ރިޕޯޓް

ހާއްސަ އެހީގެ ކުދިންގެ ބެލެނިވެރިންގެ އަޑު: ކޮއްކޮ ދެރަވޭ!

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ އާދައިގެ ކުއްޖަކަށްވުރެ އިތުރަށް ލޯތްބާއި އަޅައިލުން ބޭނުންވާނެ ކުދިންނެވެ. އެހީތެރިކަމާ ނުލައި ގިނަ ކަންކަން ކުރަން ދަތި އެކުދިންނާމެދު މުޖުތަމައު ދެކޭގޮތް މަޑު މަޑުން މަޑުމަޑުން ބަދަލުވަމުން ދެއެވެ. އެކަހެރި ކުރުމުގެ ބަދަލުގައި އެހެން ކުދިންނާއެކު އެއް މާހައުލެއްގައި ކިޔަވައިދީ އެކުގައި ސްކޫލް ނިންމާއިރު ރަނގަޅު ނަތީޖާތައް ވެސް ދައްކަ އެވެ. މުޖުތަމައުގައި ކުދީން ބަލައިގަންނަން ފަށައި އެ ކުދިންނާ ދޭތެރޭ ކުރިން ދެކެމުން އައި ގޮތް ބަދަލުވަމުން ދިޔަ ނަމަވެސް، އެފަދަ ކުދިންގެ ބެލެނިވެރިން އަދިވެސް ކުރާ އާދޭހެއް އޮވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހެވެ؛ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިއަކު ސޯޝަލް މީޑިއާއަށް މުހިންމު ވާހަކަކޮޅެއް ދޫކޮށްލި އެވެ. އޭގައި ބުނަނީ މިހެނެވެ: "ކޮއްކޮ ދެރަވޭ.. މަންމަ ގާތު ލޯބިވާ ވާހަކަ ނުބުނެވޭތީ.. މަންމަ ގާތު ލޯބިވާ ވާހަކަ ބުނަން އެހީވެ ދެއްވާ.. އެއީ ކޮއްކޮގެ ހައްގެއް.."

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ލިޔުނު މި ކުޑަ މެސެޖަކީ އެ މަންމަގެ އިހުސާސްތަކެވެ. އޭނާގެ ދަރިފުޅު ބުނަން ބޭނުންވާ ވާހަކަތަކެވެ. ސްޕީޗް ޑިލޭގެ ސަބަބުން އެ ކުއްޖާއަށް ނުބުނެވޭ އެކަމަކު ބުނަން ބޭނުންވާ ވާހަކަތައް މަންމަ ބުނެދިނީ އެވެ. އޭނާ އެވާހަކަ އެންމެނަށް އެއް ފަހަރާ ބުނެދޭން ވެގެން ސޯޝަލް މީޑިއާއަށް ދޫކޮށްލީ އެވެ.

"އެންމެ ފުރަތަމަ އެ މެސެޖު ލިޔުނީ ވަރަށް ހިތްހަމަ ނުޖެހިގެން!" އޭނާ ބުންޏެވެ.

އެ މަންމަ ބުނި ގޮތުގައު އޭނާގެ ދަރިފުޅަކީ ސްޕީޗް ތެރަޕީ ބޭނުންވާ ކުއްޖެކެވެ. ތެރަޕީ ހޯދަން މާލޭގެ ހޮސްޕިޓަލްތައް ބެލި އިރު ކޮންމެ ތަނެއްގައިވެސް ޖެހެނީ އެތައް މަހެއް ވަންދެން މަޑު ކުރާށެވެ. ޕްރައިވެޓްކޮށް ތެރަޕީ ދޭ ތަންތަނުން ވެސް ބުނީ އިތުރު ތިން މަސް މަޑު ކުރަން ޖެހޭނެ އޭއެވެ.

"ތެރަޕިސްޓުން މަދުވެފައި މި ހިދުމަތް ހޯދަން ބޭނުންވާ ކުދިން ގިނަ ކަމުން އަސްލު މިހެން މިވަނީ. އެކުދިންނަށް ފަސޭހަ ގޮތެއްގައި ތެރަޕީ ދެވޭނެ ނަމަ އެ ހިދުމަތް ނުދެވި ލަސް ވެގެން ނުދާނެ. އޭރުން ބޮޑު ނުވަނީސް ނަތީޖާ ފެންނާނެ. ކުޑައިރު ފެށުމުން އެފެކްޓިވް ވާނީ." އޭނާ ބުންޏެވެ.

ސްޕީޗް ތެރަޕީ ދޭން ޖެހޭ ކުއްޖަކަށް ތެރަޕީ ދިނުން ލަސް ވާތީ ބެލެނިވެރިޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ޖެހި މި ސްޓޭޓަސް އިން އެތައް ބަޔަކަށް އަސަރު ކުރި އެވެ. އަދި އެތައް ބައެއްގެ ހިތާ ކުޅުނެވެ.

ބެލެނިވެރިޔާ ބުނި ގޮތުގައި އޭނާ އެ ސްޓޭޓަސް ޖަހައިގެން ވެސް ބޭނުންވީ އެއީ މިހާރުން މިހާރަށްވެސް ބަލަންޖޭހެ މައްސަލައެއް ކަން ބުނެ ދިނުމެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކާ ހިސާބަށް ގެންދިއުމެވެ.

"އަޅުގަނޑު ބޭނުންވީ ކޮންމެ ދުވަހަކު މިކަހަލަ މެސެޖެއް ޖަހައިގެން ނަމަވެސް އާއްމުން ވެސް، ކަމާބެހޭ ފަރާތްތައްވެސް މިކަމުގެ ހުރި ސީރިއަސްކަން އަންގަން. އަޅުގަނޑުގެ ދަރިފުޅަށް ތެރަޕީ ނުދެވި ހޭދަވާ ކޮންމެ ދުވަހަކީ އަނބުރާ ލިބޭނެ ދުވަހެއް ނޫން. ގިނަ ދުވަސް ވާވަރަކަށް ތެރަޕީ ދޭން ވެސް އުނދަގޫ ވާނީ. ތެރަޕީ ލިބުމަކީ އެއީ އަޅުގަނޑުގެ ދަރިފުޅުގެ ހައްގެއް،" ބެލެނިވެރިޔާ ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން އިސްވެ ވަނީ ކެމްޕޭނެއް ފެށި އެވެ. ކެމްޕެއިން މަހެއް ވަންދެން ކުރިއަށް ގެންދިޔަ އެވެ. ކެމްޕޭނުން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ބުނެދިނީ އެފަދަ ކުދިންނަށް ދިމާވާ ދަތިތަކެވެ. ބުނެ ދިނީ އެ ކުދިން ބުނަން ބޭނުންވާ އެއްޗިހި ބެލެނިވެރިންގެ ދުލުންނެވެ. އަދި ބެލެނިވެރިންނަށް ކޮންމެ ދުވަހަކު ދިމާވާ ގޮންޖެހުން ތަކުގެ ވާހަކަތައް ވެސް ލިޔެ ބުނެދިނެވެ.

މިއީ ކެމްޕެއިންގެ ތެރެއިން ސޯޝަލް މީޑިއާއަށް ބެލެނިވެރިއެއް ދޫކޮށްލި އިހުސާސެކެވެ: "ކޮއްކޮ ދެރަވޭ! ކޮއްކޮއަށް ކަމެއް ކުރެވުނީމަ މާ ބާރަށް ކުދިން ހަޅޭލަވައިގަންނާތީ.. ކަންފަތަށް ވެސް ތަދުވޭ.. ރީތިކޮށް އެހެން ނަހަދާށޭ ތަދުވެޔޭ ނޫނީ އުނދަގޫވެޔޭ ބުނީމަ މާ ރަނގަޅު. ގަބޫލު ވެސް ކުރެވޭ. ކޮއްކޮ އާ ވެސް ރީތިކޮށް ވާހަކަ ދައްކާ އެއީ ކޮއްކޮ ގެ ހައްގެއް!"

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރު ވަމުންދާއިރު ރާއްޖޭގައި އެ ކުދިންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ނުލިބުމަކީ ބެލެނިވެރިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ.

ތެރަޕީތައް ނުލިބުމާއި ފަރުވާ ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ބެލެނިވެރިން އަބަދު ދައްކަ އެވެ. ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގެ މީހުންނަށް ދިމާވާ އުނދަގޫތައް ދެގުނަ އިތުރެވެ. އެ މީހުން އެވާހަކަ އާދޭހުގެ ރާގުލާފައި ދައްކަ އެވެ.

"ކިތަންމެ ވަރަކަށްވެސް މި ވާހަކަ ދެއްކިދާނެ. މި ކުދިން ދުނިިޔެއަށް އައީ އަހަރުމެން ފުށުން... އެ ކުދިން އަމިއްލައަށް ބޭނުން ވެގެނެއް ނޫން! އެކުދިންގެ އެއްވެސް ކުށެއް ނެތް. އެކަމު އެ ކުދިންގެ އަސާސީ ބޭނުންތައް ނުލިބި މި ދަނީ. މައި ލަގޮނޑިއަށް ކެތްވާނެތަ؟ ނުވެއޭ!" ކޮއްކޮ ދެރަވޭ ކެމްޕެއިންގައި އިސްވެ ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި "ކޮއްކޮ ދެރަވޭ" ކެމްޕޭން ކޮންމެ ދުވަހަކު ހިންގަމުން ގޮސް ބެލެނިވެރިން ހިނގާނެ މަގެއް ފެނިއްޖެ އެވެ. އަލި މަގެއް ފެނުނީ ޖެންޑާ މިނިސްޓަރާ ބައްދަލު ވެގެނެވެ.

މިނިސްޓަރު ޝިދާތާއާ ބައްދަލު ކުރުމަށްފަހު އޭގެ ތެރެއިން ބެލެނިވެރިން ބުނި ގޮތުގައި އެ މިނިސްޓްރީން މިހާރުވެސް ގެންދަނީ މައްސަލަތައް ބަލަމުންނެވެ. ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކާ ބޭހޭ ގޮތުން ވާހަކަ ދައްކާނެ ހާއްސަ ޕްލެޓް ފޯމެއް ގާއިމް ކޮށްދޭނެ އެވެ.

ޝިދާތާގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ސެން ޔުނިޓުގެ އިސްވެރިންނާ ވެސް ބެލެނިވެރިން ބައްދަލު ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ "ކޮއްކޮ ދެރަވޭ" ގެ އަޑު އައްސަވައި ތެރަޕީގެ ހިދުމަތްތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ތެރަޕީގެ ހިދުމަތްތައް ސްކޫލް މެދުވެރިކޮށް ދެވޭތޯ މަސައްކަތް ކުރައްވާނެ އެވެ. އެ ކުދީންނަށް އެންމެ އެކަށީގެންވާ ހިދުމަތް ދިނުމުގެ މަސައްކަތް ފަށައި ރަނގަޅަށް މޮނީޓާ ކުރަން ހާއްސަ ޑިޕާޓްމަންޓެއް ވެސް އުފައްދާނެ އެވެ.

"ކޮއްކޮ ދެރަވޭ" ކެމްޕެއިނުގައި އަލިކަމެއް ފެނި އުންމީދުގެ ހުޅުކޮޅެއް ދިއްލުމުން ކެމްޕެއިން ނިމުނީއެއް ނޫވެ. އެ ބެލެނިވެރިންގެ އަޑު އިތުރަށް ގަދަ ކުރުމުގެ ގޮތުން އާ ކެމްޕެއިނެއް ވަނީ ފަށާފަ އެވެ. މިފަހަރު "#އެނގޭތަ" ނަމުގަ އެވެ. އިއްޔެ ފެށި މި ކެމްޕެއިން އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ބެހޭ މައުލޫމާތުތައް ބުނެދެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ތެރަޕީތައް ދޭން ޖެހެ އެވެ. ސިއްހީ ހިދުމަތްތަކަކީ ސަރުކާރުން ފުރިހަމަ އިސް ކަމެއް ދީގެން ފޯރުކޮށްދޭން ޖެހޭ ހައްގެކެވެ. ނަމަވެސް ފެންނަ މަންޒަރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެ ހައްގުތައް ނުލިބި މަހުރޫމްވާތަނެވެ. ބެލެނިވެރިންގެ ކުކުރުމެއްގެ ގޮތުގައި "ކޮއްކޮ ދެރަވޭ" އައީ އެހެންވެގެނެވެ.