު އެ ޓީމަށް ކޯޗް ކޮށްދިން، އިސްމާއީލް މަހްފޫޒް 'އިންމަ' ވަނީ ދަ ގްރޭންޑޭއަށް ސޮއި ކޮށްފަ އެވެ.