މަނާ ބޭހާއި ބަނގުރާ ގެންގުޅުނު ހަ ބިދޭސީއެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
މަސްތުވާތަކެތި އަދި މަނާ ބޭސް ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުކުރާ މި ބިދޭސީންގެ ބަންދަށް 15 ދުވަސް ދިނީ އިއްޔެ އެވެ.
މައްސަލައިގައި ހިމެނޭ މީހުންނަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.
އެ މީހުން ބަންދުކުރަން ނިންމީ ކޯޓަށް ހާޒިރުނުވެ ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތުމުންނެވެ. މައްސަލައިގައި ހިމެނޭ ހަ މީހުންގެ ތެރެއިން ފަސް މީހަކު ރާއްޖޭގައި އުޅެނީ އިމިގްރޭޝަން ގާނޫނާއި ހިލާފަށެެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ދިރިއުޅޭ ކޮޓަރިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
މީގެ އިތުރުން ބައެއް މީހުން ހުރި ކޮޓަރިން ގިނަ އަދަދެއްގެ ބޭސް ގުޅަތަކެއް ފެނިފައިވާ ކަމަށާއި މި ބޭސް ގުޅަތަކަކީ މަސްތުވާއެއްޗެއް އެކުލެވޭ ބޭސްގުޅަތަކެއް ކަމަށް ޝައްކުކުރެވޭ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ މީހަކު ހުރީ މަސްތުވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.