ހަބަރު

ސިނގިރޭޓް ބޮއިގެން ހަފުތާއެއްތެރޭ 26 މީހަކަށް ޖޫރިމަނާ

Mar 10, 2019
4

މަނާތަނެއްގައި ސިނގިރޭޓް ބޮއިގެން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 26 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ތިމާވެށީގެ ފުލުހުން ވަނީ އެކި މައްސަލަތަކާ ގުޅިގެން 68 ފަރާތަކަށް ނަސޭހަތް ދީފަ އެވެ. އަދި ފިޔަވަޅު އެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، މަނާތަނެއްގައި ސިނގިރޭޓް ބުޔުމުގެ އިތުރަށް މަގުމައްޗަށް ކުނި އެޅުން އަދި އިމާރާތް ކުރަމުން ދާ ތަންތަނުގެ ރައްކާތެރިކަމާ ގުޅުން ހުރި މައްސަލަތެކެވެ. އެގޮތުން 47 ކޮންސްޓްރަކްޝަން ސައިޓެއްގެ މައްސަލަ ފުލުހަށް ހުށަހެޅިއިރު މަގު މައްޗާއި އާންމު ތަންތަނަށް ކުނި އަޅައިގެން ހަތް ފަރާތެއް މިދިޔަ ހަފްތާ ޖޫރިމަނާކުރި އެވެ. އަދި މަނާތަނެއްގައި ސިނގިރޭޓް ބޮއިގެން 26 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.

ތިމާވެށީގެ ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 136 މައްސަލައެއް ވަނީ ހައްލުކޮށްދީފަ އެވެ. އަދި ހައްލު ނުވާ 38 މައްސަލައެއް ހިމެނެ އެވެ. މީގެ އިތުރުން ތިމާވެށީގެ ފުލުހުން ވަނީ އެކި މައްސަލަތަކާ ގުޅިގެން 10 ފިހާރަ އާއި ނުވަ ގެއަކާއި ދެ ކެފޭ އާއި ރެސްޓޯރަންޓާ މެދު ފިޔަވަޅު އަޅައިފަ އެވެ.

މީގެ އިތުރުން ނެއިބަހޫޑް ސަޕޯޓް އޮފިސަރުން މެދުވެރިކޮށް 305 މައްސަލައެއް ފުލުުހުންނަށް ވަނީ މިދިޔަ ހަފްތާ ހުށަހަޅައިފަ އެވެ. އެގޮތުން އެންމެ ގިނަ މައްސަލަތައް އައީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން އެވެ. އެގޮތުން ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން 30 މައްސަލައަކަށް ނެއިބަހޫޑް ސަޕޯޓް އޮފިސަރުން އެޓެންޑްކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ނެއިބަ ހޫޑް ސަޕޯޓް އޮފިސަރުންނަށް ހުށަހެޅިފައި އޮތީ މަނާތަންތަނަށް ކުނި އެޅުމުގެ މައްސަލަތެކެވެ. އެގޮތުން ވެމްކޯގެ ފަރާތުން 27 މައްސަލައެއް ސަޕޯޓް އޮފިސަރަށް ހުށަހަޅާފައިވެ އެވެ.