އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮޖެކްޓްތަކާ ހަވާލުވުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދާ ކުންފުނިތައް ބްލެކްލިސްޓު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިުރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އާމިރު އެއްސެވީ ކުޑަހުވަދޫ ދާއިރާގައި ހިމެނޭ ދ. މާއެނބޫދޫގެ ސްކޫލުގައި މަލްޓިޕާޕޯސް ހޯލެއް އެޅުމަށް ފައުންޑޭޝަން އެޅުމަށް ފަހު މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއްވެ ތަން ވީރާނާ ވަމުންދާ ކަމަށެވެ. އަދި މިބާވަތުގެ ޕްރޮޖެކްޓްތައް ހަވާލުކުރާ ފަރާތްތައް ޑިފޯލްޓް ވެގެން ދާއިރުގައި އެކަންކަމަށް ހަރުދަނާ ފިޔަވަޅެއް އެޅުމުގެ ވިސްނުން ގެންގުޅޭތޯ އެވެ.
މިނިސްޓަރު ވިދާޅުވީ ދ. މާއެނބޫދޫގެ އިމާރާތުގެ މަސައްކަތް ކުރިން ހަވާލުކުރި ކޮންޓްރެކްޓާގެ މަސައްކަތް ރަނގަޅަށް ނުދާތީ ކޮންޓްރެކްޓް ބާތިލުކޮށް އަލުން އިއުލާން ކޮށްފައިވާ ކަަމަށާއި އަދި އެ ޕްރޮޖެކްޓް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެެ. އަދި ވިދާޅުވީ ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލު ކުރުމަށް ފަހު ހުއްޓާލާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެކަން ތަަކުރާރު ނުވާނެގޮތް ހަދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެެ.
" ދެންމެ ތި [މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ވާހަކަ] ވިދާޅުވީ ވަރަށް ރަނގަޅު ވާހަަކައެއް. މިފަދަ ކޮންޓްރެކްޓާސް މިހާރު ހަމަ އަޅުގަނޑުމެންގެ މިނިސްޓްރީއާއި ޕްލޭނިން އަދި ފިނޭންސް ގުޅިގެން އެ ކޮންޓްރެކްޓާޒްތައް ފާހަގަ ކޮށްފައި އެ ބޭފުޅުން ބްލެކް ލިސްޓުކުުރުމުގެ ޕްރޮސެސްއެއް ވެސް އެބަ ކުރިއަށް ގެންދޭ. ދެން އިރާދަ ކުރެއްވިއްޔާ ދެން މިކަހަލަ ކަމެއް މެދުވެރިއެއް ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.