ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ. މި ތިން މީހުންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ.
މި ތިން މީހުންގެ ތެރެއިން އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނަގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށްފަހު ދަނިކޮށެވެ.
އޭނާ ހުއްޓުވަން އުޅުމުން މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް އަތިިިިރިމަތީގައި އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށެވެ.
އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އުޅެމުންދާ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި އެތިން މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުން ދިޔަ އެވެ.
އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.