މާޗް މަހު ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އަށް ވީގޮތަށް އެއާއޭޝިއާގެ ގެއްލިފައިވާ ފްލައިޓުގެ ވެސް އެއްވެސް ނިޝާނެއް ނުފެނި ނުދާނެ ކަމަށާއި މި ދެ ހާދިސާ އެއް މިންގަނޑަކުން ނުމިނޭނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް މިއަދު ވިދާޅުވެއްޖެ އެވެ.
މާޗް 8 ގައި 239 މީހުންނާ އެކު ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަނިކޮށް ގެއްލުނު އެމްއެޗް370 ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އޮސްޓްރޭލިއާއިންނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ވެސް ބޯޓުގެ އެއްވެސް ނިޝާނެއް ނުވެ އެވެ. އެއާއޭޝިއާގެ ފްލައިޓެއް އިއްޔެ 162 މީހުންނާ އެކު ގެއްލިފައި ވާއިރު އެ ބޯޓުގެ އެއްވެސް ނިޝާނެއް ވެސް މިހާތަނަށް ވެފައެއް ނުވެ އެވެ.
"އަޅުގަނޑަށް ހީވަނީ މި ދެ ހާދިސާ އެއް ހަމަޔަކުން ބެލުމަކީ ބޮޑު ގޯހެއް ހެން،" ސިޑްނީގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 2ޖީބީ އަށް ދެއްވި އިންޓަވިއުއެއްގައި އެބޮޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައި ވަނީ އެމްއެޗް370 ގެއްލުމަަކީ އޭވިއޭޝަންގެ ތާރީހުގައި ވެސް ހިނގާފައިވާ ވަރަށް އާދަޔާ ހިލާފް ހާދިސާއެއް ކަމަށެވެ.
"...އާދަޔާ ހިލާފް ކަމެއް މިފަހަރު ހާދިސާގައި ހިނގާފައިވާ ކަމަށް ނުބެލެވޭ. އެއީ އާންމުކޮށް ދަތުރުކުރާ މަގުން ދަތުރުކުރަމުން ދިޔަ ފްލައިޓެއް. އެ ފްލައިޓް ވަނީ ގަދަ ކޮޅިގަނޑަކާ ކުރިމަތިވެފައި ކަމަށް މި ބެލެވެނީ. އެ ބޯޓު ވެއްޓިފައި ވުމަކީ އެންމެ ގާތް ގޮތް. އެހެންވެ މިއީ އެމްއެޗް370 ގެއްލުން ނުވަތަ އެމްއެޗް17 ވައްޓާލި ހާދިސާ ފަދަ ހާދިސާއެއް ނޫން،" އެބޮޓް ވިދާޅުވެފައިވެ އެވެ.
އެމްއެޗް17 އަކީ ވެސް މެލޭޝިއާ އެއާލައިންސްގެ ފްލައިޓެކެވެ. ޖުލައި މަހުގެ 17 ވަނަ ދުވަހު ޔުކްރެއިން މަތިން 298 މީހުންނާ އެކު ދަނިކޮށް އެ ފްލައިޓަށް ހަމަލާއެއް އަމާޒުވެ ވެއްޓިފައި ވާއިރު އެންމެން ވަނީ މަރުވެފަ އެވެ.
އިއްޔެ އިންޑޮނީޝިއާގެ ސުރަބާޔާ އިން ފުރައިގެން ސިންގަޕޫރަށް ދަނިކޮށް އެއާއޭޝިއާގެ ފްލައިޓް ގެއްލުމުގެ ކުރިން ޕައިލެޓް ވަނީ ކޮޅުގަނޑެއްގެ ވިލާތަކުން ސަލާމަތް ވުމަށް ބޯޓު އުހުން ދަތުރުކުރުމުގެ ހުއްދަ އަށް އެދިފަ އެވެ. ނަމަވެސް އެހެން ބޯޓެއް އެވަގުތު މަތީގައި އޮތުމުން އެ ހުއްދަ އެއާޓްރެފިކް ކޮންޓްރޯލުން ވަނީ ނުދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ބޯޓާ ވަނީ ގުޅުން ކެނޑިފަ އެވެ.
އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ބޯޓާ ގުޅުން ކެނޑުނު އިރު ހުރި ހިސާބަށް ބަލާއިރު ބޯޓު ވެއްޓިފައި ވާނީ ކަނޑަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޯޓު ވަނީ ކަނޑު އަޑީގައި ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. ބޯޓުގެ ނިޝާނެއް ފެނޭތޯ 70 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ދަނީ ބަލަމުންނެވެ.