ހަބަރު

ފޮނަދޫ ބިދޭސީ މީހާގެ މަރު: ހެކިވެރިއެއްގެ ބަހާމެދު ސުވާލު އުފައްދައިފި

ލ. ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ބިދޭސީންނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ބަހާ މެދު ސުވާލު އުފައްދައިފި އެވެ.

މިއީ 2017 ވަނަ އަހަރު ބަންގްލަދޭޝްގެ އުމުރުން 27 އަހަރުގެ މީހަކު ފޮނަދޫން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން އެރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ އެވެ. އެ މައްސަލާގައި ޝަރީއަތެއް ކުރަނީ އެ މީހާގެ ހަށިގަނޑު ފެނުނު އިރު ޒަހަމްތަކެއް ހުރުމުން ތަހުގީގު ކުރި އިރު އެ ރަށުގައި އުޅުނު ބިދޭސީ، އަށް މީހަކަށް އެ މަރުގެ ތުހުމަތު ކުރެވިގެނެވެ.

މި މައްސަލާގައި އެކަކަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފަ އެވެ. އަނެއް ހަތް މީހުންނަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލާފައު ވަނީ އަލް އަމީން ކިޔާ މީހެއްގެ މައްޗަށެވެ.

މި މައްސަލާގައި މިއަދު ބޭއްވީ ހެކިބަސް ނަގަން ބޭއްވި އަޑު އެހުމެކެވެ. އެގޮތުން ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވާ އަލްއަމީނާއި ދެކޮޅަށް މިއަދު ދިން ހެކިބަސް ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް ދައުލިބޭ ފަރާތްތުގެ ވަކީލު ވިދާޅުވެ ސުވާލު އުފެއްދުމުން އެ ހެކި ބަސް މިއަދު ބަލައިގެންފައެއް ނުވެއެވެ.

ޝަރީއަތުން މިއަދު އެ ހެކި ބަލައި ނުގަތް ސަބަބަކީ ހެކިވެރިޔާ ހެކިބަސް ދެމުން އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދު ކޮށްފައި ހުއްޓާ އަލްއަމީން ވެސް އެ ގޮޅީގައި ބަންދު ކުރި ކަމަށައި އޭނާގެ ރައްޓެހި ފުލުހެއްގެ އެދުމުން ބިދޭސީ މީހާ މަރާލި ގޮތް އަލްއަމީން ކައިރިން އެހި ކަމަށާއި އެ ވާހަކަތައް ޖަލުގައު އަލް އަމީން ކިޔައިދީން ކަމަށް ބުނެފައި ވާތީ ކަމަށެވެ.

ހެކިވެރިޔާ ގާތު އަލްއަމީން މިފަދަ ވާހަކައެއް ދެއްކި ކަމުގެ އެއްވެސް ރިކޯޑިންއެއް ވެސް ނެތް ކަމަށް އަލްއަމީންގެ ވަކީލް ވަނީ މިއަދު ފާހަގަ ކޮށްފަ އެވެ. އަދި މަރުގެ މިފަދަ ސީރިއަސް މައްސަލައެއްގައި ޖާސޫސު ކޮށްގެން ހޯދާފައިވާ މައުލޫމާތު ދައުލަތުން ހެއްކަކަށް ގެނައުމަކީ ގާނޫނުން މަނާކުރާ ކަމެއް ކަމަށް ވެސް ވަކީލު ފާހަގަ ކުރެއްވި އެވެ.

ދައުލަތުން ބުނީ ހެކިވެރިޔާ އަކީ އެފަދަ ތުހުމަތެއްގައި ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުންގެ ތަހުގީގީ ރިޕޯޓުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެކަން ސާފުކޮށް ކަން ހިނގައި ދިޔަ ގޮތާއި ހެކިވެރިޔާ ދޫކޮށްލުމަށް ދައުލަތުން ގޮތެއް ނިންމުމަށް ފަހު އެކަން ލިޔުމަކުން ކޯޓަށް ހުށަހެޅުމަށް މުއްދަތެއް ބޭނުން ކަމަށެވެ. ގާޒީ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

މާޗް، 2017 ގައި ހިނގި މިހާދިސާގައި ތުހުމަތު ކުރެވޭ އަލްއަމީން ހުރީ މާލޭ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. ބާކީ ތިބި ހަތް މީހުން ބަންދު ކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.