ލަލީގާގެ ކުލަބު ރެއާލް ބެޓިސްއަށް ކުރިން ކުޅުނު ޑިފެންޑަރެއް ކަމަށްވާ ހެސޫސް ޕޯސޯ ބްލެންކޯ މާޒިޔާއަށް ސޮއި ކޮށްފި އެވެ.
ކުޅުންތެރިންގެ މައުލޫމާތު ގެނެސްދޭ ޓްރާންސްފާ މާކެޓްގައި ވާ ގޮތުން ޕޯސޯ ބްލެންކޯ ވަނީ، ބެޓިސްގެ އުމުރުފުރާތަކުގެ ޓީމަށް ކުޅެފަ އެވެ. އަދި އެ ކުލަބުގެ ސީނިއ ޓީމަށް ވެސް ދެ މެޗު ކުޅުނެވެ. އެއީ ކޮޕަ ޑެލްރޭގައި އޭނާ ކުޅުނު ދެ މެޗެވެ. ޕޯސޯ ބްލެންކޯ ލައްވައި މާޒިޔާއިން ސޮއި ކުރުވީ ސީޒަން ނިމެންދެންނެވެ.
މާޒިޔާއިން، ކުލަބަށް އާ ކުޅުންތެރިން ސޮއި ކުރުވަމުން ދަނީ، އޭއެފްސީ ކަޕަށް ތައްޔާރު ވުމަށެވެ. މީގެ ކުރިން އެ ޓީމުން ވަނީ ޖަޕާންގެ މިޑްފީލްޑަރަކާއި، އަދި ކުރިން އެ ޓީމަށް ކުޅުނު ސީރިއާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ލައްވައި ސޮއި ކުރުވާފަ އެވެ. ކޮވިޑްގެ އުނދަގޫ ހާލަތުގައި ޕްރެކްޓިސް ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އަށާއި ރިކަވަރީއަށް މައްސަލަ ހައްލު ކުރުމަށް އެ ޓީމުން ވަނީ ސްޕެއިންގެ ފިޓްނަސް ކޯޗެއްވެސް ގެނެސްފަ އެވެ.
މާޒިޔާއިން ވަނީ، މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނޭދު، ސީޒަން ނިމެންދެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ދޫކޮށްލާފަ އެވެ. މާޒިޔާގެ ސްކޮޑަށް އޯވަހޯލެއް މި ގެނައީ، އޭއެފްސީ ކަޕަށް ތައްޔާރު ވުމަށެވެ. ކުރިން މާޒިޔާއަށް ކުޅުނު ސާބިއާގެ ކީޕަރު މިލާން ޖެލްވޮކްގެ ކޮންޓްރެކްޓް އެ ޓީމުން ވަނީ އުވާލާފަ އެވެ. އަދި ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް ވެސް ވަނީ ކުލަބު ދޫކޮށްލާފަ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ކުޅޭނީ ރާއްޖޭގަ އެވެ. ގުރޫޕް ސްތޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް މެއި މަހު 14 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަންގެ ލީގް ރަނަރަފް ކުލަބު އީގަލްސް ވާދަ ކުރާނީ އޭއެފްސީ ކަޕް ކޮލިފިކޭޝަން ބުރުގަ އެވެ.