ހަބަރު

މާލޭގެ ތިން ކެފޭއަކަށް 24 ގަޑިއިރުގެ ހުއްދަ ދީފި

މާލޭގައި ހިންގާ ތިން ކެފޭއަކަށް 24 ގަޑި އިރު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 24 ގަޑި އިރު ހުޅުވައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ތިން ކެފޭއަކަށް މިހާރު ދީފައިވާ ކަަމަށެވެ. އެ ތިން ކެފޭއަކީ ހުޅުމާލެ ޓާމިނަލް ގައި ހުންނަ ސީހައުސް ކެފޭ އާއި، ސޯސަން މަގުގައި ހުންނަ ސެފްރޮން ކެފޭގެ އިތުރުން ހާބަރުގައި ހުންނަ ނައިސް އެންޑް ސްޕައިސް އެވެ.

މި ސަރުކާރުން 24 ގަޑި އިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެން ހުޅުވާލި ފަހުން އަދި ހުއްދަ ދީފައިމިވަނީ މި ތިން ކެފޭ އަށް އެކަންޏެވެ. މިހާތަނަށް އައި އިރު އެއްވެސް ފިހާރައަކަށް އަދި އެ ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް ގިނަ ވިޔަފާރިތަކަކުން އެ ހުއްދައަށް އެދިފައިވާ ކަމަށް ވެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދެނީ އެކަމަށް ހާއްސަ ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަތުރުތައް ހަމަވާ ފަރާތްތަކަށެވެ. އެ ހުއްދަ ފިހާރަތަކާއި ރެސްޓޯރެންޓް ތަކަށް ވެސް ދެ އެވެ. އެ މިނިސްޓްރީން މީގެ ކުރިން ވަނީ 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކެއް ވެސް ކަނޑައަޅާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓޫވީޓް

މިނިސްޓްރީ އިން ކުރިން ބުނެފައިވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށާއި ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަަ އެވެ.