ހަބަރު

ހަ ވަނަ ފްލޯއިން ވެއްޓި ނިޔާވީ ޑރ. ޑީޑީގެ ބައްޕަ

އިމާރާތެއްގެ ހަވަނަ ފްލޯއިން ރޭ ފަތިހު ވެއްޓި މަރުވީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ)ގެ ބައްޕާފުޅުކަން ހާމަވެއްޖެ އެވެ.

މަޝްހޫރު ދަތުގެ ޑޮކްޓަރު ޑރ. ޑީޑީގެ ބައްޕަ، ސ. ހުޅުދޫ ބަހާރީވިލާ، އަބްދުﷲ ނަހީފް ވެއްޓި ނިޔާވީ ބުރުޒުމަގުގައި ހުންނަ ޑރ. ޑީޑީގެ ގެ، ގ. ދަތުގެ އިމާރާތުގެ ހަވަނަ ފްލޯއިންނެވެ.

ފުލުހުން މިއަދު ބުނީ ނަހީފް ވެއްޓުނީ ފަތިހު ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޑރ. ޑީޑީގެ ބައްޕަ ނަހީފް ވެއްޓުނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ޑރ. ޑީޑީ އޭނާގެ ބައްޕަ ހަނީފަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް ފުލުހުން މީގެ އަހަރުތަކެއް ކުރިން އެފަދަ މައްސަލައެއް ބަލާފައިވެ އެވެ.