ހަބަރު

ލުތުފަރު މަރުގެ މައްސަލައިގެ ޝަރީއަތެއް މާދަމާ

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފި އެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެއް ބޯޓެއްގައި މަސައްކަތް ކުރި ތިން ބިދޭސީން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.

އެ ދައުވާ އުފުލުމުން އެމީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއިކޮށްފަ އެވެ. ނަމަވެސް މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ.

އެހެންވެ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކުރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އެމީހުން ކުށަށް އިންކާރު ކުރާތީ އިއުތިރާފުގެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށެވެ. އަދި، މައްސަލަ ތަހުގީގު ކުރުމަށް މުއްދަތެއް ދިނުމަށްފަހު އޭރު ކުރިމިނަލް ކޯޓަށް ވެއްދި މައްސަލަ ގާޒީ ވަނީ ބާތިލް ކޮށްފަ އެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބޭ ފުރުސަތެކެވެ. އިއުތިރާފު އެއްބަސްވުމުގައި އިބްތިދާއީ އަޑުއެހުމުގެ ކުރިން ސޮއި ކުރެވިދާނެ ކަމަށް އޮންނައިރު އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިންކާރުކޮށްފިނަމަ މައްސަލަ އަލުން ތަހުގީގު ކުރުމުގެ ފުރުސަތު ލިބެ އެވެ. މިފަދަ މައްސަލަތަކަކީ އެ ގާނޫނުގައިވާ ގޮތުން އަލުން ކޯޓަށް ހުށަހެޅޭނެ މައްސަލަތަކެވެ.

މި މައްސަލަ އަލުން ތަހުގީގު ކޮށް ކޯޓަށް ހުށަހެޅުމުން، މި މައްސަލައިގެ ޝަރީއަތެއް މާދަމާ ހެނދުނު 9:30 ގައި ކުރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހްގީގީ މައުލޫމާތު ހިއްސާ ކުރުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ބުނެފައިވަނީ ލުތުފަރު އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ލުރުފަރު މަރާލައިފައިވަނީ ކުރިމަގު ބޯޓުގެ ވާތް ފަޅީއަށް އޭނާ ގެންގޮސް ކަރުގަ ހިފައިގެން ކަމަށާއި، އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވި ކަމަށާއި، ނަމަވެސް ލުތަފަރު މަރާލި ނޫރުލް އިސްލާމް އެމީހުންނަށް ދޮގު ވާހަކައެއް ކިޔައިދިނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އެ އަޑަކީ އޭނާ އާއި އަންހެންނާ ދެމެދު ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުނި ކަމަށެވެ.

ބޯޓު ކައިރިއަށް މީހުން އެެއްވާން ފެށުމުން ލުތުފަރު މަރައިލުމުގައި ބައިވެރިވި އަނެއް ދެ ބިދޭސީން ލުތުފަރުގެ ހަށިގަނޑު ކައިރީގައި ފިލައި ތިބި ކަމަށާއި، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވާޖަހައިފައި މޫދާ ތިރި ކުރި ކަމަށެވެ. އެއީ ބޯޓަށް މީހަކު އަރައިފާނެތީ ކަމަށްވެސް ތަހުގީގަށް ހައްޔަރުކުރި ބިދޭސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ މޫދުން ނެގުމަށްފަހު އަންނައުނު ބަދަލުކޮށް އޭނާ ނިދާ ތަނުގައި އޭނާ ބޭއްވި ކަމަށާއި، އެގޮތަށް އަމަލުކުރީ މީހަކު ބޯޓަށް އެރި ނަމަވެސް ލުތުފަރު ބޯޓުގައިވާކަން ދެއްކުމަށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށާއި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.

ލުތުފަރު މަރާލީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އޭނާގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފުލުހުން ވަނީ ކަނޑުގެ އަޑިން ހޯދާފަ އެވެ.