މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކާއި އަނިޔާ ލިބުނު މީހާ އާއި ހާދިސާ ހިނގިތަނުން ނަގައިފައިވާ ފޮޓޯތަކުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން ކުށުގެ އަމަލު ހިންގުމުގައި އިތުރު ބަޔަކާއެކު އޭނާ ވަނީ ބައިވެރިވެފަ އެވެ.

އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާ ލިބުނު މީހާއާމެދު ހިންގާފައިވާ ކަމަށް ބެލެވޭތީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

މީގެ އިތުރުން އޭނާއަކީ ގަވައިދާ ހިލާފަށް އުޅޭ މީހެއް ކަމަށްވާތީ ފިލައިގެން ދިއުމުގެ އިހްތިމާލުވެސް އޮތް ކަމަށް ފެންނަ ކަމަށް އަމުރުގައިވެ އެވެ.