ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން މަނާކުރަނީ

Mar 20, 2020
2

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އާދީއްތަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ އެއްވެސް ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކުގައި މީހުން ތިބެގެން ކެއުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒި އިސްމާއިލް މިއަދު ވިދާޅުވީ، އާދީއްތަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް އެއްވެސް ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކުގައި މީހުން ތިބެގެން ކެއުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އެތަން ތަނުން އަދިވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ހާމަކުރާނެކަމަށް ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.

ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭންވެސް މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ އެކަހަރިކޮށް ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ހުއްޓާލާފައިވެ އެވެ.