ނޫސްވެރިން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދިވެހި ބަހުގެ އެކެޑަމީއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދިވެހި ބަހުގެ އެކަޑަމީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ، އެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރީ އެކައުންސިލްގެ ރައީސް ހިދަޔާތުﷲ އެވެ.
މިއެއްބަސްވުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ހިނގާ ކަންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ބަޔަކީ ނޫސްވެރިން ކަމަށެވެ. އެހެންކަމުން ނޫސްވެރިންނަކީ ދިވެހި ބަހުގެ ހަމަތަކާ ގަވާއިދުތަށް ރަނގަޅަށް ދަންނަށް ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، އެމްއެމްސީ އާއެކު މިއަދު ވެވުނު އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި އެމްއެމްސީ ކުރިއަށް ގެންދާ މިފަދަ ކޮންމެ ޕޮރޮގްރާމްއަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މީގެ ކުރީގެ މީޑިއާ ކައުންސިލްތަކުގެ ދައުރުގައިވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އަމަލީގޮތުން އެއްވެސް ޕޮރޮގްރާމެއް ފެއްޓިފައި ނުވާ ކަމަށެވެ.
މިއެއްބަސްވުމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މީގެ ކުރިން ވެވުނު މިފަދަ އެއްބަސްވުންތަށް އަމަލީ ކޮށް ނުހިންގުނީ ބޭނުންވާ ވަރަށް ބައިވެރިން ނުލިބުން ކަމަށެވެ. އޭނާ ވިދާޅުވި، މިހާރު ފަށަން އުޅޭ ތަމްރީނީ ޕޮރޮގްރާމްގައި ބައިވެރިވުމަށް އެދި ސަރުކާރުގެ އިދާރާތަކުގެ މީޑިއާގައި މަސައްކަތް ކުރާ މީހުނަށް ވެސް ދައުވަތު ދީފައި ވާނެ ކަމަށެވެ.
ހިދާޔަތުﷲ ވިދާޅުވީ، މިފަދަ ޕޮރޮގްރާމްތަކުގެ ބޭނުމަކީ ނޫސްވެރިން ދިވެހި ބަހަށް ފަރިތަކޮށް މޮޅު ނޫސްވެރިން އުފެއްދުން ކަމަށެވެ.