އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ސަރުކާރުން އޮތީ ފޫގަޅާފަ އެވެ. އަދި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިން އެ ކަމަށް އަބަދުވެސް ދަނީ ވަކާލާތު ކުރަމުންނެވެ. އިންކަމް ޓެކްސް ނަގާނެ އަދަދުތައް ލިޔެ، ވަރުގަދަ ބިލެއް މިހާރު ވަނީ މަޖިލީހުގެ ހަފޮޅުން ވަނީ އެތެރެކޮށްފަ އެވެ. އެ ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގާނީ 40،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް އެ އަދަދު އާއްމު ކުރުމާއެކު ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން ތަކެއް ވަނީ އުފެދިފަ އެވެ.
އެއް ސަބަބަކީ އެ ބްރެކެޓުގެ ތެރޭގައި ހިމެނޭ ބައެއްގެ އަތުން ޓެކުސް ނަގަން ފަށައިފިނަމަ އެ މީހުންގެ އާމްދަނީ އަށް އަސަރުކޮށް ދިރިއުޅުމުގެ ފެންވަރު ދަށްވުމުގެ ފުރުސަތު އޮތުމެވެ. އެ ބްރެކެޓުގައި ދިރިއުޅޭ ގިނަ މީހުންނަކީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންގެ ތެރޭގައި ހިމެނުމެވެ. މިކަން އައިސް ގުޅެނީ މާލޭގައި އެންމެ ބޮޑު ހަރަދެއް ކުރަން ޖެހޭ ގޭގެ ކުލި ދެއްކުމާ ހަމައިންނެވެ.
ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑު އެއް ތަނަނަށް ވެރިރަށް މާލެ ވާނެ އެވެ. މާލޭގެ އެވްރެޖު ގޮތެއްގައި ކުލި ދައްކަން މަހަކު 16،000ރ. އާއި 25،000ރ. ހޭދަ ކުރަން ޖެހެ އެވެ. ކުލި ދެއްކުމަށްފަހު ދެން ބާކީ ހުރި ބައި "ބަހަން ޖެހެނީ" ކަރަންޓު ބިލާއި ފެން ބިލަށެވެ. ދެން އޮތީ އިންސްޓޯލްމަންޓް ސްކީމްތަކާއި އެހެނިހެން ހޭދަ ތަކެވެ. މާލޭގެ ގޭބިސީއެއްގެ އެވްރެޖު ހަރަދަކީ މަހަކު 40،000 ރުފިޔާ އިން މަތި ކަމަށް ބެލިދާނެ އެވެ. އެހެންވެ، މި އަދަދުން ޓެކުހެއް ކުރަން ފަށައިފިނަމަ ރައްޔިތުނަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟
"އިންކަމް ޓެކްސްގައި މި އޮންނަނީ 'ޕޭ އޭޒް ޔޯ އާން' މޮޑެލް. އެހެންވެ، އަޅުގަނޑަށް ފެންނަނީ ކުޑަ ޕަސެންޓޭޖަކުން ޓެކްސް ނަގަން ފަށަން. ޓެކްސް ނަގަން ފަށަން 40،000ރ. މިއީ މާ ކުޑަ އަދަދެއް. ޓެކްސް ނަގާ ޕަސެންޓޭޖު ވެސް ރަނގަޅުވާމީ އަހަރުން އަހަރަށް މަތި ކުރަމުން ދިއުން. ތިން އަހަރު ނޫނީ ހަތަރު އަހަރު ދީފަ އެންމެ މަތީ ބޭންޑް އަށް ޖެއްސުން،" ރާއްޖޭގެ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އިންކަމް ޓެކްސް ކުރާނެ އެންމެ ދަށް ޕަސެންޓޭޖަކީ އަށް ޕަސެންޓެވެ. އަދި މި އަދަދު ގޮސް ހުއްޓޭނީ 15 ޕަސެންޓުގަ އެވެ. މި އަދަދުން ޓެކްސް ނަގާނަމަ މި ޓެކުހަށް ފޯލްވާ އެންމެ ދަށުގެ އާމްދަނީއެއް ލިބޭ މީހުން މަހަކު 3،200ރ. ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. މިއީ މައްސަލައެއް ހެއްޔެވެ؟
ޑޭޓާ ލިބޭނީ ނަގަން ފަށައިގެން
އިންކަމް ޓެކްސް ބިލް ފަރުމާކޮށްފައި އޮތީ މިހާރު ލިބެން ހުރި ޑޭޓާގެ މައްޗަށް ބަލައިގެންނެވެ. ރާއްޖޭގައި މިވަގުތު ޕާސަނަލް އިންކަމްގެ ޑޭޓާ ހުރީ ވަރަށް މަދުންނެވެ. ހާއްސަކޮށް މަހުޖަނުންގެ ޕާސަނަލް އިންކަމް ޑާޓާ އެއްގޮަތަކަށް ވެސް ނެތޭ ބުނެވިދާނެ އެވެ. އެހެންވެ ޓެކްސް ނަގަން ފަށަން އެންމެ ރަނގަޅީ މިވެނި އަދަދަކުން ނޭ ބުނުމަކީ ދަތިކަމެއްގެ ގޮތުގައި މާހިރުން ވިދާޅުވެ އެވެ.
އިގްތިސޯދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝާކޫރު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގަން އެންމެ ރަނގަޅީ ވަކި އަދަދުންކަން ރާއްޖޭގައި ބުނަން ދަތިވާނެ އެވެ. ސަބަބަކީ އެކަމަށް އެންމެ އެކަށީގެންވާ ޑޭޓާ ރާއްޖޭގައި ލިބެން ނެތުމުންނެވެ.
"މިއީ ވޭޖް ޓެކުހެއް ވެސް ނޫން. މިއީ އިންކަމް ޓެކްސް [އާމްދަނީ] ގެ ޓެކްސް. އަހަރެމެންނާ ހަމައަށް ފެންނާކަށް ނެތް ރަނގަޅު ހިސާބު އަދަދު ތަކެއް. އާމްދަނީގެ މިންވަރު އެނގޭނެ ހިސާބު ތަކެއް ނެތް. އުޅުނަސް އުޅޭނީ ޕެންޝަން. އެވެސް މުސާރައެއް. އާމްދަނީ އެއް ނޫން. އެހެންވެ، ހިސާބުތަކަށް ބަލައިގެން ވާހަކަ ދައްކާނަމަ ރަނގަޅީ މިވެނި އަދަދެކޭ ބުނަން ދަތި،" އާތިފު ވިދާޅުވި އެވެ.
އިންކަމް ޓެކުހަށް ސަރުކާރުގެ އަދަދަކީ 40،000ރ. ކަމަށް ވިއަސް، "އެޖެންޑާ 19" ގައި ނަގަން ހުށަހަޅާފައި އޮތީ 60،000ރ. އިން މައްޗެވެ. މި އަދަދު އެޖެންޑާގައި ޖެހި ސަބަބާބެހޭ ގޮތުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވެފައިވާ ގޮތުގައި ޓެކްސް ނަގަން ބިލްގައި އެ އަދަދު ހިމެނީ 40،000ރ. އަކީ ކުޑަ އަދަދެއް ކަމަށް ފެނިގެނެވެ. މި ޓެކްސް ނަގާނީ މި އަދަދަށްވުރެ މަތިވެއްޖެ ނަމަށެވެ.
"ހަމަޖެހިގެން މާލޭގައި ދިރިއުޅެވޭނީ 50،000ރ. ގެ އާމްދަނީއެއް ލިބޭ މީހުން. އެހެންވީމަ 40،000ރ. އިން ޓެކްސް ނަގާނަމަ ކޮންމެ ވެސް ވަރަކަށް އެ ވަރުގެ އާމްދަނީއެއް ލިބޭ މީހުންނަށް އުނދަގޫވާނެ،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.
އަހުލުވެރިވާން ތިބެންވީތަ؟
ދެން އޮތީ މި ޓެކްސް ނަގަން ފަށުމުގެ ކުރިން ހުރި އެހެން ކަންބޮޑުންތަކެވެ.
ޓެކްސް ނަގަން ފަށާއިރު މި ޓެކުހަށް ވެސް އަހުލުވެރި ކުރުވަން ޖެހެ އެވެ. ޓެކްސް ނަގަން އެކަށީގެންވާ ވަގުތު ނުދެވިއްޖެނަމަ ގިނަ މައްސަލަ ތަކެއް ފެންމަތިވާނެ އެވެ. އެއް ކަމަކީ އެތަށް ބަޔަކު ގާނޫނީ މަޅިއަކަށް މެހުމެވެ. މި ނަތިޖާ ގިނަ ބަޔަކު ވަނީ ތަޖުރިބާކޮށްފަ އެވެ. ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފުވެ، ޖީއެސްޓީ ނަގަން ފެށުމާއެކު ވާނުވާ ނޭނގި ހެދުނު ގޯސް ތަކުން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓު ވެގެން ދިޔަ އެވެ. އެތައް ބަޔަކު ދަރަނިވެރި ކުރުވި އެވެ. އެހެންވެ، އެންމެ ރަނގަޅު ގޮތަކީ މި ކަމަށް ވަގުތު ދިނުމެވެ. ނަމަވެސް މިއީ ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި ކަމެކެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި މި ޓެކްސް ނަގަން ފެށިގެން ނޫނީ އެއްވެސް މައުލޫމާތެއް ހޯދޭނެ ގޮތެއް ނެތެވެ. އެހެންވެ އަވަހަށް ޓެކްސް ނަގަން ފަށަން ޖެހެ އެވެ.
މި ވިސްނުމުގައި ހުންނެވި އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގަން ފެށިގެން ނޫނީ ރަނގަޅު ހިސާބު ތަކެއް ހޯދަން ދަތިވާނެ އެވެ.
"ޓެކްސް ނަގަން ފަށައިގެން އެ ތަކެއް އަހަރުން ރަނގަޅުވާނީ. މިއަދު ފެށިއަސް، މި އަހަރު ފެށިއަސް ހުރިހާ މީހުންގެ ޑޭޓާ ކަލެކްޓެއް ނުކުރެ ވޭނެ އަވަހަކަށް،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޓެކްސް ނަގަން ފެށުމުގެ ކުރިން އެންމެ މަދު ވެގެން އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭން ޖެހޭނެ އެވެ. އެހެން ނޫނީ އެތައް ބަޔަކަށް ދައްޗާ ކުރިމަތިވާނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަނީ އެގޮތަށެވެ.
އިންވެސްޓްމަންޓަށް އަސަރެއް ކޮށްފާނެބާ؟
އިންކަމް ޓެކްސްގައި އިންވެސްޓަރުންނަށް ލިބޭ "ޑިވިޑެންޓް" އިން ވެސް ޓެކްސް ނަގާނެ އެވެ. އެހެންވެ، މިއީ ރާއްޖެ އަންނަ އިންވެސްޓަރުންނަށް އެހާ ރަނގަޅު މެސެޖަކަށް ނުވާނެ އެވެ.
ސަބަބަކީ ރާއްޖޭގައި އިންވެސްޓް ކުރަނީ އިންވެސްޓްމަންޓް ރިޓާންސް މަތި ގައުމަކަށް ވާތީ ކަމަށް ގަބޫލުކެވިގެނެވެ. ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާ އަށް ބަލާއިރު، ގިނަ އިންވެސްޓަރުން ތިބީ ޓޫރިޒަމް ސެކްޓާގަ އެވެ. އެހެންވެ އިންވެސްޓަރުންނަށް ލިބޭ ޑިވިޑެންޑުން ޓެކްސް ކުރާނަމަ ރާއްޖެއަށް އޮތް ޝައުގުވެރިކަން ކުޑަވުމުގެ ފުރުސަތު އޮންނާނެ އެވެ. ނަތީޖާ އަަކަށް ވާނީ ރާއްޖެއަށް ވުރެ ކޮމްޕެޓިޓިވް އެޑްވާންޓޭޖު ހުރި ދިމަދިމާލަށް އެ މީހުން ދީލާލަން ފުރުސަތު އޮތުމެވެ. އެހެންވެ މިއީ ވެސް ވިސްނަން ޖެހޭ ކަމެވެ.
ބިރުވެރިކަން ފިލަން ޖެހޭ
ހަމަ ބުއްދި ހުރި ކޮންމެ މީހަކު ވެސް ގަބޫކު ކުރާނެ ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ އިތުބާރު ނެތުމެވެ. ކޮންމެ ސެކްޓާއެއް ވެސް ބިރުވެރިކަމުގެ ދަލެއްގެ ތެރެއަށް މެހިފައި އޮތުމެވެ. ދައުލަތުގެ މުހިންމު ވުޒާރާތަކަށް އޮތް އިތުބާރު ކުޑަވުމެވެ. ރާއްޖޭގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު އެހާ ކުޑަ އެވެ.
ރާއްޖެ އިންކަމް ޓެކުހަށް ދާއިރު މިަކަން ބޮޑު ޗެލެންޖަކަށް ވާނެ އެވެ. މިއީ އެހެން ޓެކްސްތަކާ ހިލާފަށް ތިމާ މީހާގެ މާލީ ފަތިފުށް ރަނގަޅަށް ހާމަވާނެ އެއްޗަކަށްވެ އެވެ. އިންކަމް ޓެކްސް ނަގަން ފެށުމުން އަމިއްލަ މީހާގެ އެންމެ ޕާސަނަލް ހިސާބުތަކާއި މައުލޫމާތު ދައުލަތާ ހަވާލު ކުރާނެ އެވެ. އެހެންވެ ސަރުކާރާއި ދައުލަތުގެ އެކި ދާއިރާތަކުގެ އިތުބާރާއި ޔަގީންކަން ވަަރަށް ބޮޑުތަން މަތި ކުރަން ޖެހެ އެވެ. ދައުލަތް ހިންގުމަށް ބޮޑެތި އިސްލާހު ތަކެއް ގެންނަން މަޖުބޫރުވެ އެވެ. ހާއްސަކޮށް ދައުލަތުގެ ޓެކްސް އިދާރާ މީރާ، ސިޔާސީ ނުކޮށް، ޔަގީންކަން އިތުރު ކޮށްގެން ނޫނީ މި ޓެކްސް ކާމިޔާބެއް ނުވާނެ އެވެ.
"މީރާ ޖެހޭ ވަރަށް މިނިވަން ވާން. އެހެން ނޫނީ އިންކަމް ޓެކްސްގެ ނަމުގައި ވިޔަފާރިވެރިޔާ ދުވަސް ދުއްވާލަން ފުރުސަތު ފަހިވާނެ. މިހާރު ވެސް މި ދައްކަނީ ޖުޑީޝަރީ އޮތީ ވަރަށް ކަރަޕްޓް ވެފައޭ. ޓެކްސް ނަގަން ފެށުމުން މައްސަލައެއް ދިމާވެއްޖެ ނަމަ ޖުޑީޝަރީއަށް ގޮސް، އެ މީހަކު ހޯދާނީ ކޮން ފަރުވާއެއް ތޯ؟ ރާއްޖޭގެ ހުރިހާ ކަމެއް އެބަޖެހޭ ރަނގަޅު ވާން،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރަކު ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން އެދި ވިދާޅުވި އެވެ.
ޓެކްސް ދެއްކުމުން އިތުރު ފައިދާ
އިންކަމް ޓެކުހަށް ސަރުކާރުން ދަނީ މިހާރު ނަގާ ރެމިޓެންސް ޓެކްސް އުވާލާފަ އެވެ. މިއާއެކު މަތީ އާމްދަނީ ލިބޭ ވަޒީފާތަކުގައި ތިބި ބިދޭސީންގެ އަތުން ވެސް ޓެކްސް ނަގަން ފަށާނެ އެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު ފައިނޭންސް އާއި އެކައުންޓިން އަދި ޓޫރިޒަމްގެ ޝެފުންގެ އަދި ޖީއެމް އާއި ސީނިއާ މެނޭޖުމަންޓްތަކުގެ ބޮޑު ބަޔަކީ ބިދޭސީންނެވެ. އިންކަމް ޓެކްސް ނަގަން ފެށުމާއެކު އެމީހުން ރާއްޖޭގެ އިގްތިސޯދަށް ދޭ ކޮންްޓްރިބިއުޝަން މަތިވެގެން ދާނެ އެވެ. އެހެންވެ، މި ޓެކްސް ދައްކާ މީހުންނަށް އިތުރު ޕްރިވިލެޖެއް ދިނުމަކީ ވެސް މުހިންމު ކަމެކެވެ. އެހެން ގައުމުތަކުގައި ވެސް މިކަން އެގޮތުގައި ކުރެ އެވެ. ރާއްޖޭގައި ކުރެވިދާނެ ހެއްޔެވެ؟
އިންކަމް ޓެކްސް ގެންނަ އެއް ސަބަބަކީ ހަމަހަމަކަން ގާއިމް ކުރުމެވެ. މި ޓެކުހާއާއެކު ޓެކްސް ނިޒާުމު ވަށައި ޖެހިގެން ދާނެ އެވެ. އެހެންވެ، މި ޓެކްސް ދައްކާ ބޭރު މީހުންނަށް ވެސް އިތުރު ޕްރިވިލެޖްތަކަކާއި ހާއްސަ ހިދުމަތް ތަކެއް ރާއްޖެ އިން ވެސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ރަނގަޅެވެ.
އެކަމަކު އާތިފު ވިދާޅުވި ގޮތުގައި ބިދޭސީންނަށް ކޮންމެހެން ހާއްސަ ބެނިފިޓް ތަކެއް ދިނުމަކީ މުހިންމު ކަމެއް ނޫނެވެ.
"އެ ގައުމަކަށް ދާއިރު ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގަބޫލު ކޮށްގެން ދާން ޖެހޭނީ. އެހެންވެ މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހުރިހާ އެއްޗެއް އެހެން މީހުންނަށް ދޭކަން ނުޖެހޭ. އެހެންވެ ހިއެއް ނުވޭ ދޭން ޖެހޭނެ ހެނެއް،" އާތިފު ވިދާޅުވި އެވެ.
އާ ޓެކުހަށް ތައްޔާރުވާއިރު ގިނަ ދިރާސާ ތަކެއް އިތުރަށް ކުރަން ޖެހެ އެވެ. އިތުރު ޑާޓާތަކެއް ވެސް ބޭނުންވެ އެވެ. މީގެ އިތުރުން މި ޓެކްސް ކުރާ މީހުންގެ ހިޔާލު އެއް ކުރުމަކީ ވެސް ކުރަން ޖެހޭނެ ކަމެކެވެ. ހާއްސަކޮށް ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރު ކުރަން ޖެހެ އެވެ. އެހެންނޫންނަމަ މި ޓެކްސް ނެގުމުގެ މަގުސަދު ހާސިލް ނުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.