ކެފޭ ރެސްޓޯރެންޓް

ކެފޭ ހިދުމަތް މެންދަމު އެކެއް ޖަހަންދެން

މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން މެންދަމު އެކެއް ޖަހަންދެން ހިދުމަތް ދެވޭ ގޮތް އޮކޮނޮމިކް މިނިސްޓްރީ އިން ހަދައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ވަގުތު މިނިސްޓްރީން ކަނޑައަޅާނެ އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ރޯދަ މަސް ފެށެންދެން މިރެއިން ފެށިގެން ފަތިހު 4:30 ފެށިގެން މެންދަމު 1 ޖަހަންދެން ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވަނީ އަންގާފައެވެ.