މާމައަށް 100 އަހަރު، އުފާވެރި ހަޔާތެއް!

ދިގު އުމުރަކަށް އެދެވެ އެވެ. ގިނަ ދަރިންނާއި އުފާވެރި ހަޔަތާކަށް ވެސް އެދެވެ އެވެ. ދުނިޔޭގައި ރީތި ދިގު ހަޔާތަކާއި ރަނގަޅު ގިނަ ދަރީން ލިބުމަކީ އިންސާނަކަށް ލިބޭނެ ވަރަށް ބޮޑު ނިއުމަތެކެވެ. ކޮންމެ މީހެއްގެ ހުވަފެނަކީ ރޫ ޖެހޭ ދުވަހު ދަރީންނާއި މާމަ ދަރިންނާއި މުނި މާމަ ދަރީންނާއި ދަރީންގެ ދަރީންގެ ގާތުގައި ހުރުމެވެ. އޯގާތެރި އަތްތަކަކުން އެ ހުރިހާ ދަރީން މާމަގެ ބުރަކަށީގައި ފިރުމައިދިނުން އެއީ ކޮންފަދަ އުފާވެރި ނަސީބެއް ހެއްޔެވެ؟ އެ އިހުސްސްތައް ކަރުނައިން ބަންޑުން ނުލާނެ ހެއްޔެވެ؟

ދީންވެރި، ތާހިރު ދިިރިއުޅުމަކާއެކު ހަޔާތުގެ ފޮތް އެގޮތަށް ލިޔުނު މި މާމައަކީ އުފާވެރިއެކެވެ. މި މާމަ، ފާތުމަތު ޔޫސުފުގެ ހަޔާތަށް 100 އަހަރެވެ. އެތައް ވާހަކައަކާ އެތައް ތާރީހަކާއި އެތައް އިހުސާސެއް އެކުވެފައިވާ އެއް ގަރުނުގެ ދިގު ހަޔާތެކެވެ. އޭނާގެ ދަރީންނާއި މާމަ ދަރީންނާއި މުނި މާމަ ދަރީންނާއި ދަރީންގެ ދަރީން އެކުވެގެން އިއްޔެ ހަވީރު ހުޅުމާލޭގައި މާމައާއެކު ވަގުތު ހޭދަ ކުރީ އެކުދީންގެ ހިސާބު ޖެހުމުން ދިމާވާ މާމަގެ 100 ވަނަ އުފަންދުވަސް ފާހަގަ ކުރާށެވެ.

އުފަން ދުވަހުގެ ޕާޓީގެ އުފަލުގައި އިނދެ، ދިގު ހަޔާތުގެ ވާހަކަ މާމަ ސިފަކޮށްލައި ދެނީ ވަރަށް ކުރުކޮށެވެ: "ހުރިހާ ޝުުކުރަކާއި ހަމްދު ކުރުމެއް އޮތީ މާތްﷲ އަށް. މާތް ﷲ އަހަަންނަށް ދިގު ހަޔާތެއް ދެއްވައިފި، ގިނަ ދަރީން ދެއްވައިފި، ދަރިންނާއެކު އުފާވެރިކަން ވެސް ދެއްވައިފި، މާތްﷲ އަށް ހަމްދާއި ޝުކުރު ކުރުން ފިޔަވައި އެހެން ކަމެއް ނެތް، ނިއުމަތަކީ އެއީ،"

މި މާމަގެ ހަނދާންތައް ގޮސް އެންމެ ދުރު ހިސާބަަކަށް ހުއްޓެނީ ޝަމްސުއްދީނު ރަދުން ރަސްކަމުގެ ދެވަނަ ބައިގެ ތެރެއަށެވެ. އެ ފަހުން ދިވެހި ތާރީހުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ ތެރެއަށެވެ. އިއްޔެ މާމަގެ 100 ވަނަ އުފަން ދުވަސް އޭނާގެ ދަރީންގެ ތެރެއިން މާލޭގައި ތިބި ގާތްގަނޑަކަށް ހުރިހާ ކުދީންނާއެކު ފާހަގަ ކުރީ އުފަލުގެ ކަރުނައާއެކު އެވެ. ތާޒާކޮށް ހުރި ހަނދާތަކާ ވެސް އެކު އެވެ.

ލ. އިސްދޫއަށް އުފަން މާމަގެ ހަޔާތުގެ ފޮތް ހުޅުވާލައި ފުރަތަމަ ގަނޑު އެއްލާއިރު ދިމާވަނީ ބޮޑު ބިޔަ ބޯޓަކާ އެވެ. އެއީ ރާއްޖޭގެ ޖޯގްރަފީގައި ވަރަށް މަޝްހޫރު އިސްދޫ މުއްޔަށް އުރުނު އެތަކެއް ސަތޭކަ އާގު ބޯޓުގެ ތެރެއިން "ފޭރޭ މީހުން" ތިބި ކަމަށް ބުނާ ޖަރުމަނު ވިލާތުގެ ބޯޓެވެ.

ޖަރުމަނުގެ އެ ބޯޓް އިސްދޫ މުއްޔަށް އުރުނު ކަމަށް ބުނާ ތާރީހާ ލައްވާލަނީ 1926 ވަނަ އަހަރަށެވެ. ދިރިހުރި ސާފު ހަނދާންތަކަށް ބަލައިގެން ހިސާބު ޖެހުމުން އޭރު މި މާމަގެ އުމުރަކަށް ވާނީ ހަތް އަހަރެވެ. އުފަން އަހަރަކަށްވާނީ 1919 އެވެ. އެ ވިޔަ ގެއްލި ހުސް ނުވާ ގޮތަށް ބަލައި އޭގެތެރެއަށް ސަމްޝުއްދީނުގެ ރަދުންގެ ރަސްކަމުގެ ދެވަނަ ބައިގެ ވާހަކަތަކާއި ހާދިސާތައް ވެއްދުމުން މާމަގެ ތާރީހުގެ ފަހު އަދަދު ރީއްޗަށް ދިމާކޮށްލެވެ އެވެ. -- ހެޕީ ބާތު ޑޭ މާމާ --


ހުޅުމާލޭގެ ބާބަކިޔު ޕޮއިންޓަށް އިއްޔެ އައި ހަވީރު ފިނީގައި ފަށައި އިރުފޮހި ދަމެއް ކެނޑެން ދެން އުފަލުގައި ކުރިޔަށް ގެންދިޔަ މާމަގެ އުފަންދުވަހުގެ ޕާޓީގައި ވަރަށް ގިނަ ވާހަކަ ކިޔައިދޭން މާމަ ޓްރައި ކުރި އެވެ. މާމަގެ ދުރުމީގެ ހަނދާންތަކުން އެންމެ ކިޔައިދޭ ހިތުން ކިޔައިދެނީ އިސްދޫ މުއްޔަށް އުރުނު ޖަރުމަނު ބޯޓުގެ ވާހަކަ އެވެ. އަދި އެ ބިޔަ އާގު ބޯޓު އެހަލަން އޭރު އުމުރުން ހަތް އަހަރުގެ ކުއްޖެއްގެ ގޮތުގައި ހުރެ، އެ ދިމާއަށް ދުވުނު ހަނދާންތަކެވެ.

"މާމައަކަށް އެ ބޯޓުގެ ނަމެއް ނޭނގޭ، އެކަމަކު އެއީ ޖަރުމަނު ބަޔަކު ތިބި، ބޮޑު ބޯޓެއް ކަން އެނގޭ،" މާމަ ކިޔައި ދިނެވެ. -- މާމަ ކިޔައިދޭ އެ ބޯޓަކީ ބޭރު ލައިނަށް ނުކުމެ އުޅުނު ޖަރުމަނުގެ ކާގޯ ކެރިއަރެކެވެ. މި ސަރަހައްދުގައި އެ ބޯޓް ދުއްވީ ސިލޯންގެ ކުންފުންޏަކުންނެވެ. ފޭރޭ މީހުން އެ ބޯޓުގައި ތިބި ކަމަށް ބުނާ ބުނުމަކީ ހުސް ވާހަކައެކެވެ.

އެގޮތަށް ބެލިފައި އޮންނަނީ ލާމުގެ ބަހުން "އިސްދޫ މުއްޔަށް ބޯއްޓަ ޖިހީގެން އޮޅެނަ އިރު އެ ބޯއްޓު މީހުން އިސްދޫ ގަނޑަ އަވަށަށް ފައިބާ ވަގަށް ރުކު އަޅާގެން ކުރުންބާ ބޫމަ" އެވެ.

ބޯޓުގެ ހަނދާންތައް އާ ކުރަމުން މާމަ ކިޔައިދޭ ފަރިއްސަކީ އެ ހާދިސާއާ ގުޅޭ އެކަމަކު ބައިތައް ބުރި ބުރިވެފައިވާ ފަރިއްސެކެވެ.

މާމަގެ އެ ފަރިހިން އުފަންވެގެން އަންނަ ހަނދާންތަކުގެ ތެރޭ އެ ބޯޓުގައި ގިނަ ބައިވަރު މީހުން ތިބި ކަމާއި ނަންބަރު ކިޔަން ނޭނގުނު ކަމުގެ ވާހަކަ އާދެ އެވެ. ދެމި ބާރު އޮޔާއި އިސްދޫ މުލީގައި ނެގި ރާޅުގެ ބިޔަ ބޮޑު ކަމާއި އެ ހެސަ ރާޅުގެ ބައިގެ ތެރެއަށް އާގު ބޯޓް އޮޅައިލި ގޮތް އާދެ އެވެ. އޭގައި ކޮޅުކޮޅަށް ދުވުނު ޖަރުމަނު މީހުންގެ ބިރުވެރި ކަމާއި މާނަ ފުން އެތައް ވާހަކަތަކެއް ވެސް ކިޔައި ދެ އެވެ. އުފާވެފައި އިނދެ ހަމަ ކުއްލިއަކަށް ކިޔާލި މި ފަރިއްސަކީ އެ ބޯޓާ ގުޅުވައިގެން ކިޔައިދިން ފަރިއްސެކެވެ.

އެ ފަރިއްސަކީ ބޯޓު އެހެލަން އުޅުނު ވަގުތު އިސްދޫ މީހުން ކީ ފަރިއްސެކެވެ. މާމަގެ ހަނދާނުގައި އެ ރާގު ސަޅިކޮށް އަދި އެބައޮތެވެ.

"މާމަ އެއިނީ ވަރަށް އުފާވެފައި، އުފަންދުވަސް ފާހަގަ ކުރާކަން އެނގުނު ހިސާބުން ފެށިގެން މާމަ އިންނަނީ ވަރަށް އުފަލުން،" މި މާމައަށް މުނިމާމަ ކިޔާ ކުއްޖަކު އިއްޔެ ބުންޏެވެ.

ދަރިފުޅުމެނާ ދިމާއަށް ނުބަލަނީ ދަރިފުޅުމެން ހުއްސައިރިބައި ނޫންކަން އެނގޭތީ، މާމައާ ދިމާއަށް އެންމެން ބަލަނީ މާމަ ހުއްސަރިބައިކަން އެނގޭތީ،
ފާތުމަތު ޔޫސުފު

މާމަގެ އުފާވެރިކަން އިތުރުކޮށްލައި ދިނުމަށް އޭނާގެ ފާތުމަތު މާމައާ ގާތަށް ޖެހުނެވެ. އަދި ބުންޏެވެ: "މާމާ އެވެ. މިއަދު މާމަ ވަރަށް ރީއްޗެވެ! މިތާނަގައި އެންމެން ބަލަނީ މާމައާ ދިމާއަށެވެ! އަރެމެންނާ ދިމާއަށް ބަލާ މީހަކު ނެތެވެ!" ފާތުމަތަށް މާމަ ޖަވާބު ދެ އެވެ: "ދަރިފުޅުމެނާ ދިމާއަށް ނުބަލަނީ ދަރިފުޅުމެން ހުއްސައިރިބައި ނޫންކަން އެނގޭތީ އެވެ. މާމައާ ދިމާއަށް އެންމެން ބަލަނީ މާމަ ހުއްސަރިބައިކަން އެނގިގެނެވެ!"

މާމަ ބުނި ގޮތުގައި އޭނާ އަލަތު ކައިވެނި ކުރީ އުމުރުން 15 އަހަރުގަ އެވެ. އެ ކައިވެނީގައި ދަރިން ލިބުމުން ދިރިއުޅުން އަތޮޅުގެ މާބައިދޫއަށް ހިޖުރަ ކުރީ އެވެ. މާބައިދޫގައި ވެސް ދަރިން ލިބި މާމަ ދަރިން ވެސް ލިބުނެވެ. އެތަކެއް އަހަރު ފަހުން މާލެ އަށް ބަދަލުވީ ވެސް ދަރިންނާއެކު އެވެ. އަދިވެސް ދަރީންނާއެކު އެވެ.

މާމަ އުފަން ތިބީ ދެ ފިރިހެން ކުދީންނާއި ދެ އަންހެން ކުދިންނެވެ. މާމަ ކިޔާ 12 އަންހެން ކުދިންނާއި 14 ފިރިހެން ކުދިން ތިބި އިރު މުނިމާމަ ދަރިންނާއެކު 70 ކުދިން އެބަތިއްބެވެ.

"މި އާއިލާ ވަރަށް ބޮޑު ހުރިހާ އެންމެން ވެސް އެކަތިގަނޑެއްގެ ގޮތުގައި މިހާ ދުވަސްވީ އިރު އޮންނަނީ... ވަރަށް އުފާވޭ... މިއަދު މީނީ ވަރަށް އުފަލުން." މާމަ ބުންޏެވެ. މާމަގެ އެހެން ބުނެލުމުން މާމަގެ ކުދީންގެ ތެރެއިން އެއްކުއްޖަކު ބުނި ގޮތުގައި "މިހާ ދުވަހަށް އެކަތިގަނޑެއްގެ ގޮތުގައި އުފާވެރިކަން މަތީ އާއިލާ އޮތީ މާމަ ދިން ތަރުބިއްޔަތު ސަބުން" ނެވެ.

މާމަގެ ދަރީންގެ ތެރެއިން އާބިދާ ބުނި ގޮތުގައި ދާގަނޑެއް ފަދައިން މާމަގެ ހުރިހާ ކުދީން ގުޅި ލާމެހިފައި ވަނީ މާމަގެ ސަބަބުންނެވެ. މާމަގެ އުފާވެރި ކަމާއި ލޯބިންނެވެ. އޭނާ ބުނި ގޮތުގައި މާމަގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަ ކުރީ "މި ހުރިހާ ކުދިން ބަލައި ބޮޑު ކުރާ" ށެވެ.

"މަންމަގެ އުމުރުގެ ބޮޑު ބައެއް ހޭދަ ކުރީ ދަރިން ބެލުމުގައި،"

މާމަ ބުނި ގޮތުގައި ރީތި ގޮތުގައި ތަރުބިއްޔަތު ދީގެން އޭނާ ދަރިން ބޮޑު ކުރީ ރޯނު ވެށުމާއި ބޮނބި ތެޅުމުގެ މަސައްކަތް ކޮށްގެނެވެ. އެ މަސައްކަތުގައި އަމިއްލަ ދަރިންނަށްފަހު އުނގަށްލައިގެން ދެން ބޮޑު ކުރީ މާމަ ދަރިންނެވެ. އެއަށްފަހު މުނި މާމަ ދަރިންނެވެ. މުނި މާމަ ދަރިންނަށް ކާންދީ ފެންވަރުވާ ހަދަން މިއަދު ދަތި ވިޔަސް އެ ކުދިންނާ ދޭތެރޭ ބަހައްޓާ އޯގާތެރި ކަމާއި ލޯބި މާމަގެ މޫނުމަތިން އިއްޔެ ވެސް ފާޅުވި އެވެ.

މި މާމައަށް މުނި މާމަ ކިޔާ އެންމެ ހަގަށް ހުންނަ ކުއްޖާ އިއްޔެ މާމާގެ އުފަންދުވަހުގެ ޕާޓީއަށް ދިޔައެވެ. މާމަގެ އުނގަށް އެ ކުއްޖާ ވަނެވެ. މާމަ އެ ކުއްޖާ އާ ތޮޅެލައި ފިރުމައިލި އެވެ. އަދި ލޯބިން ނަގައި އުނގުގައި ބައިދަން މަސައްކަތް ކުރި އެވެ.

"މި އުޅެނީ ހުސް މަގޭ ދަރީން. ހައްތަހާވެސް އަހަރެން އަތް ހާކައިގެން ބޮޑު ކޮށްފައި ތިބި ކުދިން" މާމަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

މާމައަށް އެއް ގަރުނު ފުރުނު އުފަން ދުވަސް ފާހަގަ ކުރަން ހުރިހާ ކުދީން ތެދުވީ ވެސް މާމަދެކެ ވާ ލޯބިންނެވެ. އެ މާމަ އަކީ އެމީހުންނަށް ހަމަ އެކަނި މާމަ އަކަށް ނުވާތީ އެވެ.

"އެއީ އަހަރެމެން އެންމެންގެ މަންމަ. މާމަ ދަރިންނަށް ވެސް މަންމަ ނެތް ދުވަހު މަންމަގެ ލޯބި ދިނީ މާމަ. މުނި މާމަ ދަރިންނަށް ވެސް ހަމަ މަންމައެއް!" މާމަގެ އެއް ކުއްޖަކު ބުންޏެވެ.

ހިރި އެޅި ދިވެހި ލިބާހުގައި މާމަ ގޮވައިގެން ހުރިހާ މާމަ ދަރިން އެއްވެ، މާމަގެ ފާތުމަތު އަޅައިދިން ލިޔެލާ ޖެހި ބޮޑު ކޭކެއް ފަޅައި ފާހަގަ ކުރީ މާމަގެ އުފަން ދުވަހެވެ. ހުރިހާ ކުދިން ވެގެން މާމައަށް ކޭކް ލަވައި ދިނެވެ. މާމައަށް 100 އަހަރު ފުރި ދުނިޔޭގައި ގަރުނެއް ހޭދަ ކުރެވުނު އިރު މާމަގެ އޯގާތެރި ހިތާ އެންމެ ކައިރިން ބޮޑު ކުރި ދަރިންތައް މާމައަށްޓަކައި ލޯބި ބަންޑުންކޮށްލި މަންޒަރު ހުޅުމާލާގެ ބާބަކިޔޫޕޮއިންޓަށް ޖަމާވި އެންމެން ހައިރާންކޮށްލި އެވެ. އެންމެނަށް ނަމޫނާ މިސާލަކަށް އެކަންވި އެވެ. މާމަގެ އުފަންދުވަހުގެ ޕާޓީ ނިމެމުން ދިޔައެވެ. އަދި އެކުދީން ދުއާ ކުރި އެވެ. މާމައަށް އުފާވެރި ފާހަގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި އެވެ. ދުޅަހެޔޮ ސިއްހަތެއް ދެއްވާށި އެވެ. ދިގު އުމުރެއްގައި ލަހައްޓަވާށި އެވެ! -- އަލްހަމްދުލިﷲ