ވިޔަފާރި

މިދިޔަ މަހު ދައުލަތުގެ އާމްދަނީއަށް ކުޑަ އިތުރުވުމެއް

Mar 13, 2019

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައި ވަނީ ކުޑަ މިންވަރެއް ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އާއްމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް 1.2 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތު ވެސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް މިއަދަދެވެ. ނަމަވެސް މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 0.8 ޕަސެންޓުގެ އިތުރު ވުމެކެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.

މިދިޔަ މަހު މީރާގެ މެދުވެރިކޮށް ޑޮލަރުން އާމްދަނީގެ ގޮތުގައި 52.6 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 794 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 134 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 79 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 3.3 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް އެ އޮތޯރިޓީ މެދުވެރިކޮށް ބަލައިގެންފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.