މާޒިޔާ

ޑިފެންޑަރު ލިލީ މާޒިޔާއަށް، އިރޭ ޓީމުގައި މަޑުކޮށްފި

މިދިޔަ ދެ ސީޒަންގައި، ނިއު ރޭޑިއަންޓަށް ކުޅުނު އަހްމަދު އަބްދުﷲ 'ލިލީ' މާޒިޔާއަށް ސޮއި ކޮށްފި އެވެ.

މީގެއިތުރުން، މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން 'އިރޭ' ވެސް ވަނީ، ކުރިއަށްއޮތް ތިން ސީޒަނަށްވެސް މާޒިޔާގައި މަޑުކުރަން ނިންމައި އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފަ އެވެ.

މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު. ލިލީއަކީ ސެންޓްރަލް ޑިފެންސްގެ އިތުރުން ވާތު ބެކަށްވެސް ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިޔެކެވެ. ނިއު ރޭޑިއަންޓްގައިވެސް އޭނާ މައިގަނޑު ޕޮޒިޝަންނަކީ،ވެސް ވާތު ބެކެވެ.

ލިލީ ވަނީ، 2016 ވަނަ އަހަރު ޓީސީއަށްވެސް ކުޅެފަ އެވެ. ތަޖުރިބާކާރު ޑިފެންޑަރަށް ވަނީ އޭނާގެ އުފަން ރަށް، ޅ. ހިންނަވަރުގައި ލިލީ ފުޓްބޯލް އެކެޑެމީގެ ނަމުގައި އޭނާގެ އަމިއްލަ އެކެޑެމީއެއް ހުޅުވާފަ އެވެ.

މާޒިޔާގައި މަޑުކުރަން ނިންމި، އިރޭ އަކީ މާޒިޔާއިން އުފެއްދި އެޓީމުގެ ކުޅުންތެރިޔެކެވެ. މާޒިޔާ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށީންސުރެ އެ ޓީމަށް އިރޭގެ ހިދުމަތް ލިބެ އެވެ. ތ. ތިމަރަފުއްޓަން އުފަން ކުޅުންތެރިޔާގެ މައިގަނޑު ޕޮޒިޝަނަކީ، ޑިފެންސިވް މިޑްފީލްޑެވެ. އެހެންނަމަވެސް ސެންޓްރަލް މިޑްފީލްޑަށްވެސް އޭނާ ކުޅެ އެވެ.

ގައުމީ ޓީމުގައިވެސް ޑިފެންސިވް މިޑްފީލްޑްގެ މައިގަނޑު ރޯލް އަދާ ކުރަނީ އޭނާ އެވެ. މާޒިޔާއަށް ކުޅުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުން އެ ކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފައެވެ. އެއީ، އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ 'މެސީ' އާއި ވިންގާ އަހްމަދު އިމާޒު 'އާއްކޮ' މިޑްފީލްޑަރު ޔަޝްފާދު ހަބީބު 'މުލަކޭ' ގެ އިތުރުން ޑިފެންޑަރު ގާސިމް ޝަމާމް 'ޝަންމޭ' އެވެ.

އީސަ ވަނީ ޓީސީއަށް ސޮއި ކޮށްފަ އެވެ. ޝަންމޭ ބަދަލުވީ ގްރީން ސްޓްރީޓަށެވެ. އާއްކޮ ވަނީ ދަ ގޭރޭންޑޭ އަށް ސޮއި ކޮށްފަ އެވެ. އަންނަ ސީޒަނަށް ތައްޔާރުވުމަށް ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރިކޮށް މިހާރު ފެންނަނީ މާޒިޔާ އެވެ.

މިދިޔަ އަހަރު ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އާއި ނިއު ރޭޑިއަންޓަށް ކުޅުނު ހަމްޒާ މުހައްމަދު 'ހަމްޕް' އަދި ވިކްޓަރީގެ ހުސައިން ނިހާން 'ނިހާޓް' ވެސް މީގެ ކުރިން ވަނީ މާޒިޔާއަށް ސޮއި ކޮށްފަ އެވެ.

އާ ސީޒަނަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވި ނަމަވެސް، އަދި އެ ޓީމަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮޅު އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވަނީ ކުރިއަށް ސީޒަަންގައި ގްރޭންޑް އަމީގޯސްއަށް އިރުޝާދު ދޭން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.