ފިނޭންސް މިނިސްޓްރީ

ޓީބިލުގެ ބުރަބޮޑުވެ ސަލާމަތް ނުވެވިފައި

ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެއްޖެ އެވެ. ހަރަދުތައް ފޫބެއްދުމަށް ޓްރެޝަރީ ބިލް ވިއްކަން އޮންނަނީ ޖެހިފަ އެވެ. އަހަރު ނިމެމުން ދަނިކޮށްވެސް ފެނުނީ އެ މަންޒަރެވެ. ފިނޭންސް މިނިސްޓްރީން ވަނީ 3.4 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. ފަތުރުވެރިކަމަށް ބަރޯސާ ވާން ޖެހިފައި އޮތް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. ފަތުރުވެރިކަން ހުއްޓުނީ އެވެ. ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ދިޔައީ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 14.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި އެވެ.

ފެންނަން ހުރި ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަރުކާރުން ވިއްކި ޓީބިލްތަކާއި ބޮންޑްގެ އަދަދު ދިޔައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ޓީބިލުތަކަށް 2018 ވަނަ އަހަރު ނިމުނުއިރު ދައްކަން ޖެހޭ އަދަދު 15 ބިލިއަން ރުފިޔާއަށް އަރަ އެވެ. ބޮންޑާއެކު އެ އަދަދު 29.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ޓްރެޝަރީ ބިލްތަކަށް ސަރުކާރުން ދައްކަން ޖެހޭ އަދަދު 18.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. ބޮންޑް ހިމަނައިގެން އެ އަދަދަކީ 37.4 ބިލިއަން ރުފިޔާ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި 2020 ވަނަ އަހަރަކީ ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިންތިހާއަށް އިތުރުވި އަހަރެކެވެ. އެ އަހަރު ދައުލަތުގެ ހަރަދު 35 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ އަހަރު ނިމުނުއިރު ޓީބިލުތަކަށް ސަރުކާރުން ދައްކަންޖެހޭ އަދަދު ވަނީ 24 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ބޮންޑް ހިމަނައިގެން އަދަދު 46 ބިލިއަނަށް އަރަ އެވެ.

ފިނޭންސް މިނިސްޓްރީގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓީބިލުތަކަށް 2021 ވަނަ އަހަރު ނިމުނުއިރު ސަރުކާރުން ދައްކަންޖެހޭ އަދަދަކީ 25.8 ބިލިއަން ރުފިޔާ އެވެ. ޑޮލަރުން ވިއްކާފައިވާ ޓީ-ބިލުތަކާއި ބޮންޑްތައް ހިމަނައިގެން 2021 ވަނަ އަހަރު ނިމުނުއިރު ސަރުކާރުން ޓީބިލުތަކާއި ބޮންޑަށް ދައްކަންޖެހޭ ފައިސާ ވަނީ 57 ބިލިއަނަށް އަރާފަ އެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ މިހާރު 64.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މިމަހުގެ ހަތްވަނަ ދުވަހުގެ ތަފާސްހިސާބުތަކެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް

  • އެއް މަސް ދުވަސް ތެރޭގައި: 2.5 ބިލިއަން ރުފިޔާ
  • ތިން މަސް ދުވަސް ތެރޭގައި: 3.2 ބިލިއަން ރުފިޔާ
  • ހަ މަސް ދުވަސް ތެރޭގައި: 4.2 ބިލިއަން ރުފިޔާ
  • އެއް އަހަރު ތެރޭގައި: 25.1 ބިލިއަން ރުފިޔާ
  • ތިން އަހަރާއި ފަސް އަހަރު ތެރޭގައި: 9.8 ބިލިއަން ރުފިޔާ
  • ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 1.1 ބިލިއަން ރުފިޔާ
  • ހަތް އަހަރާއި 10 އަހަރުގެ ތެރޭގައި: 5.7 ބިލިއަން ރުފިޔާ
  • 10 އަހަރާއި އޭގެ ފަހުން: 12 ބިލިއަން ރުފިޔާ

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދެއްކުމަށް މިހާރުގެ ހާލަތުން 35 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ އެވެ. އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރަނީ 32 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރެވެ. ބަޖެޓު ޑެފިސިޓްވާ ވާހަކަ އެންމެ ހަރުއަޑުކޮށް ދައްކާނީ އެ އިރެއްގައި އިދިކޮޅުގައި އޮންނަ ފަރާތްތަކުން ނެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ ބަސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވަނީ ރާއްޖެ ބަނގުރޫޓްވާ މަންޒަރެވެ. ޓީބިލަށް ދައްކަންޖެހޭ އަދަދުތައް ބޮޑުވުމާއި ނަގާފައިވާ ބޮޑެތި ލޯންތަކަށް ލުއި ހޯދަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް ނަޝީދު އަބަދުވެސް ތުހުމަތުކުރައްވަ އެވެ. ރަސްމީ ރިޒާވްގައި އެކަށީގެންވާ އަދަދެއް ނެތް ކަމަށްވެސް ދުރުދުރުން އެބަ ވިދާޅުވެ އެެވެ. އެހެންވެ ރާއްޖެ ބަނގުރޫޓުވާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމުގައިވެސް އެންމެ ފަހުން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސްރީލަންކާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށްފަހު ގާނާ ސަރުކާރާއެކު ވެސް އެ ގައުމުތަކުގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފަ އެވެ. އެ ދެ ގައުމުން ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ އެ ދެ ގައުމުވެސް ދިޔައީ "ބަނގުރޫޓުގެ މަގަށް" ކަމަށެވެ. އެހެންވެ ރާއްޖެ ވެސް ބަނގުރޫޓް ވުމުގެ ކުރިން ކުރިއަށް އޮތް ހަފުތާތަކުގައި ދިވެހި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތެލަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިކަންކަމާއި ގުޅޭ ގޮތުން އަޅުގަނޑަށް ޝައްކު އުފެދޭތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރުގެ ރައްދު

ރާއްޖޭގެ ބަނގުރޫޓްވުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެއީ ބަޔަކު އަލަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކުރައްވާ އަމީރު ވިދާޅުވީ ވަކި ފަރާތްތަކުން މިވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި، ސަރުކާރު ބަލިކަށިކޮށް، މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް، ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

އަމީރު ގަބޫލުކުރައްވާ ގޮތުގައި ދަތިތަކާއެކުވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ގޮންޖެހުންތައް ދަނީ ގިރާކުރަމުންނެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖުކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަ އެވެ. އަމީރު އަށް ރާއްޖޭގެ އިގުތިސާދީ ކުރިމަގު ފެނިވަޑައިގަންނަނަވަނީ ވެސް ފަހިކޮށެވެ. ކޮވިޑުން އަރައިގަނެ އެންމެ އަވަހަށް ކުރި އަރާ އިގުތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަން އަމީރު ފާހަގަކުރައްވަނީ ކާމިޔާބެއްގެ ގޮތުގަ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީ ކަމުގައި އެ ދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރި ވާހަކަ. ފޮރުވާކަށް ނޫޅެން. ހުރިހާ ތަފާސްހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން." އަމީރު ވިދާޅުވި އެވެ.

ބަޖެޓު 2023

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. 42.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ފާސްކުރީ އިތުރު 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ. އެކަމަކު އާމްދަނީ އިން ޓީބިލުތައް ދައްކާ ހަލާސް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާނަމަ އެއީ މާލީ ބޮޑު ބުރައެކެވެ.