ދުނިޔެ

އާ ހުށަހެޅުމެއް އަވަހަށް ހުށަނާޅައިފި ނަމަ ޔޫރޯޒޯނުން ގްރީސް ވަކިވާނެ ކަމުގެ އިންޒާރު ދީފި

Jul 7, 2015

އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އަށް ބޭރުގެ ފަރާތްތަކުން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމަށް ތާއީދު ނުކުރާ ކަމަށް އެ ގައުމުގެ ރައްޔިތުން ނިންމުމާ އެކު، ޔޫރޯޒޯންގައި ދެމި އޮތުމަށް ގްރީސްގެ ސަރުކާރުން އާ ހުށަހެޅުންތަކެއް އަވަހަށް ހުށަހަޅަން ޕްރެޝަރުކުރަން ޔޫރަޕްގެ ގައުމުތަކުން ފަށައިފި އެވެ.

އެހީގެ ޕްރޮގްރާމާ މެދު މިިދަިޔަ އާދިއްތަ ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން 61.3 ޕަސެންޓް މީހުން ވަނީ އެ ޕްރޮގްރާމަށް ނޫނެކޭ ބުނެފަ އެވެ. ވޯޓު ލެވޭ އާބާދީގެ 63 ޕަސެންޓް މީހުން ބަައިވެރިވި އެ ވޯޓުގައި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދަން ފެންނަ ކަމަށް ބުނެފައި ވަނީ އެންމެ 38.7 ޕަސެންޓް މީހުންނެވެ.

މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމު ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ބޮޑެވެ.

މި ވޯޓިގެ ނަތީޖާއާ މެދު އަމަލުކުރާނެ ގޮތެއް ރަސްމީކޮށް ނިންމުމަށް ޔޫރަޕްގެ ގައުމުތަކުގެ ވެރިން މިއަދު ކުއްލި ސަމިޓެއް ބާއްވަވާނެ އެވެ. އެކަމަކު ޔޫރަޕްގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި ފްރާންސްގެ ރައީށް ފުރާންސުވާ އޮލާންޑާ ވަނީ އެ ސަމިޓުގެ ކުރިން ރޭ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު މާކެލް އާއި އޮލާންޑާ ވިދާޅުވީ ގްރީސް އަށް އިތުރަށް އެހީވުމާ މެދު ދެން އިތުރަށް ވާހަކަދެއްކޭނީ ގްރީސްގެ ސަރުކާރުން ސީރިއަސް ހުށަހެޅުންތަކެއް އަވަހަށް ހުށަހެޅުމުން ކަމަަށެވެ. ގްރީސް އިން އެދެމުންދާ ގޮތަށް، އެ ގައުމުގެ ބޮޑު ދަރަނި މާފުކުރުމާ މެދު ވެސް މަޝްވަރާކުރެވިދާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

"ގްރީސް އިން ޔޫރޯޒޯންގައި އޮންނަން ބޭނުން ނަމަ ބޮޑުވަޒީރު އެލެކްސިސް ސާޕާސްގެ ސަރުކާރުން ސީރިއަސް، އެކަށީިގެންވާ ހުށަހެޅުންތަކެއް ހުށަހަޅަން  ޖެހޭ. [މިއަދު ބާއްވާ] ސަމިޓުގައި ބޮޑުވަޒީރު އަހަރުމެންނަށް ވިދާޅުވާންޖެހޭނެ އެ ހުށަހެޅުންތަކަކީ ކޮބައިކަން،" އެ ދެ ބޭފުޅުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވި އެވެ.

ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ވިދާޅުވީ "ބޯޅަ އޮތީ ގްރީސް ކޮޅުގައި" ކަމަަށެވެ. އަދި އިތުރު އެހީއެއް ވެވޭނީ ގްރީސްގެ ސަރުކާރުން "ޒިންމާދާރުވާ ނަމަ" ކަމަށް އޭނާ ވިދާޅުވި އެވެ. ނެދެލެންޑްސްްގެ ބޮޑުވަޒީރު މާކް ރައްޓޭ ވިދާޅުވީ ގްރީސް އިން "ބޮޑެތި އިސްލާހީ ފިޔަވަޅުތަކަކަށް" އެއްބަސް ނުވާ ނަމަ މަޝްވަރާގެ ދޮރު ބަންދުވެފައިވާ ކަމަށެވެ.

ވޯޓުގެ ކުރިން ގްރީސް އޮތީ ދެ ބަޔަކަަށް ބެހިފަ އެވެ. ބޭރުގެ ފަރާތްތަކުން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމަަށް ތާއީދު ނުކުރުމަށް ގްރީސްގެ ސަރުކާރުން ވަރުގަދަ އަށް ކެމްޕޭން ކޮށްފައި ވާއިރު، އެ ޕްރޮގްރާމަށް އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބާރުއަޅާފަ އެވެ. ހުކުރު ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ރައްޔިތުންގެ ހިޔާލު ވަނީ ދެކޮޅަަށް ވެސް ގާތްގަނޑަކަށް ހަމަހަމަވާ ގޮތަށް ބެހިފަ އެވެ.

ގްރީސްގެ ސަރުކާރަށް މި މުހިއްމު ވޯޓުގައި ލިބުނު ކާމިޔާބީއާ ގުޅިގެން، ސާޕާސްގެ ސަރުކާރުން ވަނީ އެ ގައުމުގެ ދަރަނި މާފުކޮށްދޭން ކުރައްވަމުން ގެންދެވި ޑިމާންޑް އިތުރަށް ވަރުގަދަކުރައްވާފަ އެވެ. އެކަމަކު، ޔޫރަޕްގެ ވެރިންގެ ވާހަކަތައް ހުރީ އެ ޑިމާންޑަށް ބޯލަނބާނެ ފަދަ ގޮތަކަށް ނޫނެވެ.

އެ ކަމާއި ޖުމްލަކޮށް ގްރީސްގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ އެންމެ އިސް ވެރިން މިއަދު ބާއްވަވާ ކުއްލި ސަމިޓުގައި ގްރީސްގެ އާ ހުށަހެޅުންތައް ސާޕާސް ހުށަހަޅުއްވާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު ކަމަށް އޮންނާނީ، ބެލެވޭ ގޮތުގައި، ދަރަނި މާފުކުރުމުގެ ޑިމާންޑެވެ. ޔޫރަޕްގެ ވެރިންގެ ސަމިޓުގެ ކުރިން އެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ވަަކިން ބާއްވަވާ ބައްދަލުވުމުގައި ވެސް އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.

އެހެން ނަމަވެސް، އެއީ މީގެ ކުރިން ކޮށްފައިވާ މަޝްވަރާތަކުގައި ވެސް އެހީ ދޭ ގައުމުތަކުން ދެކޮޅު ހަދާފައިވާ ކަމަށެވެ. ހާއްސަކޮށް، ގްރީސް އަށް އެންމެ ބޮޑު އެހީއެއް މިހާތަނަށް ދީފައިވާ ޖަރުމަނުން އެ ޑިމާންޑާ ވަރަށް ބޮޑަށް ދެކޮޅެވެ. ޖަރުމަނުގެ ފިނޭންސް މިނިސްޓަރު ޖެރޮއެމް ޑިސެމްބްލަމް ވަނީ މިއަދު ވެސް އެކަން ތަކުރާރުކުރައްވާފަ އެެވެ.

މީގެ އިތުރުން، ހިޔާލު ހޯދުމުގެ ވޯޓަށް ފަހު، ގްރީސްގެ ފިނޭންސް މިނިސްޓަރު ޔާނީސް ވަރޯފާކިސް ވަނީ އިސްތިއުފާ ދެއްވާފަ އެެވެ. އެއީ އޭނާ ބައިވެރިކޮށްގެން މަޝްވަރާކުރަން ޔޫރަޕްގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ދެކޮޅު ހެއްދެވުމުންނެވެ. އެއާ އެކު، ކުރިން މަޝްވަރާތަކުގައި ބައިވެރިވި ގްރީސްގެ ވަފުދުގެ އިސް ވެރިއަކަށް ހުންނެވި ޔޫކްލިޑް ސަކަލޯޓޯސް ވަނީ ފިނޭންސް މިނިސްޓަރަކަށް ހަމަޖަައްސާފަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓު ނަގާފައި މިވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.

މި މައްސަލަގަނޑުގެ ސަބަބުން ގްރީސް ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި ވާއިރު، ބޮޑުވަޒީރު ސާޕާޒް ވަނީ ފަހު ވަގުތު އާ ހުށަހެޅުއްވުމެއް ޔޫރަޕްގެ ވެރިންނަށް ހުށަހަޅުއްވާފަ އެވެ. އެއީ މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޔޫރަޕުން އޭރު ހުށަހެޅި ގިނަ ކަންތައްތަކަށް، ބޮޑެތި ޝަރުތުތަކާ އެކު އެއްބަސްވެފައިވާ ހުށަހެޅުމެކެވެ. އަދި ޔޫރަޕުން ގާއިމްކޮށްފައިވާ ބެއިލްއައުޓް ފަންޑުން، 29.1 ބިލިއަން ޔޫރޯގެ ތިން ވަނަ ލޯނެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގްރީސް އަށް ދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ އިގްތިސާދީ ބާރުތައް ކަމަށްވާ ޖަރުމަނާއި ފްރާންސްގެ އިތުރަށް ޔޫރަޕިއަން ކޮމިޝަނުން ވެސް ވަނީ އެ ހުށަހަޅުމާ މެދު މަޝްވަރާކުރަން ދެކޮޅު ހަދާފަ އެވެ. އެ ފަރާތްތަކުން ބުނީ އެހީގެ ޕްރޮގްރާމާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ އަށް ބެލުމަށް ފަހު ނޫނީ ގްރީސްއާ އެކު އިތުރަށް އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެެ.

ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ދަރަނިވެރިވުމުގެ ބިރު ހީވެފައިވާ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު އިއްޔެ ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.