މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 9 އިން ފެށިގެން ހުއްޓާލަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
ކޮވިޑް ކޭސްތައް ހިފެހެއްޓުމެއްނެތި އިތުރުވަމުންދާތީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން ރޭގަނޑު 9:00 ފަތިހު 4:00 ކާފިއު ހިންގާނެ އެވެ. މި ވަގުތުތަކުގައި އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިރެއިން ފެށިގެން އާންމުންނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އެއީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފިހާރަތައް ހެނދުނު 8 އިން ރޭގަނޑު 9 ކަށް
ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެން ފިހާރަތަކުން ހިދުމަތްދެވޭނެ ވަގުތުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި އެ ތަންތަނުން ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް މޯލްޑިވްސް ޕޮލިސް ސާވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށެވެ.
މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.