މޯލްޑިވްސް ޕޮލިސް ސާވިސް

ބަޔަކު ރަހީނުކުރި މައްސަލައިގައި މީހެއްގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

ހެންވޭރު ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ފިރިހެނުން ސަލާމަތްކޮށް މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ.

މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި 18 އަހަރު ނުވާ ކުއްޖަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ މައްސަލައިގައި ހިމެނޭ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެންނެވެ.

ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކުރި އިރު އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.