ރިޕޯޓް

މަޝްރޫއުތައް ހުއްޓި، ގެއްލެނީ

ބޮޑު އަގުގައި ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ވަރަށް ފޯރީގައި އިފްތިތާހު ކުރެ އެވެ. މި މަޝްރޫއުތައް ވެގެންދަނީ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއުތަކަކަށެވެ. އެއީ އެ ރައްޔިތުންގެ އެތައް ދުވަހެއްގެ އުންމީދެވެ. އެކަމަކު އަބަދުވެސް ކުރާ ޝަކުވާއެއް އޮވެ އެވެ. މަޝްރޫއުތައް އިފްތިތާހުކޮށް ބަޔަކާ މަސައްކަތް ހަވާލުކޮށްލުމުން ނިމުނީއެއް ނޫނެވެ. މަސައްކަތް ފަށައި ރައްޔިތުންނަށް ހިދުމަތް ވެސް ލިބެން ޖެހެ އެވެ. މި ޝަކުވާތައް ފުނިޖެހިފައިވާއިރު މިގޮތަށް ނުފެށި އެތައް މަޝްރޫއުއެއް މިއަދު ފެންނަން އެބައޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ޝަކުވާއަކީ ވެސް މިއީ އެވެ. އެ މެމްބަރުންގެ ދާއިރާގެ ތަރައްގީއަށް މުހިންމު މަޝްރޫއުތައް ނުފެށި ލަސްވުމެވެ. ނޫން ނަމަ ފަށާފައިވާ ޕްރޮޖެކްޓް ވަކި ހިސާބަކުން ބުރެކި ޖެހި ކުރިއަށް ދެވޭ ގޮތް ނުވުމެވެ. ރައްޔިތުންގެ މި ހުރިހާ ޝަކުވާތަކަށް ޖަވާބުދާރީވާން ހުންނަނީ ދާއިރާ ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. އެ މެމްބަރު ދެން ޖެހެނީ އެ ޕްރޮޖެކްޓެއް ހިންގާ މިނިސްޓްރީއެއްގެ ވަޒީރު ފަހަތުން ދުވާށެެވެ. ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުުރުވަނީ ވެސް ގިނަ ފަހަރު ހަމަ މިފަދަ މައްސަލަތަކުގަ އެވެ. މިއީ މި ޕްރޮސެސް ހިނގާ ގޮތެވެ. އަބަދުވެސް އެކަކު އަނެކަކު ފަހަތުން ވާނުވާ ހޯދަން ދުވުމެވެ.

މިހުރިހާ ޝަކުވާއަކާއެކީ ދެން އުފެދެނީ ހުސް ސުވާލެވެ. ތަރައްގީއާ ގުޅިފައިވާ ގިނަ މަޝްރޫއުތައް ގެއްލެނީ ނުވަތަ ހުއްޓެނީ ކީއްވެ ހެއްޔެވެ؟ އަސްލު މައްސަލައަކީ ކޮބައި ހެއްޔެވެ؟ މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މިހެންގޮސް މި ސުވާލުތަކަށް ވެސް ނިމެއް ނެތެވެ.

އެންމެ ގިނައިން ޑިފޯލްްޓް ވަނީ ކުދި ކުދި ކޮންޓްރެކްޓްތައް

ސަރުކާރުން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑެތި މައްސަލަތައް ފެންނަމުން ދަނީ ރަށް ރަށުގައި ހިންގާ ކުދި ކުދި ޕްރޮޖެކްޓްތަކުން ނެވެ. މާލިއްޔަތު ގާނޫނުގެ ދަށުން ފަސް މިލިއަނަށް ވުރެ ކުޑަ ޕްރޮޖެކްޓްތައް ޓެންޑާ ބޯޑުން ފާސްނުކޮށް މިނިސްޓްރީތަކަށް މަަސައްކަތްތައް ހަވާލު ކުރެވެ އެވެ.

އާންމުކޮށް އެންމެ ގިނައިން ފަސް މިލިއަނަށް ވުރެ ދަށުން ކޮންޓްރެކްޓައް ހަވާލުކޮށް އުޅެނީ ޔޫތު މިނިސްޓްރީއާއި އެޑިއުކޭޝަން ފަދަ މިނިސްޓްރީ ތަކުން ނެވެެ. ނަަމަވެސް މި މިނިސްޓްރީތަކުން ހަވާލުކުރާ ކޮންޓްރެކްޓްތައްް ޑިފޯލްޓްވާ މައްސަލަ އަކީ އަބަދުވެސް ޖެހޭ މައްސަލައެކެވެ.

މިފަދަނ ގިނަ ކޮންޓްރެކްޓްތައް ޑިފޯލްޓްވަނީ އެ ކޮންޓްރެކްޓްތަކާ ހަވާލުވާ ކުންފުނިތަކުގެ ގާބިލުކަން ނެތުމުން ކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ. މިދިޔަ މަހު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހުގައި ދެއްކެވި ވާހަކައިން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ އެވެ.

މިނިސްޓަރު މަހުލޫފް މަޖިލީހުގައި، ސަރުކާރުން މިހާރު އަޅަމުންދާ ބައެއް ދަނޑުތައް ނުނިމި ލަސްވަމުންދާކަން ފާހަގަކުރައްވައި ވިދާޅުވެފައި ވަނީ އެކަން އެހެން ދިމާވަނީ މަސައްކަތްތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންގެ ގާބިލްކަން ނެތުމުގެ ސަބަބުން ކަމަަށެވެ.

"ވަރަށް މަދު ދަނޑެއްގެ މަސައްކަތް ނޫނީ އެހެން ހުރިހާ މީހުންނާއެކު ސޮއި ކުރެވި ގިނަ ދަނޑުތަކުގެ ޓާފުތައް ރާއްޖެ ގެނެވިއްޖެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރަކީ ކޮންޓްރެކަޓަރުންނަށް އެ މަސައްކަތް ނުކުރެވޭތަން. އަޅުގަނޑުމެން ބޭނުންވާ ދުވެލީގަ މި ކަންކަން ކުރިއަށް ގެންދާ ވަރުގެ ކެޕޭސިޓީ މިއަދު ރާއްޖޭގަ ހުރި ކުންފުނި ތަކުގައެއް ނެތް،" މަހްލޫފް ވިދާޅުވި އެވެ.

އެކަން އެފަދަ ކުދިންފުނިތަކުން ވެސް ގަބޫލުކުރެ އެވެ. ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ކޮންޓްރެކްޓްތައް ނަގައިގެން މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި، މައްސަލަތައް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކުދި ކުދި ކޮންޓްރެކްޓައް ނަގައިގެން އުޅޭ ކުންފުނިތަކުގައި ކަމަށެވެ. އެއް މަސައްކަތް ނުނިންމާ ފެއިލްވެފައި ތިބޭ ކޮންޓްރެކްޓަރުންނަށް ދެވަނަ ފަހަރަށް ކޮންޓްރެކްޓް އެވޯޑުކުރާކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އެކަމަކު ސަރުކާރުގެ ޓެންޑާ ބޯޑުގެ ތެރެއިން މި ބައިބައި ކުޑަ. ޓެންޑާ ބޯޑުގައި އާންމުކޮށް ދޭނީ ގްރޭޑް ކުރެވިފައި އޮންނަ ކުންފުނިތަަކަށް. ދޭއިރު އެމީހުން ކޮލިފިކޭޝަންސްވެސް ބަލާނެ." ކުންފުންޏެއްގެ އިސްވެރިއަކު އަވަސްއަށް ވިދާޅުވި އެވެ.

ޑިފޯލްޓްވާ ކޮންޓްރެކްޓަރުންނަށް އެހެން ކޮންޓްރެކްޓްތައް ހަވާލު ކުރޭ

ދެން އޮތީ އަނެއް މައްސަލަ އެވެ. ތަކުރާރުކޮށް ހަވާލުކުރާ ކޮންޓްރެކްޓް ޑިފޯލްޓްވާ ކުންފުނިތަކަށް އަނެއްކާ އެހެން ޕްރޮޖެކްޓްތައް ހަވާލުކުރާ މައްސަލައެވެ. އެކަން ބައެއް މިނިސްޓަރުން ގަބޫލުކުރައްވަ އެވެ. އެކަން އެޑިއުކޭޝަން މިނިސްޓަރު އެންމެ ފަހުން މަޖިލީހަށް ހާޒިރުކުރެއްވި ދުވަހުން ހާމަވެގެން ދިޔަ އެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ ޑިފޯލްޓްވާ ކޮންޓްރެކްޓަރުން ފާހަގަކޮށް އެ ކުންފުނިތައް ބްލެކް ލިސްޓު ކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ފަހުން ކޮންޓްރެކްޓްތައް ޑިފޯލްޑް ނުވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

އެކަމަކު އެކަން މިއަދު ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް މިއީ ކުރިންވެސް އިވި ބާވެފައިވާ ވާހަކަ އެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ ސަރުކާރުން ވަކި ކުންފުނިތަކަކަށް ފައިދާކޮށްދޭން ކުރާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ބަޖެޓު އަދި މާލިއްޔަތު ކޮމިޓީގައި މި މައްސަލަ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވުން ފިޔަވައި އަމަލީ ގޮތުން އެއްވެސް ނަތީޖާއެއް ނުނިކުންނަކަން ފާހަގަކުރައްވައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އެޑިއުކޭޝަން މިނިސްޓްރީގައި ޑިފޯލްޓްވެފައި ހުންނަ ކޮންޓްރެކްޓަރަކު ޔޫތު މިނިސްޓްރީން ދާގޮތަށް ގޮސް ޕްރޮޖެކްޓް ވިންކުރެވިގެން ނުވާނެ. ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއަކީ ދައުލަތް. ހުރިހާ ތަނަކަަށް ވެސް ފައިސާ ދޫކުރަނީ ފިނޭންސް މިނިސްްޓްރީން. އެއް މިނިސްޓްރީއެއްގައި ޑިފޯލްޓް ރެކޯޑް އޮވެ އެހެން މިނިސްޓްރީގައި އެފަދަ ރެކޯޑެއް ނެތް ކަަމަށް ބަލައި އެފަދަ ފަރާތްތަަކަށް ކޮންޓްރެކްޓްތައް އެވޯޑް ކުރެވިގެން ނުވާނެ" ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަވަސް އަށް ވިދާޅުވި އެވެ.

މި ބީދައިން ކޮންޓްރެކްޓްތައް ހަވާލުކުުރުމުން އެފަދަ ކޮންޓްރެކްޓްތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ޝައްކުކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގާބިލު ނޫން ކުންފުނިތަކުން ވެސް އެޑްވާންސް ފައިސާގެ ދަހިވެތިކަމުގައި ކޮންޓްރެކްޓްތައް އަޑިއަޑިން ހޯދުމުގެ ޖާގަ އެބައޮތް ކަމަށެވެ.

މިކަމަކަށް އޮތް ހައްލަކީ ކޮބާ؟

ކޮންޓްރެކްޓައް ހަވާލުކޮށް ނުފެށޭ ކޮންމެ ފަހަރަކު ކުރިމަތިވާ ޕްރެޝަރުތަކާ އެކު ދެން ޖެހެނީ އެ މަޝްރޫއުތައް އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށް މަަސައްކަތް ކުރިއަށްގެންދާށެވެ. އެއާއެކު ތިން ހަަތަރު މިލިއަން ރުފިޔާއަށް ހަވާލު ކުރާ ޕްރޮޖެކްޓްތައް ނިމޭއިރު 20 ނުވަތަ 25 މިލިއަން ރުފިޔާއަށް ވެސް ބައެއް ފަހަަރު އަރައިގެން ދެއެވެ. ނޫން ނަމަ އެފަދަ ޕްރޮޖެކްޓްތައް ދެން ހިންގަން ޖެހޭނީ ކުޑަ ކުޑަ ބަޖެޓާއެކު ވަރަށް ފެންވަރު ދަށް ކޮށެވެ.

"ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ކުޑަހުވަދޫގައި ހަ ކްލާސްރޫމް ހަދަން ލިބުނު. ނަމަވެސް އެ މަސައްކަތް ހަވާލުވި ބަޔަަކަށް އެކަން ނުވެ ޑިފޯލްޓްވުމުގެ ސަބަބުން ވޯލްޑް ބޭންކުން ދިން އެހީ ކަނޑާލި އެ މީހުން ދިން މުއްދަތުގެ ތެރޭގަިއ އެކަން ނުވެގެން. ދެން އެކަން ކުރީ ޕީއެސްއައިޕީގެ ތެރޭގައި ހިމަނައިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން، ދެން ކުޑަހުވަދޫ ކޮންޓްރެކްޓަރެއް އެތަން ނިންމީ ނުއަގުގައި. " ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ވިދާޅުވި އެވެ.

ކޮންޓްރެކްޓް ޑިފޯލްޓްވުން ހުއްޓުވަން މިވަގުތު އޮތް ހައްލަކީ ރަށްރަށުގައި ހިންގާ ކުދި ކުދި ކޮންޓްރެކްޓްތައް އެ ރަށެއްގެ ކޮންޓްރެކްޓަރުންނާ ހަވާލުކޮގެން ކުރިއަށް ގެންދިއުމެވެ. އެކަން ކުރާނެ ގާބިލު ކޮންޓްރެކްޓަރުން ރަށް ރަށުގައި ތިބޭނެ ކަމަށް އާމިރު ގަބޫލުކުރައްވަ އެވެ.

"ރަށް ރަށުގެ ކޮންޓްރެކްޓަރުން އެ މަސައްކަތް ނުކުރީމަ ރަށްރަށުގެ ރައްޔިތުން އެ މީހުންނާ ދެކޮޅަށް ނުކުންނާނެ. އެކަމަކު ރަށުން ބޭރު ކޮންޓްރެކްޓަރުން ވީމަ ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ،" އާމިރު ވިދާޅުވި އެވެ.

ކޮންޓްރެކްޓްތައް ބަޔަކާ ހަވާލުކުރުމަށްފަހު ދެން އެހިސާބުން ސަރުކާރުގެ ދައުރު ނިމުނީއެއް ނޫނެވެ. މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި މޮނީޓާ ކުރަން ޖެހެ އެވެ. ގަވާއިދުން މޮނީޓާކޮށް ފިޔަވަޅު އަޅާނަމަ ކުންފުނިތަކުން ޖައްސާ ސްޓަންޓްތައް ފެއިލް ކޮށްލެވޭނެ އެވެ. މަސައްކަތުގެ ސްޕީޑަށް ހަލުވިކަން ވެސް އަންނާނެ އެވެ. އެކަމަކު މަޝްރޫއެއް ހަވާލުކުރުމަށްފަހު ސަރުކާރުން އަޅައެއް ނުލަ އެވެ. އޭގެ ސަބަބުން ކުންފުނިތަކުން ހަދަނީ ހަދާނެ ގޮތެވެ. އެތައް މިލިއަން ފައިސާ އިސްރާފުވެގެން ދެ އެވެ. ރައްޔިތުންގެ އުންމީދުތައް ފެނަށް ވެގެންދާ މަންޒަރު ވެސް ފެނެ އެވެ. އެހެންކަމުން ވާނުވާގައި އޮތް މަޝްރޫއުތައް ފަށައި އަވަހަށް ނިންމައިލުން ވަރަށް މުހިންމެވެ.