ރިޕޯޓް

ދެ ބިލިއަން ރުފިޔާގެ އަގު ބޮޑު އިންތިހާބު!

މަޖިލިސް އިންތިހާބަށް ހަރަދުތައް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތައް ހިމެނޭ ވީޑިއޯ އެއް -- އަވަސް

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހުރިހާ ގޮތަކުން ބެލިއަސް ވަރަށް ތަފާތެވެ. އެ ތަފާތުތަކުގެ ތެރެއިން ބޮޑު އެއް ތަފާތަކީ މިއީ ރާއްޖޭގެ ތާރީހުގައި އާންމު އިންތިހާބު ނުވަތަ މަޖިލިސް އިންތިހާބެއްގައި އެންމެ ބޮޑު މާލީ ހޭދައެއް ކުރާނެ ކަމަށް ޔަގީންވާ އިންތިހާބަށްވުމެވެ. ރާއްޖޭގެ ސިޔާސީ ކަން ކަމާއި ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދު އަދި ހާރިޖީ ޑިޕްލޮމަސީ އޮތް ގޮތުން މި އިންތިހާބުގައި މާލީ ހޭދަ އިންތިހާއަށް މަތިވެ، އެހެން އާންމު އިންތިހާބުތަކަށް ވުރެ އެތައް ގުނައެއް މި ފަހަރު ބޮޑުވާނެ އެވެ.

ފުރަތަމަ ވޯޓު ފޮއްޓާއި ހަމައަށް ވޯޓުލާން މީހާއަށް ދެވެން އޮތީ އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރާ މަސައްކަތަކުންނެވެ. އެކަމަށް ތައްޔާރު ވާން އީސީން ވަނީ 80 މިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް ހާއްސަކޮށް އެއް ފަރާތްކޮށްފަ އެވެ. މި އަދަދަކީ އެންމެ ފަހުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހޭދަކުރި 65 މިލިއަން ރުފިޔާއާ ވަރުން އަޅުވާއިރު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ކޮމިޝަނުން މި އިންތިހާބަށް ސީދާކޮށް ކުރާނެ ހޭދަ އެވެ. ނުސީދާ ގޮތެއްގައި މި 80 މިލިޔަން ރުފިޔާގެ ތެރެއަށް ވަދެގެން ދާނެ ފައިސާ ހުންނާނެ އެވެ.

ދެން އޮތީ މި އިންތިހާބުގައި ވާދަކުރާ ކުރާ ކެނޑިޑޭޓުންގެ ތައްޔާރީ ތަކެވެ. އެކަމަށް ކެންޑިޑޭޓުންގެ ސީދާ ހަރާކާތް ފެށީ ތަންކޮޅެއް ފަހުން ކަމަށް ވިޔަސް ކެނޑިޑޭޓުންގެ އެ މަސައްކަތް ކެނޑިނޭޅި މާލީ ބޮޑެތި އަދަދުތަކާއެކު ހިނގާތާ އަހަރެއްހާ ދުވަސް ވެދާނެ އެވެ. އެހެން ކަމުން މި އިންތިހާބުގެ މާލީ ހޭދައަކީ ނުވަތަ 19 ވަނަ މަޖިލިސް އިންތިހާބުގެ އަގަކީ ކިހާވަރެއްތޯ އެއީ އާންމު މީހަކު އުފައްދާފާނެ ސުވާލެކެވެ.

އޭޕްރީލް 6 ގައި މި އޮންނަ އާންމު އިންތިހާބަށް ޕާޓީލައިނުންނާއި މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި 500 އެއްހާ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް ފުރަތަމަ ވެސް އޮތީ ބެލެވިފަ އެވެ. ސިޔާސީ ކަންކަން އޮތް ގޮތުން ފޯރި ހުރީ ވެސް ގިނަ ބަޔަކު ކުރިމަތިލާ ގޮތަށެވެ. ނަމަވެސް އިންތިހާބަކަށް ކުރިމަތިލުމަކީ ކިހާ ވަރެއްގެ ކަމެއްކަން ރޭކާލާ ވަރަކަށް އެ ހިޔާލުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ހަރަދުތަކެއް ކުރުމަށް ފަހު ފެއަށް ޖެހިފައިވާނެ އެވެ.

އިންތިހާބުގައި ވޯޓް ކަރުދާސްކޮޅު ފޮއްޓަށް ވައްޓާލަން ދާންވާއިރަށް އަނބުރާ ނަން ގެންގޮސްގެނާއި އެހެން ސަބުތައް މެދުވެރިވެގެން މި އަދަދު އަދި މަދުވާނެ ކަމަށް ބުނުމުގެ ފުރުސަތެއް އެބައޮތެވެ. މިހާރު އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ބޯ ގުނާއިރު ވެސް ލިސްޓުގައި 389 އަށް އަރަ އެވެ. މީގެތެރެ އިން 167 މީހުންނަކީ އަމިއްލަ ގޮތުން ވާދަކޮށްގެން ތިބި މީހުންނެވެ. އަދި ޕާޓީތަކުގެ ޓިކެޓްގައި ތިބި މީހުންގެ އަދަދު 222 އަށް އަރަ އެވެ. ހާލަތާއެކު މި އަދަދުތައް ބަދަލުވަމުން ދެއެ އެވެ.

ވިޔަފާރިވެރިންގެ ޖީބަށް ބޮޑު ބުރައެއް

މި އިންތިހާބުގެ ފަންޑަކީ "ޕޮލިޓިކަލް ފަންޑިން" އެވެ. އެ ފަންޑް ހޯދަނީ ކިހިނެއް ހެއްޔެވެ؟ މި އިންތިހާބަށް ވެސް ފަންޑް ހޯދާ އެއް ގޮތަކީ ޕާޓީތަކުން ދޭ ފައިސާ އެވެ. އެއީ ޕޮލިޓިކަލް ފަންޑިން އެވެ. އަނެއް ގޮތަކީ ޕާޓީ ލައިންގައި ހެޔޮ އެދޭ ފަރާތްތަކާއި ސިޔާސީ ބޭނުމުގައި ވިޔަފާރިވެރިންގެ ޖީބުން ކުރާ ބޮޑެތި ހޭދަ އެވެ. ބައެއް މީހުން ކެމްޕޭން ދަތުރުތައް ސްޕޮންސާ ކޮށްދެ އެވެ. ބައެއް އިން ޑައިރެކްޓް މާލީ ހޭދަ ކުރެ އެވެ. ބޮޑު ހަރަދެއް ދުއްވާލަ އެވެ.

ތަޖުރިބާ ހުރި އެކި ފަރާތްތަކާ ސުވާލުކޮށްގެން ބަލައި ހިސާބެއް ޖަހާއިރު ޕާޓީ ތަކުން އިންތިހާބުގައި ވާދަކުރާ ގިނަ މީހުންގެ ފަންޑިންގެ 60 ޕަސެންޓް އަންނަނީ ވިޔަފާރިވެރިންގެ ސްޕޮންސާގެ ތެރެއިންނެވެ. އަދި 40 ޕަސެންޓް ދެނީ ޕާޓީތަކުންނެވެ. މިނިވަން ކެނޑިޑޭޓުންނަށް ޕޮލިޓިކަލް ފަންޑިން ލިބޭ ގޮތަށް ބަލާއިރު އެ ގޮތް މިގޮތް ހަދައިގެން 70 ޕަސެންޓް ހޯދަނީ އަމިއްލަ އަށެވެ. އަދި ބައެއް މީހުނަށް ޝަރުތަކާއެކު އެ މިންވަރު ވިޔަފާރިވެރިން ދެ އެވެ.

މިނިވަން ކެނޑިޑޭޓުންގެ ހަރަދުގެ 20 ޕަސެންޓް ސީދާ ވިޔަފާރިވެރިންގެ ޖީބުން ހޭދަކުރާއިރު، އާއިލާ އާއި ހެޔޮއެދޭ ފަރާތް ތަކުން ކުރާ ހޭދަ ވެސް ބޮޑެވެ. ފެންނަ ކަންކަމުން، ބެލެވޭ ގޮތުގައި ފަންޑިންގެ 10 ޕަސެންޓް ހޯދަނީ އައިލާގެ މެމްބަރުން ނުކުމެގެނެވެ.

ބޮޑު ހަރަދު ދަތުރުކުރުމާއި ސޯޝަލް މީޑިއާއަށް

ކުރިއަށް އޮތް އިންތިހާބަށް ކެނޑިޑޭޓުން ގެންދަނީ މިލިއަނުން ހޭދަ ކުރަމުންނެވެ. އިންތިހާބު ފެށުމުގެ ކުރިން ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅިއިރު ގިނަ މީހުންގެ އަތުގައި އެކެއްޗެއް ވެސް ނެތެވެ. އެކަމަކު މިހާރު ކެމްޕޭނަށް ކުރަމުންދާ ހޭދައިގެ އަންދާޒާއެއް ހަދާލާނަމަ ޕާޓީތަކުން ވާދަކުރާ މީހުން އެވްރެޖު ގޮތެއްގައި ފަސް މިލިއަން ރުފިޔާ ވަރު ހޭދަކުރެ އެވެ.

ބައެއް ކެނޑިޑޭޓުންގެ ހޭދަ މިއަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަދި މިނިވަން ކެނޑިޑޭޓުންގެ އިންތިހާބީ ބަޖެޓް އުޅެނީ ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ކެނޑިޑޭޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟

މި އިންތިހާބަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ އެއް ބަޔަކީ އަތޮޅުތަކުގެ ދާއިރާތަކަށް ވާދަކުރާ މީހުންނެވެ. އެ މީހުންގެ ހޭދައިގެ ބޮޑުބައެއް ހާއްސަވަނީ ދަތުރުފަތުރަށެވެ. ކެމްޕޭން ދަތުރުތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަށެވެ. އަދި މާލޭ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުން ކްލަބް ޖަމިއްޔާތަކާއި ޖަމާއަތް ތަކަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަ ކުރެވިފައިވެ އެވެ. ދެން ކެންޑިޑޭޓުން ހޭދަ ކުރަނީ ބޭސް ފަރުވާ އާއި ގޭގެ ކުލި ދެއްކުން ފަދަ ކަންކަމަށެވެ. އަދި މި އަހަރު ގިނަ ކެނޑިޑޭޓުން ދަނީ ކެމްޕޭން މެޓީރިއަލް ތައްޔާރު ކުރަން ގިނަ އަދަދެއްގެ ފައިސާ ހޭދަ ކުރަމުންނެވެ.

މީގެ އިތުރުން މި އިންތިހާބުގައި އެންމެ ގިނައިން ފައިސާ ހޭދަކުރާ އެއް ދާއިރާއަކީ ސޯޝަލް މީޑިއާގައި މާކެޓް ކުރުމަށެވެ. މިގޮތުން ގޫގުލް އާއި ފޭސްބުކް އަދި މިނޫންވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިނިވަން ކެނޑިޑޭޓުންނާއި ޕާޓީތަކުން ކުރިމަތިލައިގެން ތިބި މީހުންވެސް ގިނައިން ކެމްޕޭން ތަކެއް ދަނީ ކުރަމުންނެވެ.

ސަބަބަކީ ފޯނާއި މި ފަދަ އެހެން ވަސީލަތްތައް މެދުވެރިކޮށް ބޭނުންވާ މެސެޖު ފޯރުކޮށް ދިނުމެވެ. އެވްރެޖު ގޮތެއްގައި ކެންޑިޑޭޓެއް މި ދާއިރާގައި 3000 ޑޮލަރުވަރު ހަމައެކަނި ޕްލެޓްފޯމަކަށް ހޭދަ ކުރެ އެވެ. މީގެ އިތުރުން މި މަސައްކަތުގައި އުޅެން ހާއްސަ ޓީމުތައް ނަގައި އެމީހުންނަށް ވެސް ބޮޑު އެއްޗެއް ދަނީ ޕޭ ކުރަމުންނެވެ. މި ހުރިހާ ހޭދައަކާއެކު މިއަހަރުގެ މަޖިލިސް އިންތިހާބު ބެލެވެނީ އެންމެ ގިނަ އިން ފައިސާ ހޭދަކުރާނެ އިންތިހާބުގެ ގޮތުގަ އެވެ. މިހާރު ހުރި އަދަދު ތަކުން ކުޑަ ހިސާބެއް ޖަހައިލި ނަމަވެސް އިންތިހާބީ ހޭދަ ދެ ބިލިއަން ރުފިޔާއަށް ވުރެ މަތިވެގެންދެ އެވެ.