ރާއްޖެއިން މިދިޔަ ނޮވެމްބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން ބޭރުކުރީ 120 މިލިއަން ރުފިޔާގެ މުދަލެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭރުކުރި 216 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 96 މިލިއަން ރުފިޔާ -- 44 ޕަސެންޓް މަދު އަދަދެކެވެ.
ރާއްޖެއިން މިދިޔަ ނޮވެމްބަރު މަހު ތައްޔާރުކުރެވިފައިވާ ކަޅުބިލަ މަހުގެ ގޮތުގައި 41 މިލިއަން ރުފިޔާގެ މަސް އަދި ގަނޑުކުރި ކަޅުބިލަމަހުގެ ގޮތުގައި 39 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކުރި އެވެ.
ގަނޑުކުރި ރީނދޫއުރަހަ ކަންނެލީގެ ގޮތުގައި ނުވަ މިލިއަން ރުފިޔާގެ މަސް ބޭރުކުރިއިރު ތާޒާ ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ފަސް މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވެ އެވެ.
ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކުރީ އިނގިރޭސިވިލާތަށެވެ. އެގޮތުން 30 މިލިއަން ރުފިޔާގެ މުދާ އެގައުމަށް ބޭރުކުރި އެވެ.
ތައިލެންޑަށް 24 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު ވިއެޓްނާމް އާއި ޖަރުމަނަށް ކޮންމެ ގައުމަކަށް 13 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ. އަދި މޮރިޝަސްއަށް ހަތް މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.